Roadha Mihaaru

އަދީބު މިނިވަންވުމުގައި ސަރުކާރުގެ އިހުމާލެއް ނެތް، ބޭރުގައި ނުފިލޭނެ: އިމްރާން

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް އިއްވި ހުކުމްތަކުން، ކޯޓުތައް މެދުވެރިވެ އޭނާ މިނިވަން ވުމުގައި ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ އިހުމާލެއް ނެތް ކަމަށާއި ބޭސްފަރުވާ އަށް ބޭރަށް ފޮނުވަނީ ނުފިއްލެވޭނެ ކަމުގެ ކަށަވަރު ކަމާ އެކުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އަދީބަށް ނުފިލޭނެ ކަން ކަށަވަރު: އިމްރާން
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

12 ޖޫން 2019

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް އިއްވި ހުކުމްތަކުން، ކޯޓުތައް މެދުވެރިވެ އޭނާ މިނިވަން ވުމުގައި ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ އިހުމާލެއް ނެތް ކަމަށާއި ބޭސްފަރުވާ އަށް ބޭރަށް ފޮނުވަނީ ނުފިއްލެވޭނެ ކަމުގެ ކަށަވަރު ކަމާ އެކުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ބޮޑެތި ކުށްތަކެއްގައި ތުހުމަތު ކުރެވޭ އަދީބު ބޭސްފަރުވާ އަށް ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުން ވަނީ ދީފަ އެވެ. މިކަމާ ގުޅިގެން ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ކަރެކްޝަންސް އަދި އިމިގްރޭޝަންގެ އިސްވެރިން ވަނީ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ އަންނަ ހުކުރު ދުވަހު އަދީބު ބޭރަށް ފޮނުވަނީ އިންޑިއާގެ ސަރުކާރާ ވެސް މަޝްވަރާކޮށް ހަރުދަނާ އިންތިޒާމުތަކެއްގެ ދަށުން ކަމަށެވެ. ޑޮކްޓަރަށް ދައްކައި މުއްދަތު އިތުރުކުރަން ލަފާ ނުދޭ ނަމަ، މި މަހުގެ 26 ގައި އަދީބު މާލެ ގެންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދީބާ އެކު ފުލުހުންނާއި ކަރެކްޝަންސްގެ ހަ އޮފިސަރަކު ދަތުރުކުރާނެ އެވެ. އަދީބު ފިއްލަވައިފި ނަމަ އެއީ ސަރުކާރު ފޭލްވުން ކަމަށާއި އެ ޖާގައެއް ނެތް ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު ހަމަ އަމިއްލަ ނަފްސަށް އަދި ދިވެހި ރައްޔިތުންނަށް ޔަގީކަން އަރުވަން ބޭނުންވޭ އިރާދަކުރެއްވިއްޔާ އަހްމަދު އަދީބު ފިލުމަކަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުންނާއި އަދި ކަރެކްޝަނަލް ސާވިސްގެ ފަރާތުން އެއްވެސް ފުރުސަތެއް އިރާދަކުރެއްވިއްޔާ ނުދޭނެ،" އިމްރާން ވިދާޅުވި އެވެ.

ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި މުއައްސަސާތަކުގެ އިސްވެރިންނާ ސުވާލު ކުރަނީ. --ފޮޓޯ/މަޖިލީސް

ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި މުއައްސަސާތަކުގެ އިސްވެރިންނާ ސުވާލު ކުރަނީ. --ފޮޓޯ/މަޖިލީސް

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ކްރިމިނަލް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

އެއާއެކު އަދީބު މިނިވަންވި މައްސަލައިގައި ސަރުކާރަށް އަމާޒުކުރާ ފާޑުކިއުންތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި ކޯޓުތަކުގެ ނިންމުމުގައި ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ އިހުމާލެއް ނެތެވެ.

