Roadha Mihaaru

ޓެރަރިޒަމްގެ މައްސަލައެއްގައި ދައުވާކޮށްފި

މިދިޔަ މާޗް މަހު ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހެއްގެ މައްޗަށް، ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުމާއި ހަނގުރާމައަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށްފި އެވެ.

ޓެރަރިޒަމްގެ މައްސަލައެއްގައި ދައުވާކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

08 އޯގަސްޓް 2025

މިދިޔަ މާޗް މަހު ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހެއްގެ މައްޗަށް، ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުމާއި ހަނގުރާމައަށް ދާން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށްފި އެވެ.

ދައުވާ ކޮށްފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ އައިއެސް ޖަމާއަތަށް ތާއިދުކުރާ ބަޔަކު ހަމަލާއެއް ދިނުމަށް ރާވަމުން ދިޔަ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މި އަހަރުގެ މާޗު މަހު ހިންގި "ގައުމީ ސަލާމަތާބެހޭ އޮޕަރޭޝަނުގައި" ހައްޔަރުކުރި މީހުންގެ ތެރެއިން ދައުވާކުރަނީ ސ. މަރަދޫ ފިނިފެންމާގެ، އިބްރާހީމް ވިސާމް، ގދ. ނަޑެއްލާ ހިތަށްފިނިވާގެ، ސައުސަން ރަޝީދު އަދި މ. އެޗީވް، އަބްދުﷲ ހުވައިރިސް ބިން މުހައްމަދެވެ.

ވިސާމްގެ މައްޗަށް ކުރަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން، ހަނގުރާމަ އަށް ދާން އުޅުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 5-7 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނާނެ އެވެ.

ސައުސަންގެ މައްޗަށް ދެ ދައުވާ ކުރެ އެވެ. އެއީ ހަނގުރާމަ އަށް ދާން އުޅުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. މީގެ ތެރެއިން ފުރަތަމަ ދައުވާ ސާބިތުވެއްޖެ ނަމަ 5-7 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ދެ ވަނަ ދައުވާ ސާބިތުވެއްޖެ ނަމަ 1-3 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ހުވައިރިސްގެ މައްޗަށް ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އަދި ހަނގުރާމަ އަށް މީހަކު ފޮނުވުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާ އެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ 17-20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ 1-3 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަދި ހަނގުރާމަ އަށް މީހަކު ފޮނުވުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ 10-15 އަހަރާ ދެމެދުގެ ހުކުމެއް އަންނާނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓެރަރިޒަމްގެ މި މައްސަލާގައި ދެ މީހަކު ތިބީ ޝަރީއަތް ނިމެންދެން ބަންދުގައި ކަމަށެވެ. އަދި ތިން ވަނަ މީހެއްގެ މުއްދަތު އެކި ފަހަރުމަތިން އިތުރު ކުރަމުންދާ ކަމަށާއި އެންމެ ފަހުން 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމުގެ އަމުރެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

"މައްސަލައަކީ އަދިވެސް ތަހުގީގު ކުރަމުންދާ މައްސަލައެއް،" އޮފިޝަލް ވިދާޅުވި އެވެ.

މި މައްސަލައިގައި ތުހުމަތުވާ މީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަނެއްގަ އެވެ. މި އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލޭގެ ބައެއް ގެތަކާއި ގަރާޖުތައް ވެސް ފާސްކުރި އެވެ. ނަމަވެސް އެ އޮޕަރޭޝަނާ ބެހޭ މައުލޫމާތެއް އަދި ހައްޔަރުކުރި މީހުންގެ ވަނަވަރެއް ވެސް އޭރު ހާމައެއް ނުކުރެ އެވެ.