Roadha Mihaaru
އޮމިކްރޯން ފެތުރުން ހަލުވި، ވެކްސިންގެ ބާރު ދަށްވޭ

އޮމިކްރޯން ފެތުރުން ހަލުވި، ވެކްސިންގެ ބާރު ދަށްކޮށްލާ: ޑަބްލިއުއެޗްއޯ

13 ޑިސެމްބަރ 2021

ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން، އޮމިކްރޯން ބާވަތުގެ ވައިރަހަކީ، މިހާތަނަށް އެންމެ ނުރައްކާތެރި ކަމަށް ފާހަގަކުރެވިފައިވާ ޑެލްޓާ ބާވަތުގެ ވައިރަހަށް ވުރެ ހަލުވިކޮށް ފެތުރޭ ވައިރަހެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.

ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން، އޮމިކްރޯން ބާވަތުގެ ވައިރަހަކީ، މިހާތަނަށް އެންމެ ނުރައްކާތެރި ކަމަށް ފާހަގަކުރެވިފައިވާ ޑެލްޓާ ބާވަތުގެ ވައިރަހަށް ވުރެ ހަލުވިކޮށް ފެތުރޭ ވައިރަހެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.

އެ ޖަމިއްޔާ އިން އިއްޔެ ބުނި ގޮތުގައި އޮމިކްރޯން ބާވަތުގެ ވައިރަސް، ޑެލްޓާ ބާވަތުގެ ވައިރަހަށް ވުރެ ހަލުވިކޮށް ފެތުރުމުގެ އިތުރުން، ކޮވިޑުން ދިފާއުވާ ވެކްސިންގެ ބާރު ވެސް ދަށްކޮށްލަ އެވެ. އެހެން ނަމަވެސް، އޮމިކްރޯން ބާވަތުގެ ވައިރަހުގެ ސަބަބުން ކޮވިޑް ޖެހޭ މީހުންގެ ހަށިގަނޑުން ބަލީގެ ބޮޑެތި އަލާމާތްތައް ފެންނަ މިންވަރު، އެހެން ބާވަތްތަކުގެ ވައިރަހަށް ވުރެ ދަށެވެ.

ކޮވިޑް ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން މިހާތަނަށް އެންމެ ނުރައްކާތެރި ކަމަށް އެނގިފައިވަނީ، މި އަހަރުގެ ތެރޭގައި އިންޑިޔާ އިން ފެނުނު ޑެލްޓާ ބާވަތުގެ ވައިރަހެވެ. އަދި މިހާތަނަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހިފައިވަނީ ވެސް، ޑެލްޓާ ބާވަތުގެ ވައިރަހުގެ ސަބަބުން ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ނަމަވެސް މިދިޔަ މަހުގެ ތެރޭގައި ދެކުނު އެފްރިކާ އިން ފެނުނު އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގައި އުފެދިފައިވާ ބިރުވެރިކަން ވަނީ މާ ބޮޑުވެފަ އެވެ. އެފްރިކާގެ ދެކުނު ބިތުގައިވާ ގައުމުތަކުގެ މީހުން އެތެރެވުން، ދުނިޔޭގެ ގިނަ ގައުމުތަކަކުން މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި ދެކުނު އެފްރިކާގައި ވެސް ވަނީ، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފަ އެވެ.

ދެކުނު އެފްރިކާ އިން ފެނުނު އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް، މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް، 63 ގައުމަކަށް ފެތުރިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެ އެވެ. މިހާތަނަށް ކުރެވުނު ދިރާސާތަކުން އެނގުނު ގޮތުގައި، އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް އެންމެ ހަލުވިކޮށް ފެތުރެމުން ދަނީ، ދެކުނު އެފްރިކާގަ އެވެ. އެއީ ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަސް މިހާތަނަށް ނުފެންނަ ގައުމެކެވެ.

ދެ ވަނަ އަށް އެންމެ ހަލުވިކޮށް އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެތުރެމުން ދަނީ، މިހާރު ވެސް ހަލުވިކަމާ އެކު ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަސް ފެތުރެމުންދާ އިނގިރޭސި ވިލާތުގަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނި ގޮތުގައި، އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަސް ފެތުރޭ ހަލުވިމިން، އެހެން ބާވަތްތަކުގެ ވައިރަސްތަކަށް ވުރެ އިތުރުވަނީ، ހަށިގަނޑުގެ ދިފާއީ ނިޒާމަށް އެ ވައިރަސް ބަލިކޮށްނުލެވޭތީ ކަމެއް، ނުވަތަ ގައިން ގަޔަށް އެރުމުގެ ގާބިލްކަން އިތުރުވުމުން ކަމެއް ނުވަތަ އެ ދެ ސަބަބާ ހުރެ ކަމެއް ކަށަވަރުކޮށް ބުނާކަށް އަދި ނޭނގެ އެވެ. އެކަން މިހާތަނަށް ކަށަވަރު ނުވަނީ، އޮމިކްރޯން ބާވަތުގެ ވައިރަހާ ބެހޭ ގޮތުން މިހާތަނަށް ހޯދިފައިވާ މައުލޫމާތުގެ މަދުކަމުންނެވެ.

ނަމަވެސް މިހާތަނަށް ހޯދުނު މައުލޫމާތަށް ބަލާއިރު، ކޮވިޑުން ދިފާއުވުމަށް މިހާރު ޖަހަމުން އަންނަ ވެކްސިންގެ ބާރު ދަށް ކޮށްލުމުގެ ގާބިލްކަން، ކޮންމެވެސް ވަރަކަށް އޮމިކްރޯން އަށް ލިބިގެންވެ އެވެ. އަދި ޑެލްޓާ ބާވަތުގެ ވައިރަހަށް ވުރެ ބޮޑަށް އޮމިކްރޯން ބާވަތުގެ ވައިރަސް ފެތުރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

މިހާތަނަށް އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހުން ބަލި ޖެހުނު މީހުންގެ ހާލަތަށް ބަލާއިރު، ބަލީގައި ބޮޑުވަރު ވަނީ ވަރަށް މަދު ބަޔަކަށެވެ. ގިނަ މީހުންގެ ހަށިގަނޑުން ފެންނަނީ ވަރަށް އާދައިގެ އަލާމާތްތަކެވެ. އަދި ބައެއް މީހުންގެ ހަށިގަނޑުން އެއްވެސް އަލާމާތެއް ނުފެނި ވެސް ބަލިން ރަނގަޅުވެ އެވެ.

ކޮވިޑާ ދެކޮޅަށް ވިލާތުގެ ގައުމުތަކުގައި އެންމެ ގިނައިން ބޭނުންކުރާ ފައިޒާ ވެކްސިން އުފެއްދި ކުންފުނިން ބުނެފައިވާ ގޮތުގައި ފައިޒާ ވެކްސިންގެ ތިން ޑޯޒް ފުރިހަމަކުރުމުން، އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހާ ދެކޮޅަށް ވެސް ހަށިގަނޑުގައި އެކަށީގެންވާ ދިފާއެއް އުފައްދައިދެ އެވެ.