Roadha Mihaaru
އޮމިކްރޯން އާއި ޑެލްޓާއިން ކޮވިޑްގެ ސުނާމީއެއް އުފެދެނީ

އޮމިކްރޯން އާއި ޑެލްޓާއިން ކޮވިޑްގެ ސުނާމީއެއް އުފެދެނީ

30 ޑިސެމްބަރ 2021

މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އޮމިކްރޯން އާއި ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހުގެ ސަބަބުން، މުޅި ދުނިޔެއަށް ކޮވިޑްގެ ސުނާމީއެއް ވަރަށް އަވަހަށް ފެތުރިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން އިއްޔެ އިންޒާރުކޮށްފި އެވެ.

މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ބަލި ޖައްސާ ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އޮމިކްރޯން އާއި ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހުގެ ސަބަބުން، މުޅި ދުނިޔެއަށް ކޮވިޑްގެ ސުނާމީއެއް ވަރަށް އަވަހަށް ފެތުރިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން އިއްޔެ އިންޒާރުކޮށްފި އެވެ.

ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔުސެސް ވިދާޅުވީ މި ދެ ބާވަތުގެ ވައިރަސް މިހާރު ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، ދުނިޔޭގެ ގައުމުތަކުގެ ސިއްހީ ހިދުމުގެ ނިޒާމަށް އޮބިނޯންނަ ވަރުގެ ސުނާމީއެއް ކުރިމަތިވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް ކަމަށެވެ.

"ޑެލްޓާ ބާވަތުގެ ވައިރަހާ އެކުގައި އޮމިކްރޯން ބާވަތުގެ ވައިރަސް މިހާ ހަލުވިކޮށް ފެތުރެމުންދާ ނަމަ، ކޮވިޑްގެ ސުނާމީއެއް އުފެދިދާނެތީ އަހަރެން ވަރަށް ކަންބޮޑުވޭ،" އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔުސެސް ވިދާޅުވި އެވެ.

ކޮވިޑް-19 ބަލިމަޑުކަން ވަބާއެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފެތުރެން ފެށިތާ މިހާރު ދެ އަހަރުވީ އެވެ. މި ބަލި އެންމެ ފުރަތަމަ ޗައިނާއިން ފެނުނުކަމަށް އެ ގައުމުން ބުނަނީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުގަ އެވެ. އަދި ބަލި ޖައްސާ ވައިރަހުގެ އާ ބާވަތްތައް ވެސް ދަނީ ފެންނަމުންނެވެ.

ކޮވިޑް ޖައްސާ ވައިރަހުގެ ތަފާތު ބާވަތްތަކުގެ ތެރެއިން އެންމެ ހަލުވިކޮށް ފެތުރޭ ކަމަށް ފާހަގަކުރެވިފައިވަނީ، އެންމެ ފަހުން ދެކުނު އެފްރިކާ އިން ފެނުނު އޮމިކްރޯން ކިޔާ ބާވަތުގެ ވައިރަހެވެ. ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔުސެސް ވިދާޅުވި ގޮތުގައި އޮމިކްރޯން ބާވަތުގެ ވައިރަހުގެ ސަބަބުން ކޮވިޑް ޖެހޭ މީހުންގެ ހާލު މާބޮޑަށް ދެރަނުވާ ކަމަށް ބުނަން އަދި މާއަވަހެވެ.

އޮމިކްރޯން ބާވަތުގެ ވައިރަސް ފުރަތަމަ ފެނުނީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުގެ ތެރޭގައި ކަމަށް ވިޔަސް، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި މިހާރު އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހެނީ މި ބާވަތުގެ ވައިރަހުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ވިލާތުގެ ގައުމުތަކުގެ ސިއްހަތާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި އޮމިކްރޯން ބާވަތުގެ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވޭނީ، އަދި ބަލި ޖެހުމުން ހާލު ބޮޑުވާ ނިސްބަތް ދަށް ކުރެވޭނީ ވެސް، ވީހާ ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ޖަހައިގެންނެވެ. ނަމަވެސް ވެކްސިން ޖެހުމުގައި ގިނަ ގައުމުތަކަށް މާބޮޑު ކާމިޔާބެއް ހާސިލެއް ނުކުރެވެ އެވެ.

ކޮވިޑުން ދިފާއުވުމުގެ ވެކްސިން ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ، މި އަހަރު ނިމުމުގެ ކުރިން، ކޮންމެ ގައުމެއްގެ ވެސް އާބާދީގެ 40 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ޖެހުމަށެވެ. ނަމަވެސް އެ ޖަމިއްޔާގައި ހިމެނޭ 194 ގައުމުގެ ތެރެއިން 92 ގައުމެއް އަދިވެސް އޮތީ އެ ލަނޑުދަނޑި ހާސިލް ނުކުރެވި އެވެ.

އެ އަމާޒަށް ވާސިލުނުވެވުމުން، އެ ޖަމިއްޔާއިން މިހާރު ގޮވާލާފައިވަނީ، މިފެށޭ އަހަރުގެ ޖުލައި މަސް ފެށުމުގެ ކުރިން، އާބާދީގެ 70 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިން ދިނުމަކީ އާ އަހަރުގެ އަޒުމް ކަމުގައި ހެދުމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަލަށް ކޮވިޑް ޖެހުނު މީހުންގެ ނިސްބަތް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ، އޭގެ ކުރީ ހަފުތާއަށް ވުރެ 11 ޕަސެންޓް އިތުރުވެފަ އެވެ. ޑިސެމްބަރު 20-26 އަށް، އަލަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 4.49 މިލިއަނަށް ވުރެ ގިނަ އެވެ.

މިހާރު ކޮވިޑް ފެތުރެމުންދާ ހަލުވިމިނާއި، ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންގެ ނިސްބަތަށް ބަލާއިރު، ކޮވިޑްގެ ސަބަބުން ދުނިޔޭގެ ސިއްހީ ހިދުމަތުގެ ނިޒާބަށް ބުރަ ބޮޑުވާ މިންވަރު ދަނީ އިތުރުވަމުންނެވެ. އެ ބުރަ ކުޑަކުރެވޭނީ، ގިނަ ބަޔަކު ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްގެން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެ އެވެ.