Roadha Mihaaru
ހައިކޮމިޝަން ގޮއްވާލަން ގޮވި މީހާއަށް ޓެރަރިޒަމް ދައުވާ

އިންޑިއާގެ ހައި ކޮމިޝަން ގޮއްވައިލާނެ ކަމަށް ބުނި މީހާ އަށް ޓެރަރިޒަމްގެ ދައުވާކޮށްފި

30 ސެޕްޓެމްބަރ 2021

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގެ އިމާރާތް ގޮއްވައިލާނެ ކަމަށް ބުނެ ޓްވީޓްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގެ އިމާރާތް ގޮއްވައިލާނެ ކަމަށް ބުނެ ޓްވީޓްކުރި ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ހައި ކޮމިޝަން ގޮއްވައިލާނެ ކަމުގެ އިންޒާރު ދިން މައްސަލައިގައި ދައުވާ އުފުލީ މއ. ރެސްޓިންހައުސް މުހައްމަދު އިނާދު، 41، ގެ މައްޗަށް ކަމަށެވެ. އޭނާއަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާ އެވެ.

އިނާދުގެ މައްޗަށް އެ ކުށް ސާބިތުވެއްޖެ ނަމަ 4-6 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެ އެވެ.

އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އާރްޑީއެކްސް ބޭނުންވާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށް ބުނެ ޓްވީޓްކޮށްފައި އޮތީ "ރޮޔަލް ހުސެން ތަކުރު" ނަމުގައި އޮތް އެކައުންޓަކުންނެވެ. ފަހުން އެ އެކައުންޓު ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އެ މައްސަލައިގައި އޭނާ މީގެ ކުރިން ހައްޔަރު ވެސް ކުރި އެވެ.

އިނާދަކީ އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރުމަށް ހުށަހެޅި އެ ޕާޓީގެ މެމްބަރެކެވެ. މި މައްސަލައިގައި ފުލުހުން ހިންގި ތަހުގީގުގެ މައްޗަށް ބިނާކޮށް އިނާދު އެމްޑީޕީން ވަކިކުރަން ވެސް އެ ޕާޓީން މިހާރު ވަނީ ނިންމައިފަ އެވެ.