Roadha Mihaaru
މެތު ބޭނުންކުރާ މީހުން އިތުރުވާތީ ކަންބޮޑުވެއްޖެ

ނުރައްކާތެރި ޑްރަގްގެ ތެރޭގައި ހިމެނޭ މެތު ބޭނުންކުރުން ރާއްޖޭގައި އިތުރުވަނީ!

06 އޯގަސްޓް 2021

ވަކި ހާއްސަ ފަރުވާއެއް ދެވެން ނެތް އަދި ނުރައްކާތެރި މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ މެތަޕެޓަމައިން (މެތު) ރާއްޖެ އެތެރެކުރާ ވަރު އިތުރުވަމުން ދާތީ ކަމާ ގުޅުން ހުރި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަކި ހާއްސަ ފަރުވާއެއް ދެވެން ނެތް އަދި ނުރައްކާތެރި މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ މެތަޕެޓަމައިން (މެތު) ރާއްޖެ އެތެރެކުރާ ވަރު އިތުރުވަމުން ދާތީ ކަމާ ގުޅުން ހުރި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ސުޕްރިޓެންޑެންޓް ހެޑް އަހުމަދު ޝާކިރު "މިހާރު" އަށް އިއްޔެ ވިދާޅުވީ ރާއްޖޭގައި މެތު ބޭނުންކުރާ ވަރު މި ފަހުން އިތުރުވެފައިވާ ކަމަށާއި އެއީ ކަންބޮޑުވުމެއް ކަމަށެވެ.

މެތު ހަދަނީ އެކި ކަހަލަ ބޭހާއި ބެޓެރި އަދި ކެމިކަލް ފަދަ ތަކެތި އަޅައިގެންނެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފަރުވާ ރަނގަޅު ކުރުމަށް ވަކާލާތު ކުރަން އުފައްދާފައިވާ "ހޭންޑްސް ޓުގެދާ" ގެ ކޯ-ފައުންޑަރު މުހައްމަދު ނަވީޒް (އައްކު) ވިދާޅުވީ، ރާއްޖެ އަށް މެތު އެތެރެކޮށްގެން ބޭނުންކުރާތާ ދެ އަހަރެއް ވެއްޖެ ކަމަށެވެ. އެކަމަކު، ނުރައްކާތެރި އެ ޑްރަގް ބޭނުންކުރާ ވަރު މިހާރަކަށް އައިސް އިތުރު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިރޮއިންއާ އެއްކޮށްގެން މެތު ބޭނުންކުރިޔަސް ހިރޮއިން އަށް ރާއްޖޭގައި ފަރުވާ ދެވެ އެވެ. އެކަމަކު، މެތަށް ދެވޭނެ ފަރުވާއެއް ނެތުމުން އެޑިކްޝަންގެ ހާލަތު ގޯސްވެގެންދެ އެވެ. އޭގެ ސަބަބުން ރުޅިގަދަވެ، އަނިޔާވެރިވެރި އަމަލުތައް ފެންނަކަން އައްކު ފާހަގަކުރެއްވި އެވެ.

"މި ގޮތަށް މި މާރާމާރީތައް ވެސް ހިންގާފައި ހުންނަނީ އޭގެ އަސަރުން. އެޑިކްޝަންގެ ސަބަބުން މީހާ ވަރަށް ރުޅިގަދަ ވެފައި ހުންނާނީ. އެ އެޑިކްޝަނަށް ދެވޭނެ ފަރުވާއެއް ނެތީމާ މި ގޯސްވަނީ. މެތަކީ ވަރަށް ނުރައްކާތެރި އެއްޗެއް،" އައްކު ވިދާޅުވި އެވެ.

ދެ ގޮތަކަށް މެތު ބޭނުންކުރެ އެވެ. އެއީ ހަށިގަނޑަށް އިންޖެކްޓު ކޮށްގެން އަދި ހަކުރު ބޭނުންކުރާ ގޮތަށް ނޭފަތަށް އިންހޭލްކޮށްގެންނެވެ. އިންޖެކްޓުކޮށްގެން ބޭނުންކުރާ ނަމަ އޯވަޑޯޒް ވުމުގެ ފުރުސަތު ބޮޑެވެ.

އެޑިކްޓްވާ ގިނަ މާއްދާތަކެއް އެކުލެވިގެން ހަދާ މެތު ބޭނުންކުރާ މީހެއްގެ ފަރާތުން 8-9 ދުވަސް ތެރޭގައި ބަދަލު ފެންނާނެ އެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުން ދިޔަސް، އޭގެ އަސްލު ސަބަބެއް މިހާތަނަކަށް ނޭނގެ އެވެ. އެކަމާ ގުޅޭގޮތުން މިހާތަނަށް ހެދުނު ހަމައެކަނި ދިރާސާއަށް ވެސް 9-10 އަހަރުވެއްޖެ އެވެ. އދ.ގެ ޑްރަގް އެންޑް ކްރައިމް އޮފީހުން ހެދި އެ ދިރާސާގައި ބުނީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7،500 ކުދިން/މީހުން ތިބޭނެ ކަމަށެވެ.