Roadha Mihaaru
މަސްތުވާތަކެއްޗަށް މަހެއްގެ މައްޗަށް 15،000ރ.

މަސްތުވާތަކެތި ގަންނަން މަހެއްގެ މައްޗަށް 15،000ރ. ހޭދަކުރޭ

25 އޮކްޓޯބަރ 2021

މަސްތުވާތަކެތި ގަތުމަށް ރާއްޖޭގައި މަހެއްގެ މައްޗަށް 15،000ރ. އާ ދެމެދުގެ އަދަދެއް ހަރަދުކުރާ ކަމަށް، އެކަމާ ގުޅޭގޮތުން އެންމެ ފަހުން ހެދި ދިރާސާ އިން ދައްކައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވާތަކެތި ގަތުމަށް ރާއްޖޭގައި މަހެއްގެ މައްޗަށް 15،000ރ. އާ ދެމެދުގެ އަދަދެއް ހަރަދުކުރާ ކަމަށް، އެކަމާ ގުޅޭގޮތުން އެންމެ ފަހުން ހެދި ދިރާސާ އިން ދައްކައިފި އެވެ.

ބޭރުގެ އެހީއާއެކު، މިދިޔަ ފެބްރުއަރީ މަހު ހެދި އެ ދިރާސާގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން 403 މީހަކު ބައިވެރިވި އެވެ. އޭގެ ތެރެއިން 70 ޕަސެންޓަކީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ރަޖިސްޓަރީގައި ތިބި މީހުންނެވެ. ބާކީ 30 ޕަސެންޓު މީހުން ކަނޑައެޅީ ރެންޑަމްކޮށް ހޮވާލައިގެންނެވެ.

މިދިޔަ އޮގަސްޓް މަހުގެ މެދުތެރޭގައި އެ ދިރާސާ ނިންމާފައި ވިޔަސް އޭގެ ރަސްމީ ނަތީޖާއެއް އަދި އާއްމެއް ނުކުރެ އެވެ.

ނަމަވެސް އެންޑީއޭ ބޯޑުގެ ޗެއާމަނަކަށް ހުންނެވި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފު "މިހާރު" އާ ހިއްސާ ކުރެއްވި މައުލޫމާތަކަށް ބަލާއިރު، ރާއްޖޭގައި މަސްތުވާތަކެތި ގަތުމަށް މަހެއްގެ މައްޗަށް އެންމެ ގިނައިން ހޭދަކުރަނީ 11،000-15،000ރ. ދެމެދުގެ އަދަދެކެވެ. އެއީ މި ސާވޭގައި ބައިވެރިވި މީހުންގެ 27 ޕަސެންޓެވެ. ދެ ވަނަ އަށް އެންމެ ގިނައިން ހޭދަކުރަނީ 5001-10،000ރ. އެވެ. އެ ވަރުގެ އަދަދެއް މަހެއްގެ މައްޗަށް 24 ޕަސެންޓު މީހުން ކުރެ އެވެ.

އެ އެއްޗެހި ގަތުމަށް 26،000-30،000ރ. އާ ދެމެދުގެ އަދަދަކަށް 3.5 ޕަސެންޓު މީހުން އަދި މަސްތުވާތަކެއްޗަށް މަހެއްގެ މައްޗަށް 50،000ރ. އަށް ވުރެ ގިނައިން 2.5 ޕަސެންޓު މީހުން ހަރަދުކުރެ އެވެ.

އެއްވެސް ހަރަދެއް ނުކޮށް ދެ ޕަސެންޓު މީހުން މަސްތުވާތަކެތި ބޭނުންކުރެ އެވެ.

މަސްތުވާތަކެތި ގަންނަން ފައިސާ ހޯދާ ގޮތް ގޮތް ވެސް އެ ދިރާސާގައި ބަލާފައިވެ އެވެ. ދިރާސާގައި ބައިވެރިވި 49 ޕަސެންޓު މީހުން ފައިސާ ހޯދަނީ ސަލާން ޖަހައިގެންނާއި ފަހުން ދޭ ގޮތަށް މީހުން އަތުން ރުފިޔާ ހޯދައިގެން އަދި ޕެޑްލް ކޮށްގެންނެވެ.

