09 ފެބުރުއަރީ 2023
މިދިޔަ 24 ގަޑިއިރު ސޯޝަލް މީޑިއާގައި އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ގަތަރުގެ ދޯހާއިން ރާއްޖެ އައި 23 އަހަރުގެ އަންހެނެއްގެ ލަގެޖުން މަސްތުވާތަކެތި ފެނުމުން ވެސް އެ މީހާ ހައްޔަރު ނުކޮށް، މަސްތުވާތަކެތި އަތުލުމަށް ފަހު އަނބުރާ ފޮނުވާލުމުންނެވެ.
މިދިޔަ 24 ގަޑިއިރު ސޯޝަލް މީޑިއާގައި އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ގަތަރުގެ ދޯހާއިން ރާއްޖެ އައި 23 އަހަރުގެ އަންހެނެއްގެ ލަގެޖުން މަސްތުވާތަކެތި ފެނުމުން ވެސް އެ މީހާ ހައްޔަރު ނުކޮށް، މަސްތުވާތަކެތި އަތުލުމަށް ފަހު އަނބުރާ ފޮނުވާލުމުންނެވެ.
މިއީ، ފާޑުކިޔާ މީހުން ދެކޭ ގޮތުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދެވޭ ހިތްވަރެކެވެ. ޓްވިޓާގައި މީހަކު ބުނި ގޮތުގައި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ އަދި މަސްތުވާތަކެތި ސްމަގުލް ކުރާ މީހުންނަށް ވެސް އެންމެ ރައްކާތެރި ގައުމެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ކުރެއްވި ޓްވީޓުގައި ވަނީ ކަސްޓަމްސް އިން ބަލައި ފާސްކުރާއިރު މަސްތުވާތަކެތި ފެނިއްޖެ ނަމަ އެ ކަމާބެހޭ ގާނޫނުގެ ހަމަތަކުން ނުބަލައި ވަކި އިދާރާއަކުން ބޭނުންވެގެން އެ މީހަކު ފޮނުވާލުމަކީ، މަސްތުވާތަކެތި އެތެރެކުރުމުގައި އެ އިދާރާއެއް ބައިވެރިވުން ކަމަށް ތުހުމަތުކުރައްވައިފަ އެވެ.
ކަސްޓަމްސް އިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނީ 6.5 މިލިއަން ރުފިޔާގެ ކޮކެއިން އެތެރެކުރި އަންހެން މީހާ ފޮނުވާލީ "ވައިގެ މަގުން ދިވެހި ރާއްޖެ އަންނަ ބިދޭސީއަކު ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާ މެދު އަމަލުކުރާނެގޮތުގެ ގަވައިދު" އާ އެއްގޮތަށް ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާ އެކު ކަމަށެވެ. އެގޮތަށް އަމަލުކުރުމުގެ ބާރު އިމިގްރޭޝަން ކޮންޓްރޯލާއަށް އޮވެ އެވެ.
ރާއްޖެއަށް އެތެރެވާ މީހުން އަނބުރާ ފޮނުވާލުމަކީ އިމިގްރޭޝަން ކޮންޓްރޯލާއަށް ގާނޫނީ ގޮތުން ދީފައި އޮންނަ ބާރަކަށް ވިޔަސް، އަމާޒުވެފައިވާ ފާޑުކިޔުންތަކަށް އެ އިދާރާއިން އަދި ވާހަކައެއް ނުދައްކަ އެވެ. ކަސްޓަމްސް އިން ވެސް އަދި އެއްޗެކޭ ނުބުނެ އެވެ. އެނގިފައިވާ ގޮތުގައި މިއީ އިދާރާތަކުގެ މެދުގައި ވެސް ހިޔާލު ތަފާތުވުން ބޮޑު މައްސަލައެކެވެ.
ފުލުހުން ދޫނިދޫގައި ޑްރަގްސް ނައްތާލަން ތައްޔާރުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
މިކަން ކުރާ ގޮތް އޮޅުންފިލުވައިދެއްވަމުން ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ މިގޮތަށް އަނބުރާ ފޮނުވާލާނީ އެ މީހަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ބަދަލުގައި ޓްރާންސިޓް މަންޒިލެއްގެ ގޮތުގައި ރާއްޖެ ބޭނުންކޮށް އެހެން ގައުމަކަށް މަސްތުވާތަކެތި ގެންދަން އުޅޭ ކަމަށް، ޔަގީންކަން ބޮޑު ގޮތެއްގައި ލިބޭ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ކަމަށެވެ.