"ފުލުހުން ތަހުގީގުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަނިކޮށް، އަދީބު ކުއްލިއަކަށް މިނިވަންވެގެން ދިޔަ ދިއުން އެއީ، ހޯމް މިނިސްޓްރީއަކަށް ވެސް ޕޮލިސް ސާވިސް އަކަށް ވެސް ކަރެކްޝަނަލް ސާވިސް އަކަށް ވެސް ޒިންމާ ނެގޭނެ ކަމެއް ނޫން. އަޅުގަނޑުމެންގެ އެއްވެސް ފަރާތެއްގެ އިހުމާލެއް، ފަރުވާ ކުޑަކުރުމެއް ނެތް،" އިމްރާން ވިދާޅުވި އެވެ.

ސަރުކާރުގެ މުއައްސަސާތަކުގެ ދައުރު އަންނަނީ، އޭނާ ވިދާޅުވި ގޮތުގައި، ފުރިހަމަ އަށް އަދާކުރަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އަދީބާ ގުޅޭ ގިނަ މައްސަލަތަކެއްގެ ތަހުގީގު ވަރަށް ފުޅާދާއިރާއެއްގައި މިހާރު ވެސް ކުރިއަށް އެބަދާ ކަމަށެވެ. އެ މައްސަލަތަކުގައި، ވޭތުވެދިޔަ ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި ފުލުހުން ވަރަށް ގިނަ ކުރިއެރުންތަކެއް ވެސް ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ، އަދީބަށް ތުހުމަތު ކުރެވޭ މާލީ އަދި އެ ނޫން ކުށްތަކުގައި ވެސް ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެސް ހޯދިފައި ނުވާ ވަރުގެ ބޮޑު ކުރިއެރުންތަކެއް ކަން އިމްރާން ފާހަގަކުރެއްވި އެވެ.

ސަރުކާރުގެ އެއް އަމާޒަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ މައްސަލަތައް ކޯޓުތަކާ ހަމައަށް ގެންގޮސް އިންސާފު ގާއިމްވުމެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވި ގޮތުގައި އަދީބާ އެކު ފުލުހުންގެ ތިން އޮފިސަރުން ދަތުރުކުރާ އިރު އޭނާ އަށް ފިއްލަވައިގެން އެއްވެސް ތަނަކަށް ވަޑައިނުގެންނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ. ދައުލަތުގެ މަސްލަހަތާއި އަދީބުގެ ރައްކާތެރި ކަމަށްޓަކައި ވެސް ފުލުުހުންގެ އިންތިޒާމްތައް ވާނީ ވަރުގަދަކޮށްފައި ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދީބާ ގުޅޭ މައްސަލަތަކުގައި ފުލުހުން މި ފަހުން ފެށި ތަހުގީގުތަކަށް ގިނަ ކަންތައްތަކެއް ވަނީ ހޯދިފަ އެވެ.

"އަޅުގަނޑުމެންގެ މުއައްސަސާގެ ގާބިލްކަން އޮތް އެންމެ މަތީ މިންވަރަށް ފުރިހަމަ އަށް އިންތިޒާމް ކުރެވިގެން ދާނެ ކަން ޔަގީންކުރުމަކީ ޕޮލިސް ސާވިސްގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންގެ ކޮނޑުގައި އެޅިފައި އޮތް މަސްއޫލިއްޔަތެއް، ޒިންމާއެއް. އެ ޒިންމާ އަޅުގަނޑުމެން އަދާކުރާނަން،" ހަމީދު ވިދާޅުވި އެވެ.

އަދީބު މިހާރު ހުންނެވީ، ކުރިން އޮތް ޝަރީއަތުގެ މަޖިލިހެއްގައި ކޯޓުގެ ހުރުމަތް ކެނޑުއްވުމުން އިއްވި 15 ދުވަހުގެ ބަންދުގަ އެވެ. މި މަހުގެ 18 ގައި އޭނާގެ ބަންދުގެ މުއްދަތު ހަމަވާނެ އެވެ.