Roadha Mihaaru
900،000ރ. ގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓުން ރާއްޖެ އެތެރެކުރަން އުޅުނު 900،000ރ. ގެ މަސްތުވާތަކެތި އަތުލައިގެންފި

12 މާޗް 2023

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 900،000ރ. ގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 900،000ރ. ގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްގެ ނޫސްބަޔާނެއްގައި ބުނީ އެ ތަކެތި އަތުލައިގަތީ މިދިޔަ އަންގާރަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ. އެ ޕެކޭޖަކީ އިނގިރޭސި ވިލާތުން ރާއްޖެ ގެނެސްފައިވާ އެއްޗެއް ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އެ ތަކެތި ޓެސްޓްކުރުމުގެ ފުރަތަމަ މަރުހަލާގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ޕްރޮޒިޓިވް ވެފައިވާ ކަމަށާއި ބަރުދަނުގައި 520 ގްރާމް ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި، މި ތަކެތީގެ މަގުމަތީގެ އަގު 900،000ރ. އަށް އަރަ އެވެ.

"މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި މި ޕެކޭޖު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފަ އެވެ،" އެ ބަޔާނުގައިވެ އެވެ.

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމަކީ މިހާރު އާންމު ކަމެކެވެ. މީގެ ކުރިން ވެސް އެކި ފަހަރު މަތިން ކަސްޓަމްސް އިން ވަނީ މި ކަހަލަ ޕެކޭޖުތައް އަތުލައިގެންފަ އެވެ.