"ރާއްޖެއަށް ވިއްކަން ގެންނަ މަސްތުވާތަކެތި ކަމަށް ބެލެވޭ ނަމަ ހަމަ އާންމު އުސޫލުގެ ދަށުން މީހާ ހައްޔަރުކޮށް، ކޮންޓްރޯލްޑް ޑެލިވަރީ ވެސް ޖައްސައިގެން، އެ ތަކެއްޗާ ރާއްޖޭން ހަވާލުވާ މީހުން ވެސް ހޯދާނެ. އަނބުރާ އެ ފޮނުވާލަނީ އެ މީހަކު ހައްޔަރުކޮށްފި ނަމަ ރާއްޖެއަށް ދިމާވާނެ މައްސަލަތައް މާ ބޮޑުވާނެ ކަމަށް ބެލެވޭ ހާލަތުގައި،" އޮފިޝަލް ވިދާޅުވި އެވެ.
ޖަލުތަކުގެ ހާލަތަކީ މިފަދަ ގޮތަކަށް އަމަލުކުރަން މަޖުބޫރުވާ ހިސާބަށް ދިޔަ އެއް ސަބަބެވެ.
ޖަލުތަކުގައި ބަންދުކޮށްފައި ތިބި މީހުންގެ 70 ޕަސެންޓަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މީހުން ކަމަށް ވާއިރު އެ ތަންތަން އޮތީ ތޮއްޖެހި، އެކި ޒާތުގެ ކުށްތަކުގެ ހިމެނޭ މީހުން ގިންތިކޮށް ވަކިން ނުގެންގުޅެވޭ ހިސާބަށް ގޮސްފަ އެވެ. ރާއްޖޭގައި ގައިދީން ބެލެހެއްޓުމަށް މަހެއްގެ މައްޗަށް ބޮލަކަށް އެވްރެޖުކޮށް 15،000ރ. ހަރަދުކުރާއިރު، ބަލިވެއްޖެ ނަމަ ބޭސްފަރުވާއަށް ވެސް ދައުލަތުން ބޮޑު ހަރަދެއް ކުރަންޖެހެ އެވެ.
"ޖަލުތަކުގެ ހާލަތު އޮތްގޮތުން މި ފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ބޭރު މީހުން ވަކިން ގެންގުޅެވޭކަށް ނެތް. ދިވެހިންނާ އެކު އެއް ގޮޅީގައި ތިބެގެން އެ ދިވެހިންނާ ގުޅުން ބަދަހިކޮށް، މަސްތުވާތަކެތި އެތެރެކުރުމަށް އިތުރު ނެޓްވޯކްތައް އުފައްދައި އެ ގެނެވޭނެ ގޮތްތައް އެބަ ހަދާ. މީގެ ކުރިން ވެސް އެބަހުރި ޖަލުގައި މިގޮތަށް ހައްޔަރުކުރި މީހުން މެދުވެރިވެގެން ދިވެހިން ރާއްޖެއަށް ޑްރަގްގެ ބޮޑެތި ޝިޕްމަންޓްތައް ގެނެސްފައި." އޭނާ ވިދާޅުވި އެވެ.
ކަމާ ގުޅުން ހުރި އިދާރާތަކުން ރަސްމީ ސިފައެއްގައި އަދި ވާހަކަ ދައްކާފައި ނުވާތީ، ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި، މިކަމާ ގުޅުން ހުރި އިދާރާއެއްގެ އެހެން އޮފިޝަލު ވިދާޅުވި ގޮތުގައި މާބަނޑު މީހުންނާއި ބޮޑެތި ބަލިތައް ހުންނަ މީސްމީހުން މެދުވެރިކޮށް ޑްރަގްސް އުފުލުމަކީ އާންމު ކަމެކެވެ.
"މިހެން އަތުލައިގަންނަ ވަރަށް ގިނަ މީހުންނަކީ ސިއްހީ ކޮންމެވެސް މައްސަލައެއް ހުންނަ މީހުން. އެ މީހާ އަތުން މަސްތުވާތަކެތި ފެނި ހައްޔަރުކުރިޔަސް އެ މީހާގެ ފަރާތުން ތަހުގީގަށް ދެން ލިބޭ އިތުރު މައުލޫމާތެއް ގިނަ ފަހަރަށް ނޯވޭ. އެތައް އަހަރެއް ވަންދެން އެ މީހަކު އެބަ ޖެހޭ ޖަލުގައި ގެންގުޅެން. އަނެއްކާ އެހެން ގައުމުތަކުން އަމަލުކުރާ ގޮތުން މި ހުރިހާ އެންމެން ބެލެހެއްޓުމުގެ ހަރަދު ހިނގަނީ ރާއްޖޭން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިގޮތަށް ހައްޔަރުކުރާ މީހުންގެ މައްސަލަތައް ކޯޓުތަކުގައި ނުނިމި ދިގުލައިގެންދެ އެވެ. އަދި ނިޒާމުގެ ތެރެއިން މި މީހުންގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން މަންފާ ހޯދާ ބަޔަކު އުޅޭ ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ. ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވީ ބައެއް ގައުމުތަކުން، ހާއްސަކޮށް މެދުއިރުމަތީގެ ގައުމުތަކުން، ފަސިންޖަރުންގެ އަތުގައި މަސްތުވާތަކެތި ހުރިކަން އެނގި ހުރެ އެ ގައުމަކުން ހައްޔަރުނުކޮށް އެ މީހެއްގެ މައުލޫމާތު ރާއްޖެއަށް އެބަދެ އެވެ.
