Roadha Mihaaru
ރިހެބުގެ ފަރުވާއަށް ދައުލަތުން ބޮލަކަށް 70،000ރ.

ރިހެބްގައި ފަރުވާ ދިނުމަށް ދައުލަތުން ބޮލަކަށް 70،000ރ.

22 އޮކްޓޯބަރ 2021

މަސްތުވާތަކެތިން ސަލާމަތްވުމަށްޓަކައި ކ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދާ ކޮންމެ މީހަކަށް 70،000ރ. ހަރަދުކުރާ ކަމަށް، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބޯޑުގެ ޗެއާމަން ޝަމާއު ޝަރީފު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވާތަކެތިން ސަލާމަތްވުމަށްޓަކައި ކ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދާ ކޮންމެ މީހަކަށް 70،000ރ. ހަރަދުކުރާ ކަމަށް، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބޯޑުގެ ޗެއާމަން ޝަމާއު ޝަރީފު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މި ވަގުތު ރެޒިޑެންޝަލް ފަރުވާދޭ ހަމައެކަނި މަރުކަޒުގެ ފަރުވާ ރާވާފައި ވަނީ ތިން މަސް ދުވަހަށެވެ. އެ މަރުކަޒުގައި މި ވަގުތު ވެސް 100 އެއްހާ މީހުންނަށް ފަރުވާ ދެ އެވެ. އެހެންވެ، އެއީ ފަރުވާ އަށް ތިން މަހަށް ބަލާއިރު ހަތް މިލިއަން ރުފިޔާ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާ މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު "މިހާރު" އަށް ވިދާޅުވީ މަސްތުގެ ވަބާ އިން ސަލާމަތްވުމަށް ރާއްޖޭގައި ދެމުން އަންނަނީ ދުނިޔޭގައި އެންމެ އަގު ބޮޑެތި ބޭސްތައް ކަމަށެވެ. އެ ބޭސްތަކުގެ އިތުރުން ރެޒިޑެންޝަލް ފަރުވާގައި ސައިކޯތެރަޕީއާ ދިރިއުޅުމަށް ބޭނުންވާ އެކި ހުނަރުތައް ވެސް ދަސްކޮށްދެ އެވެ.

ރެޒިޑެންޝަލް ފަރުވާ އަށް ގެންދަނީ ޑިޓޮކްސިފިކޭޝަން ސެންޓަރުން 15 ވަރަކަށް ދުވަހު ފަރުވާ ދިނުމަށް ފަހު އެވެ. އެ މުއްދަތުގެ ތެރޭގައި ދޭ ފަރުވާ އަށް ވެސް ދައުލަތުން ކޮންމެ މީހަކަށް ބޮޑު ހަރަދެއް ކުރެ އެވެ.

ޝަމާއު ވިދާޅުވިގޮތުގައި، މަސްތުން ސަލާމަތްވުމަށް ދައުލަތުން އެންޑީއޭ އަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައި އޮތަސް ފަރުވާގެ މުޅި ނިޒާމަށް ބޮޑު ބަދަލެެއް ގެންނަން ޖެހެ އެވެ. މިހާރު އެކަން ކުރިއަށް ގެންދާ ގޮތުން އެކަށީގެންވާ ނަތީޖާއެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންޑީއޭ ބޯޑުގެ ސީއީއޯ ޝަމާއު "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެންޑީއޭ ބޯޑުގެ ސީއީއޯ ޝަމާއު "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭގެ އެއް ހެއްކަކީ، ފަރުވާ ނިންމާފައި މުޖުތަމައަށް ނުކުންނަ މީހަކު ދެ ވަނަ ފަހަރަށް ވެސް މަސްތުވާތަކެތީގެ ތެރެއަށް ވަނުމެވެ.

"މުޅި ދުނިޔޭގައި ވެސް މަސްތުވާތަކެތީގެ ރިކަވަރީ ރޭޓް މި އުޅެނީ 20 ޕަސެންޓުގައި. ރާއްޖޭގައި ވެސް ހަމަ އެ ގޮތަށް މި ދަނީ. ފަރުވާ އަށް ގެންދިޔައީމާ، އެ ސެންޓަރުން ވެސް އެބަ ފިލާ. ފަރުވާ ނިމޭއިރު މީހާ މި ހުންނަނީ ރަނގަޅަށް. އެކަމަކު އެކި ސަބަބުތަކާ ހެދި އަނެއްކާ އޭގެ ތެރެއަށް ވަދެގެން މި ދަނީ. އާފްޓާ ކެއާގެ ކަންކަން ރަނގަޅު ކުރަންޖެހޭ،" ޝަމާއު ވިދާޅުވި އެވެ.

އެހެންވެ، މިދިޔަ މެއި މަހު ހެލްތު މިނިސްޓްރީގެ ދަށަށް އެންޑީއޭ ބަދަލުކޮށް އެކުލަވައިލި ބޯޑުން އަންނަނީ މަސްތުން ސަލާމަތްވުމުގެ ފަރުވާގެ ހުރިހާ ކަމެއް ބަދަލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އޭގެ ބައެއް ކަންތައްތައް އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށް އެ ބޯޑުން ލަފާކުރެ އެވެ.

އެ ވަބާ އިން ދުރަށް ދިއުމަށް އެތައް ފަހަރަކު ފަރުވާ ހޯދާފައި ތިބި މީހުން ވެސް އެބަތިއްބެވެ. ޝަމާއު ވިދާޅުވީ އެއިން ކޮންމެ ފަހަރަކު ވެސް ދައުލަތުން ބޮޑު ހޭދައެއް ކުރިއަސް، އެއީ ބޭރުގެ ގައުމުތަކުގައި އަމަލުކުރާ ގޮތެއް ނޫނެވެ.

ފަރުވާ ހޯދުމަށް ޑްރަގް ކޯޓުން ހުކުމްކޮށް، ފަރުވާ ނުފެށި ތިބި މީހުންގެ އަދަދު މި ފަހަކާ ޖެހެންދެން އުޅުނީ 800 ގަ އެވެ. އެކަމަކު، އެ އަދަދު މިހާރު 200 އަށް ދަށްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.