Roadha Mihaaru
ޑްރަގް މައްސަލައެއްގައި ފޭދޫ ކޯޓުން ބޮޑު ހުކުމެއް

ޑްރަގް މައްސަލައެއްގައި ފޭދޫ ކޯޓުން 30 އަހަރުގެ ހުކުމެއް

03 ޖުލައި 2023

މަސްތުވާތަކެތީގެ ދެ ދައުވާއެއް މީހެއްގެ މައްޗަށް ސާބިތުވެ އައްޑޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުން 30 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މަސްތުވާތަކެތީގެ ދެ ދައުވާއެއް މީހެއްގެ މައްޗަށް ސާބިތުވެ އައްޑޫ ފޭދޫ މެޖިސްޓްރޭޓް ކޯޓުން 30 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ފޭދޫ ކޯޓުން މި ހުކުމް އިއްވީ އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމުގެ ތުހުމަތުވާ އަހުމަދު ވަރުދީގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނެބިސް ޕެޑުލްކުރުމުގެ ދައުވާ އެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެފައިވާތީ އޭނާގެ 25 އަހަރަށް ޖަލަށް ލުމާ އެކު، 100،000ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ. ކެނެބިސްގެ ދައުވާ ސާބިތުވެފައިވާތީ އިއްވީ ފަސް އަހަރުގެ ޖަލު ހުކުމަކާ އެކު 15،000ރ. ގެ ޖޫރިމަނާގެ އަދަބެކެވެ.

ޖުމްލަ 30 އަހަރުގެ ޖަލު ހުކުމެއް އަހުމަދު ވަރުދީގެ މައްޗަށް އިއްވި މި މައްސަލައަކީ ފުލުހުންގެ ސައުތު ޑްރަގު އެންފޯސްމެންޓް ޓީމުން ތަހުގީގުކުރި މި ބާވަތުގެ ފުރަތަމަ މައްސަލަ އެވެ.

މި މައްސަލައިގައި، އަހުމަދު ވަރުދީގެ ކޮޓަރި ފާސްކުރި އިރު މަސްތުވާތަކެއްޗާއި އެ ތަކެތި ބަންދުކުރުމަށް ގެންގުޅޭ ގިނަ އަދަދެއްގެ ސާމާނު ފެނިފައިވެ އެވެ. އަދި، 29،000ރ. ވެސް ފެނިފައިވެ އެވެ. ނަމަވެސް އެ ފައިސާއަކީ އޭނާގެ މަންމަގެ ފައިސާތަކެއް ކަމަށް ޝައްކު އުފެދިފައިވާތީ އެ ފައިސާތައް ދައުލަތަށް ނެގުމަށް މި މައްސަލާގައި އަމުރެއް ނުލިބުނެވެ.