"ފަސިންޖަރުންގެ ލަގެޖުގައި ނުވަތަ ހަށިގަނޑުގައި ޑްރަގްސް ފޮރުވާފައި ހުރިކަން އެހެން ގައުމެއްގެ އެއާޕޯޓުން އެނގުނަސް، އެ ގައުމަކަށް އެ މީހެއްގެ ބުރަ އުފުލަން ނުޖައްސަން ވެގެން މި ހަދާ ގޮތަކީ ދެން އެ މީހަކު ދާ ގައުމެއްގެ އިދާރާތަކަށް އެ މައުލޫމާތު ފޮނުވަނީ. އެ ގައުމުތަކުން ފަސޭހަކޮށްލާފައި އަނެއް ގައުމަކަށް ފޮނުވަނީ. ރާއްޖެއަށް ވުރެ ވަސީލަތްތައް މާ ފުރިހަމައަށް ހުރި ގައުމުތަކުން ބޮލުން ނައްތާލާފައި ރާއްޖެއަށް މި ހަވާލުކުރަނީ. ގަވައިދެއް ހަދަން މަޖުބޫރުވާ ހިސާބަށް ދިޔަ ވަރަށް ބޮޑު ސަބަބެއް އެއީ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި ޑްރަގް ގެންނަ މީހަކު ހައްޔަރު ކުރާނީތޯ އަނބުރާ ފޮނުވާލާނީތޯ ނިންމަނީ ސަރަހައްދީ އިދާރާތަކުން ދީފައި ހުންނަ މައުލޫމާތަށް ބަލައި، ޑްރަގް ވިޔަފާރިކުރާ ނެޓްވޯކްތަކަށް އެންމެ ގެއްލުން ބޮޑުވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ. އެއީ ޑްރަގްސް އާ އެކު ރާއްޖެއަށް އަންނަ ކޮންމެ މީހަކަށް އަމަލުކުރާނެ ގޮތް ނޫން ކަމަށާއި ޑްރަގް ފިޔަވައި މަނާ އެހެން އެއްޗެއް ގެންނަ މީހަކަށް ވެސް މި އުސޫލު ނުހިނގާނެކަން ފާހަގަކުރެއްވި އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލަނީ ..-- ފައިލް ފޮޓޯ: މިހާރު
އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ޖެނުއަރީ 26، 2023 ގައި ހަދާފައިވާ ގަވައިދުގައި ބުނީ ވައިގެ މަގުން ރާއްޖެއަށް އަންނަ ބިދޭސީއަކު މަސްތުވާތަކެއްޗާ އެކު އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވިއްޖެ ނަމަ ފޯކަލް ޕޮއިންޓުންގެ މަޝްވަރާއާ އެކު ވަކި ހާލަތްތަކެއްގައި އެ މީހަކު ރާއްޖެ އެތެރެވިޔަ ނުދީ ހިފެހެއްޓުމުގެ ބާރު އިމިގްރޭޝަން ކޮންޓްރޯލަރަށް އޮންނަ ކަމަށެވެ.
އޭގެ ތެރޭގައި؛
● އެ މީހަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު، ދިވެހި ފުލުހުންގެ ހިދުމަތަށް ނުވަތަ މޯލްޑިވްސް ކަމްޓަމްސްއަށް ލިބިފައިވުން
● އެ މީހަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމަށްޓަކައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާ ނުވަތަ ބޭނުންކޮށްފާނެ މީހެއްކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވުން
ވައިގެ މަގުން ރާއްޖެ ބިދޭސީއަކަށް ރާއްޖެއަށް އެތެރެވިޔަ ނުދީ ހިފެހެއްޓޭ ހާލަތުގައި ދެ ގޮތަކުން ކުރެ ގޮތަކަށް އަމަލުކުރަންޖެހޭނެ ކަމަށް ގަވައިދުގައި ބުނެ އެވެ. އެއީ؛
● އެ މީހަކު ކޮށްފައިވާ ޖިނާއީ ކުށް ތަހުގީގުކުރުމަށާއި ހައްޔަރުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރުން
● އެ މީހަކު ރާއްޖެ އައި އެއާލައިނަކާ މަޝްވަރާކޮށްގެން އެ މީހާ އަނބުރާ ފޮނުވާލުން
ހާލަތަށް ބަލައި އެ ބިދޭސީ މީހާ އަނބުރާ ފޮނުވާލާއިރު ބޯޓުން ޖާގަ ނުލިބޭ ނަމަ އެ މީހާ ދަތުރުކުރި އެއާލައިން ނުވަތަ އެޖެންޓެއް މެދުވެރިކޮށް މެދުވެރިވެގެން ރާއްޖެ އަތުވެއްޖެ ނަމަ އެ އެޖެންޓަކާ ވާހަކަދައްކައިގެން އެ މީހާ އަނބުރާ ފޮނުވާލުމުގެ އިންތިޒާމާއި އެހާ ތަނަށް އޭނާ ބެލެހެއްޓުމުގެ އިންތިޒާމާއި އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ހަރަދެއްގެ އިންތިޒާމު ހަމަޖައްސަންޖެހެ އެވެ.
