Roadha Mihaaru
މާލީ ކުށްތަކާ ގުޅޭ އިންޑިއާގެ މާހިރުން ރާއްޖެ އަށް

މަނީ ލޯންޑަރިންގެ މައްސަލަތައް ބަލަން އިންޑިއާގެ މާހިރުން ރާއްޖެ ފޮނުވަނީ

29 މެއި 2019

ރާއްޖޭގައި ހިންގާ މަނީ ލޯންޑަރިން އާއި މާލީ އެހެން ކުށްތައް ތަހުގީގު ކުރުމުގެ ޚާއްސަ މާހިރުން ފޮނުވުމަށް އިންޑިއާ އިން ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ހިންގާ މަނީ ލޯންޑަރިން އާއި މާލީ އެހެން ކުށްތައް ތަހުގީގު ކުރުމުގެ ޚާއްސަ މާހިރުން ފޮނުވުމަށް އިންޑިއާ އިން ނިންމައިފި އެވެ.

އެ ގައުމުގެ އިސް އޮފިޝަލުންނާ ހަވާލާދީ "އިކޮނޮމިކް ޓައިމްސް" އިން ބުނީ ރާއްޖޭގައި ހިންގާ މާލީ ކުށްތައް ތަހުގީގު ކުރާނެ ޚާއްސަ މީހުން އިންޑިއާ އިން ފުރަތަމަ ފޮނުވާނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އެ މީހުންގެ މަސައްކަތަކީ ކޮރަޕްޝަނާއި މަނީ ލޯންޑަރިންއާ ދެކޮޅަށް ރާއްޖޭގެ އެޖެންސީތަކާއި ބައިނަލްއަގްވާމީ އެޖެންސީތައް ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ސްޓްރެޓެޖީ އެކުލަވައިލުން ކަމަށް ވެސް އިންޑިއާގެ އިސް އޮފިޝަލުން ވިދާޅުވި އެވެ.

"އިންޓަޕޯލް، ލަންޑަން މެޓްރޮޕޮލިޓޭން ޕޮލިސް އަދި އެފްބީއައި އާއި އެހެނިހެން އިދާރާތަކުން އޮޕަރޭޝަނަލް ސަޕޯޓް ހޯދާނެ ގޮތްތައް މި އޮފިސަރުން ކަނޑައަޅައި ދޭނެ،" އިކޮނޮމިކް ޓައިމްސްއާ ވާހަކަ ދެއްކެވި އިންޑިއާގެ އޮފިޝަލުން ވިދާޅުވި އެވެ.

ރާއްޖެ އަށް ފޮނުވާނެ މާހިރުން ކަނޑައެޅުމަށްޓަކައި މީހުން ހޯދާނެ ކްރައިޓީރިއާ ވެސް މިހާރު ވަނީ އާއްމު ކޮށްފަ އެވެ.

މަނީލޯންޑަރިން އާއި ހިޔާނާތުގެ މައްސަލަތަކާއި ޓެކްސް އަށް މަކަރު ހެދުން ފަދަ މާލީ ކުށްތައް ތަހުގީގު ކުރަން އިންޑިއާގެ މާހިރުން ކުރިން ވެސް އެހެން ގައުމުތަކަށް ފޮނުވާފައި ވެ އެވެ. އެގޮތުން، ސިންގަޕޫރާއި މޮރިޝަސް އަށް ވެސް މީގެ ކުރިން މާހިރުން ފޮނުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރު ވުމަށް ފަހު އެގުޅުން މިހާރު ވަނީ ބަދަހިވެފަ އެވެ. އެގައުމުގެ މާހިރުން ރާއްޖެ އަށް ފޮނުވަން ނިންމާފައި މިވަނީ ޔާމީންގެ ސަރުކާރުގައި ހިންގި މަނީލޯންޑަރިންގެ މައްސަލަތަކެއް ބަލަމުން އަންނަ ދުވަސްވަރެއްގަ އެވެ.