ދެ ވަނަ އަށް އެންމެ ގިނަ މީހުން މަސްތުވާތަކެތި ގަންނަނީ ލިބޭ މުސާރައިންނެވެ. އެއީ 37 ޕަސެންޓު މީހުންނެވެ. މަސްތުވާތަކެތި ވިއްކައިގެންނާއި ހަށިވިއްކުން ފަދަ ކަންކަމުން މަސްތުވާތަކެތި ހޯދާ 8.7 ޕަސެންޓު މީހުން އުޅެ އެވެ.

ފޭރުމާއި ވައްކަންކޮށްގެން މަސްތުވާތަކެތި ގަންނާނެ ފައިސާ ހޯދާ މީހުންގެ އަދަދު އުޅެނީ 2.5 ޕަސެންޓުގަ އެވެ.

ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ބޭނުންކުރާ ތަނެއް ފާސްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ބޭނުންކުރާ ތަނެއް ފާސްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތާ ގުޅޭގޮތުން އެންމެ ފަހުން ދިރާސާއެއް ހަދާފައިވަނީ 2011-2012 ގަ އެވެ. އެ ދިރާސާގައިވާ ގޮތުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ އެވްރެޖު އުމުރަކީ 22-37 އެވެ. ނަމަވެސް، އޭގެ 10 އަހަރު ފަހުން ހެދި ދިރާސާއިން ފެނުނީ ޝަމާއު ވިދާޅުވި ގޮތުގައި، ކަންބޮޑުވާ އަދަދުތަކެވެ.

ޑްރަގް އެޑިކްޓުންގެ އެވްރެޖު އުމުރު 17-60 އަހަރާ ދޭތެރޭގައި މިހާރު ހުރިއިރު، އޭގެ ތެރެއިން 18 އަހަރުން ދަށުގެ 52 ޕަސެންޓު ކުދިންނަކީ މެދު މަދަރުސީ ހިސާބުން ސްކޫލަށް ދިއުން ހުއްޓާލާފައި ތިބި ކުދިންނެވެ.

ޝަމާއު ވިދާޅުވީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންގެ 60 ޕަސެންޓަކީ ދިވެހިންނެވެ. އަދި 20 ޕަސެންޓު ބަންގްލަދޭޝް މީހުން ހިއްސާކުރާއިރު ފަސް ޕަސެންޓަކީ ޕާކިސްތާނުގެ މީހުންނެވެ.

އެ މައުލޫމާތުތައް ހޯދާފައިވަނީ އެންޑީއޭގެ ލެބޯރެޓަރީ އާއި ކްލަޔަންޓް ރަޖިސްޓަރީ، ކްލައިންޓުގެ ހަތް އަހަރުގެ ފައިލްތައް، ޑްރަގް ކޯޓުގެ ނުވަ އަހަރުގެ މައުލޫމާތު، ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ 11 އަހަރުގެ ތަފާސްހިސާބު، ފުލުހުންގެ ހަ އަހަރުގެ މައުލޫމާތު، ކަރެކްޝަނަލް ސާވިސްގެ 10 އަހަރުގެ މައުލޫމާތު، ކަސްޓަމްސްގެ 10 އަހަރުގެ މައުލޫމާތު، އެމްއެފްޑީއޭގެ ހަ އަހަރުގެ މައުލޫމާތު، އައިޖީއެމްއެޗްގެ ހަތް އަހަރުގެ އީ ޕްރިސްކްރިޕްޝަން، އިންޕޭޝަންޓް އައުޓްޕޭޝަންޓުގެ 11 އަހަރުގެ މައުލޫމާތެވެ. އޭގެ އިތުރުން އެ ދިރާސާއަށް 18 ދިމާލަކުން މައުލޫމާތު އެއްކޮށްފައިވެ އެވެ.