Roadha Mihaaru

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ނިލަންދޫން ނުވަ މީހަކު ހައްޔަރުކޮށްފި

ފުލުހުން ފ. ނިލަންދޫގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ނިލަންދޫން ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.

ޑްރަގް މައްސަލައެއްގައި ނިލަންދޫން ނުވަ މީހަކު ހަައްޔަރު
އިފްރާޒް އަލީ
އިފްރާޒް އަލީ

18 އޯގަސްޓް 2025

ފުލުހުން ފ. ނިލަންދޫގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ނިލަންދޫން ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ނިލަންދޫގައި މިދިޔަ ހޮނިހިރު ދުވަހު ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭގެ އެއް އޮޕަރޭޝަނަކީ އެ ރަށުގެ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި، ވިޔަފާރިކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެ ވަގުތު އެ ގޭގައި ތިބި 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެ އެންމެންގެ ވަނަވަރު މިއަދު އާންމުކޮށްފަ އެވެ. އެއީ؛

1. މުހައްމަދު ވިސާލު، 19، ދޫގަސް، އއ. ރަސްދޫ

2. މުޝްހަފް މުފީދު، 22، ހެދޭކުރި، ތުނޑި، ލ. ގަން

3. އިބްރާހީމް ލޫތު، 20، ފިނިވާގެ، ނ. ލަންދޫ

4. އަލީ ނަވާފު، 21، ފަޒާ، ތ. ގުރައިދޫ

5. އަހްމަދު އަބާން އަލީ، 20، ގާފިލާ، ސ. ހިތަދޫ

6. އަބްދުﷲ ލައިޝަމް، 20، އަންނާރުގެ، ހދ. ނޮޅިވަރަންފަރު

7. އަހްމަދު އުސްމާން، 20، ޝީން، ސ. މީދޫ

8. އިބްރާހީމް ނައްފާޒް، 26، ދަފްތަރު ނަންބަރު ދރ 1438، މާލެ

ފުލުހުން ބުނީ އެ އެންމެންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ދޫކޮށްލާފައިވާ ކަމަށެވެ. ބާކީ ތިބި މީހުންގެ ތެރެއިން އެކަކު 15 ދުވަހަށް އަދި ދެން ތިބި މީހުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނިލަންދުއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޮނިހިރުދުވަހު އިތުރު އޮޕަރޭޝަނެއް ހިންގި ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަނުގައި، ނިލަންދޫގެ ބަނދަރުމަތިން ހައްޔަރުކުރީ އެ ރަށު ޝަބްނަމުގެ، މުހައްމަދު މާނިއު، 19، އެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެ މައްސަލަ ވެސް ނިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.