Roadha Mihaaru

ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ޑްރަގެއް ނުފެނުނު

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ފުލުހުން ވަދެ، ހިންގި އޮޕަރޭޝަނުގައި އެތަނުން ޑްރަގް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ޑްރަގެއް ނުފެނުނު
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

09 ސެޕްޓެމްބަރ 2025

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ފުލުހުން ވަދެ، ހިންގި އޮޕަރޭޝަނުގައި އެތަނުން ޑްރަގް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދޭ އެ ސެންޓަރަށް ފުލުހުން ވަދެފައިވަނީ އެތަނުގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

މުޅި ތަން ބަލައި ފާސްކުރުމަށްފަހު ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައި ބުނީ އެ މައްސަލައާ ގުޅުންހުރި އެއްޗެއް ފެނިފައިނުވާ ކަމަށެވެ.

އެ އޮޕަރޭޝަނާ ގުޅިގެން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ނެރުނު ބަޔާނެއްގައި އެ އޮޕަރޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ޑްރަގަށް ފަރުވާދޭ މަރުކަޒުތަކަކީ މަސްތުވާތަކެއްޗާއި މަނާ ހުރިހާ ތަކެއްޗެއް ނެތް ތަންތަނުގެ ގޮތުގައި ހެދުމާއި އެތަންތަނަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރައްކާތެރި އަމާން މާހައުލަކަށް ހެދުމުގެ މަގްސަދުގައި ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެހެންވެ، ކުރިއަށް އޮތްތަނުގައި ވެސް އެފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށް އެންޑީއޭގެ ބަޔާނުގައިވެ އެވެ. މީގެކުރިން ކ. މާފުށީ ޖަލަށް ވެސް މަސްތުވާތަކެއްޗާއި މަނާތަކެތި ވައްދާ ފަރާތްތައް އަތުލައިގަތުމަށްޓަކައި ފުލުހުން އޮޕަރޭޝަންތަކެއް ހިންގާފައިވެ އެވެ. އެ އޮޕަރޭޝަންގެ ތެރެއިން ކަރެކްޝަންސްގެ ބައެއް އޮފިސަރުން ހައްޔަރުކޮށް، ދައުވާކޮށްފައިވެ އެވެ.