Roadha Mihaaru
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

ރާއްޖެއަށް އާންމުކޮށް އަންނަ އިންޑިއާ މީހަކު މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކޮށްފި

04 ސެޕްޓެމްބަރ 2024

ވަރަށް ގިނައިން ރާއްޖެއަށް އަންނަ އިންޑިއާ މީހަކު މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވަރަށް ގިނައިން ރާއްޖެއަށް އަންނަ އިންޑިއާ މީހަކު މަނީ ލޯންޑަރިންގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ މީހާގެ ބަންދަށް އިއްޔެ ފަސް ދުވަސް ދީފަ އެވެ.

އިންޑިއާގެ އަބްދުލް ރަގޫބް ނިސްތާރު ހަލީމް ރަހްމާން ހައްޔަރުކޮށްފައި ވަނީ އޭނާގެ އަތުން ގިނަ އަދަދަކަށް ޑޮލަރު ފެނުމުންނާއި އެ ފައިސާ ހޯދި ގޮތް ފުލުހުންނަށް ސާފުކޮށްދީފައި ނުވުމާއި އަދި ރާއްޖެ އެތެރެވެ، ޖެހިގެން އަންނަ ދުވަހު އޭނާ އަބަދުވެސް ފުރައިގެން ދާތީ ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ކަމަށް އޭނާގެ ބަންދުގެ އަމުރުގައި ބުނެފައިވެ އެވެ.

އެއީ ކިހާ އަދަދެއްގެ ޑޮލަރު ކަމެއް ކޯޓު އަމުރުގައި ބުނެފައެއް ނުވެ އެވެ.

"ފުލުހުން ފަރާތުން ބުނެފައި ވަނީ، މީނާގެ އަތުން ގިނަ އަދަދެއްގެ ޑޮލަރު ފެނިފައިވާ ކަމަށާއި، އަދި އެއީ އެހެން މީހުން މީނާއާ ހަވާލުކުރި ޑޮލަރުކަން ދޭހަވާ ފަދަ ލިޔުން ފެނިފައިވާ ކަމަށާއި، މީނާ އަކީ ވަރަށް ގިނައިން ދިވެހިރާއްޖެ އެތެރެ އަދި ޖެހިގެން އަންނަ ދުވަހު ފުރައިގެންދާ މީހެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ،" ކޯޓު އަމުރުގައި ބުންޏެވެ.

އޭނާގެ ނަން ވެސް ޕާސްޕޯޓުން ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.

ކޯޓު އަމުރުގައި ބުނި ގޮތުގައި، އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައި ވަނީ 24 ގަޑިއިރު ފަހަނައަޅައި ދިޔަ ފަހުން ކަމަށް ބުނެ އޭނާގެ ދިފާއީ ވަކީލުން ވަނީ ހައްޔަރު އިޖުރާއަތުތައް ރަނގަޅު ނޫން ކަމަށް ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށްފަ އެވެ. ނަމަވެސް، ފުލުހުން ބުނެފައި ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް އޭނާގެ ގެންދިޔަ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރުކުރި ކަމަށެވެ.

އެ އަމުރުގައި ބުނީ މި މައްސަލާގައި ކަސްޓަމްސްގެ ބެލުމުގައި ދަށުގައި އޭނާ ހިފެހެއްޓުމަށް ފަހު، އޭނާގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވުނު ހިސާބުން ފެށިގެން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔަކަން ލިޔެކިޔުންތައް އެނގޭ ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވަގުތުން ފެށިގެން ކޯޓަށް ހާޒިރުކުރި ވަގުތާ ދެމެދުގައި 24 ގަޑިއިރު ފާއިތުނުވާ ކަމަށް ވެސް އެ އަމުރުގައި ބުންޏެވެ.

އޭނާގެ ބަންދާ މެދުގައި ގޮތް ނިންމުމުގައި ބެލި ކަންކަން ބަޔާންކޮށް ކޯޓު އަމުރުގައި ބުނީ ޖިނާއީ ތުހުމަތަކަށް ނުވާ ގޮތަށް ކަސްޓަމްސްގެ ގާނޫނުގެ ދަށުން މީހަކު ހިފެހެއްޓުމުގެ ބާރު މޯލްޑިވްސް ކަސްޓަމްސަށް ލިބިގެންވާ ކަމަށެވެ. ހަމަ އެގޮތަށް މީހަކު ހިފެހެއްޓުމުގެ ބާރު މޯލްޑިވްސް އިމިގްރޭޝަނަށް ވެސް ގާނޫނުން ލިބިފައިވާ ކަމަށް އެ އަމުރުގައި ވަނީ ފާހަގަކޮށްފަ އެވެ.

އޭނާ ބަންދުކުރަން އަމުރުކުރި ސަބަބުތައް ކަމަށް ކޯޓު އަމުރުގައި ބުނެފައި ވަނީ؛

• ޖިނާއީ ބޮޑު މައްސަލައެއްގެ ތުހުމަތުކުރުން.

• އޭނާ އަތުން ފެނުނު ފައިސާ ލިބިފައިވާ ގޮތް ސާފުކޮށްދެވިފައި ނުވުން.

• އޭނާގެ ޓްރެވަލް ހިސްޓްރީއަށް ބަލާއިރު، ޝައްކުވާ ފަދަ އަމަލުތަކެއް ހުރުމުން.

ނަމަވެސް، އޭނާގެ ދިފާއީ ވަކީލުން ޝަރީއަތުގައި ބުނި ގޮތުގައި، އޭނާގެ އަތުން ހިފަހައްޓާފައިވާ ފައިސާއަކީ ސައްހަ ފައިސާ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑާކުރުމުގެ ތުހުމަތާ ގުޅޭ އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވެ އެވެ. ފުލުހުން މީގެ ކުރިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ވެސް ބަންދުނުކޮށް ހުރިކަން ފާހަގަކޮށް، ހަރުކަށި ޝަރުތުތަކެއް ކުރުމަށް ފަހު އޭނާ ބަންދުން ދޫކޮށްލުމަށް ވަކީލުން ވަނީ އެދިފަ އެވެ.