Roadha Mihaaru
މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއަށް އާއިލާތައް

މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއަށް އާއިލާތައް

04 މާޗް 2021

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކުގައި ވަކިވަކި މީހުންގެ އިތުރުން އާއިލާތައް ބައިވެރިވާ މިންވަރު ވެސް އިތުރުވަމުން ދާ ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކުގައި ވަކިވަކި މީހުންގެ އިތުރުން އާއިލާތައް ބައިވެރިވާ މިންވަރު ވެސް އިތުރުވަމުން ދާ ކަމަށް ފުލުހުން އިއްޔެ ބުނެފި އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ހާއްސަކޮށްގެން "ޖަޒީރާ ސައްލާ"ގެ ނަމުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ހެޑް، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ މަސްތުވާތަކެތި ޓްރެފިކްކުރުމުގައި ބައިވެރިވާ އާއިލާތައް އިތުރުވުމަކީ މީގެ ކުރިން ފެނުނު "ޓްރެންޑެއް" ނޫން ކަމަށެވެ.

ކުރިން ފެންނަނީ "އިންޑިވިޖުއަލް މީހުން ނޫނީ އެ ހުންނަ ނެޓްވޯކަކުން އެކަން ކުރަނީ. މިއަދު އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ އާއިލާތައް އޭގެ ތެރެއަށް ވަންނަ މިންވަރު. އަންހެނުން އޭގެ ތެރެއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަވޭ،" ކަމާ ގުޅޭ އިދާރާތަކުގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި މަޝްވަރާ ބައްދަލުވުމުގައި ޝާކިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅޭ މައުލޫމާތު އެނގި ތިބެ، އެކަން ސިއްރުކުރާ މިންވަރު ވެސް އިތުރުވަމުން ދާ ކަމަށެވެ.

އިއްޔެ ބޭއްވި ޖަޒީރާ ސައްލާގައި ޑީއީޑީގެ ހެޑް ޝާކިރު (މ) ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އިއްޔެ ބޭއްވި ޖަޒީރާ ސައްލާގައި ޑީއީޑީގެ ހެޑް ޝާކިރު (މ) ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

މުޅި މައްސަލައަށް އޮތް ހައްލުގެ ވާހަކަ ދައްކާއިރު ފަރުދީ ޒިންމާއަކީ އޭގައި ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކުގައި 2019 ވަނަ އަހަރު 133 ކުދިން އަދި މިިދިޔަ އަހަރު 110 ކުއްޖަކު އަތުލައިގަތެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ބައިވެރިވާ އަންހެނުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން، 2019 ވަނަ އަހަރު 130 އަންހެނުން އަދި މިދިޔަ އަހަރު 77 އަންހެނަކު ތަފާތު އެކި އޮޕަރޭޝަންތަކުގައި އަތުލައިގަތެވެ.

މިދިއަ އަހަރަކީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ކުރިއާ ހިލާފަށް އާންމުންގެ ހަރަކާތްތަކަށް ހުއްޓުން އެރި އަހަރެކެވެ. އެހެންކަމުން ބައެއް ކަހަލަ ކުށްތަކުގައި ހައްޔަރުކުރާ މީހުން ވެސް މަދުވުމުގެ ފުރުސަތު އޮވެ އެވެ.

މަސްތުވާތަކެތީގެ ކުށަށް އަރައިގަންނަ މީހުންގެ އަދަދު ވެސް ފާއިތުވި ދެ އަހަރުގެ ތެރޭގައި އިތުރުވެފައިވެ އެވެ. ޝާކިރު ވިދާޅުވީ 2019 ވަނަ އަހަރު 493 މީހަކު އަދި މިދިޔަ އަހަރު 516 މީހަކު ކްރިމިނަލް ޖަސްޓިސް ސިސްޓަމްގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.