Roadha Mihaaru
ބޮމުގެ އިންޒާރު ދިން މީހާގެ ބަންދަށް އިތުރު 3 ދުވަސް

އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އިންޒާރު ދިން ކަމަށް ބުނާ މީހާގެ ބަންދަށް އިތުރު ތިން ދުވަސް

12 ޖުލައި 2021

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަަށް ގެންދަން ކްރިމިނަލް ކޯޓުން އިތުރު ތިން ދުވަސް އިއްޔެ ދީފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަަށް ގެންދަން ކްރިމިނަލް ކޯޓުން އިތުރު ތިން ދުވަސް އިއްޔެ ދީފި އެވެ.

"ރޮޔަލް ހުސެން ތަކުރު" ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން މީގެ ދެ ހަފުތާ ކުރިން ކުރި ޓްވީޓެއްގައި ވަނީ އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އާރްޑީއެކްސް ބޭނުންވާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށް ބުނެފަ އެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޔުނިޓުން ބަލަމުންދާ އެ މައްސަލައިގައި ހައްޔަރު ކުރީ، މުހައްމަދު އިނާދު ނަމަކަށް ކިޔާ އުމުރުން 42 އަހަރުގެ މީހެކެވެ. އޭނާއަކީ އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި މައްޗަންގޮޅި ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހެޅި މީހެކެވެ.

އެ މައްސަލައިގައި މި މަހުގެ ތިންވަނަ ދުވަހުގެ ރޭ އިނާދު ހައްޔަަރު ކުރުމަށް ފަހު، އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަަށް ގެންދަން ކްރިމިނަލް ކޯޓުން ފުރަތަމަ ދިނީ ހަތް ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވާތީ ބަންދު އިތުރު ކުރަން އިއްޔެ ކޯޓަށް ގެންދިއުމުން އިތުރު ތިން ދުވަސް ދިނީ އެވެ.

ކޯޓު އަމުރުގައި ވަނީ އިނާދަށް ކޮންމެވެސް ވަރަކަށް ތުހުމަތު ކުރެވޭ ވަރަށް ފުލުހުން ހެކި ހުށަހަޅާފައި ހުރި ކަމަށެވެ. މައްސަލަ ޖެހުނު ޓްވީޓު ކުރީ ސީދާ އޭނާކަން ތުހުމަތު ކުރެވޭ ވަރަށް ފުލުހުން އަދި ހެކި ހުށަހަޅާފައި ނުވި ނަމަވެސް އެއީ އޭނާ ކަމަށް ބާރުދޭ ގަރީނާތަކެއް އެބަހުރި ކަމަށް ކޯޓު އަމުރުގައި ވެ އެވެ.

އިނާދުގެ ފަރާތުން ބުނެފައި ވަނީ، ބަހުސްގެ ބޭނުމަށް އޭނާ އެ ޓްވީޓު ކުރި ކަމަށް ބެލިޔަސް، އެކަން ޖިނާއީ މިންގަނޑަށް ފެތޭނީ ވަކި އެއްޗެއް ބުނީ އެކަމެއް ކުރުމުގެ ނިޔަތުގައި ކަމަށް ވާ ނަމަ ކަމަށެވެ. އިނާދާ ދެކޮޅަށް އެއްވެސް ހެއްކެއް ހޯދިފައި ނުވާ ކަމަށް ބުނެ ބަންދުން ދޫކޮށްލަން އޭނާގެ ފަރާތުން އެދުނެވެ.

ނަމަވެސް، ދޫކޮށްލައިފި ނަމަ ހެކި ނައްތާލަފާނެތީ އާއި އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެން ބަންދު އިތުރު ކުރަން ގާޒީ ސަފްއަތު ހަބީބު ނިންމެވި އެވެ.

އިނާދުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގުގެ މައްޗަށް ބިނާކޮށް އޭނާ އެމްޑީޕީން ވަކިކުރަން ވެސް އެ ޕާޓީއިން މިހާރު ވަނީ ނިންމައިފަ އެވެ.

އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޯޝަލް މީޑިއާ އާއި އެ ނޫން ވެސް ވަސީލަތްތައް ބޭނުންކޮށްގެން، މީހުންނަށް އަނިޔާވެރިވުމަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ ކަންކަމަށް ހިތްވަރު ދޭ މީހުންގެ މައްސަލަަތައް ބަލަައި ފިޔަވަޅު އަޅާނެ ކަމަށެވެ.