ފޯކަލް ޕޮއިންޓުން މަޝްވަރާކުރާއިރު އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދޭއިރު ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލަ ސާބިތުކުރަން އެކަށީގެންވާ ހެކި ލިބެން ހުރިތޯ އަދި އެފަދަ މީހަކު ބަހައްޓައިގެން މައްސަލަ ބެލުމަށް ހިނގާނެ ހަރަދާއި ޝައްކުކުރެވޭ މީހާގެ އަތުން މަސްތުވާތަކެތި ނުފެނުނަސް ޑިސްޓްރިބިއުޝަނަށް ތަކެތި ފޯރުވާކަމަށް ބެލެވިފައިވާ މައުލޫމާތަށް ރިއާޔަތްކުރަންޖެހެ އެވެ.
ނަމަވެސް ފުލުހުން ނުވަތަ ކަމާގުޅޭ އިދާރާތަކުން ހިންގާ އޮޕަރޭޝަނަކާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރީގެ ނެޓްވޯކުތައް ދެނެގަތުމަށްޓަކައި މަސްތުވާތަކެއްޗާއެކު އެ މީހަކު ރާއްޖެ އެތެރެވުމުގެ ފުރުސަތު ދިނުމަކަށް އެ ގާނޫނު ހުރަހެއް ނާޅަ އެވެ.
ފޯކަލް ޕޮއިންޓުންގެ ތެރޭގައި ހިމެނެނީ ޕޮލިހާއި އިމިގްރޭޝަން އަދި ކަސްޓަމްސް އެވެ.
ޑްރަގާ އެކު ރާއްޖެ އަންނަތަނުން ފަޅާއެރިޔަސް ބަންދު ނުވެ ސަލާމަތްވާނެ ކަމުގެ ޔަގީންކަން އެކަންކުރާ މީހުންނަށް މި ގަވައިދުގެ ސަބަބުން ލިބޭނެ ކަމަށް އެއްބަޔަކު ބުނެ އެވެ. އެހެންވެ މިއީ މިގޮތަށް ހެދިގެންވާނެ ގަވައިދެއް ނޫން ކަމަށް އެ މީހުން ބުނެ އެވެ. އަނެއްކޮޅުން، ޑްރަގް ނެޓްވޯކްތަކުގެ ރޭވުންތެރިކަން ހުންނަ ގޮތަށް ބަލާއިރު ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ ކޮންމެ މީހަކު ހައްޔަރުކޮށް ނިޒާމަށް ބުރަ ބޮޑުކުރުންތޯ ނުވަތަ ޑްރަގް ނެޓްވޯކްތަކަށް ގެއްލުމެއް ދިނުންތޯ އެއީ މިކަމުގައި ގޮތެއް ނިންމަންޖެހޭ ހިސާބެވެ.
ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގެންފި
ވައިގެމަގުން ގެނައި ރެކޯޑް އަދަދެއްގެ ޑްރަގް އަތުލައިފި
ރާއްޖެ އެތެރެކުރި 8 ކިލޯގެ ޑްރަގްސް އަތުލައިގެންފި
130 ކިލޯ ޑްރަގްގެ މައްސަލަ: ޝަހީބު ދޫކޮށްލައިފި
ޑްރަގް މައްސަލައެއްގައި ފޭދޫ ކޯޓުން ބޮޑު ހުކުމެއް
ޑްރަގު އެތެރެކޮށްފައި ބުނީ ފޮށީގައި ހުރިކަން ނޭނގެއޭ
10 ކިލޯގެ ޑްރަގް ގެނައި މީހާގެ ބަންދަށް އެއް ދުވަސް
ޓެގްގައި ނަން އޮތަސް ޑްރަގް ފެނުނު ލަގެޖާ ހަވާލެއްނުވި
900،000ރ. ގެ މަސްތުވާތަކެތި އަތުލައިގެންފި
"ޑްރަގް އެތެރެކޮށްގެން މިހާތަނަށް ޑީޕޯޓްކޮށްލީ އެކަކު"