27 ޖޫން 2021
ކަމާބެހޭ ފަރާތްތަކުގެ ހުއްދަނެތި އެކި ޒާތްޒާތުގެ ދޫންޏާއި ޖަނަވާރާއި ގަހެއް ރާއްޖެ އަށް އެތެރެއެއް ނުކުރެވެ އެވެ. ބަޑި އާއި ހަތިޔާރާއި ބަޑި ބޭހެއް ވެސް އެތެރެއެއް ނުކުރެވެ އެވެ. ނުވަތަ އެތެރެ ކުރި އަޑެއް ވެސް ނީވެ އެވެ. ނޮވެމްބަރު ތިނެއްގެ ހަމަލާއަށްފަހު އާއްމުންނަށް ރާއްޖެއަށް ފަޓާސް އެތެރެކުރުން ވެސް މަނާކުރި އެވެ. އޭގެ ފަހުން ފަޓާހެއް ވެސް ނުލިބެ އެވެ. މިއިން އެއްޗެއް އެތެރެކޮށްފި ނަމަ ނުވަތަ މީހެއްގެ އަތުން ފެނުނަސް، އަދަބަކީ ޖަލަށް ލުމެވެ.
ކަމާބެހޭ ފަރާތްތަކުގެ ހުއްދަނެތި އެކި ޒާތްޒާތުގެ ދޫންޏާއި ޖަނަވާރާއި ގަހެއް ރާއްޖެ އަށް އެތެރެއެއް ނުކުރެވެ އެވެ. ބަޑި އާއި ހަތިޔާރާއި ބަޑި ބޭހެއް ވެސް އެތެރެއެއް ނުކުރެވެ އެވެ. ނުވަތަ އެތެރެ ކުރި އަޑެއް ވެސް ނީވެ އެވެ. ނޮވެމްބަރު ތިނެއްގެ ހަމަލާއަށްފަހު އާއްމުންނަށް ރާއްޖެއަށް ފަޓާސް އެތެރެކުރުން ވެސް މަނާކުރި އެވެ. އޭގެ ފަހުން ފަޓާހެއް ވެސް ނުލިބެ އެވެ. މިއިން އެއްޗެއް އެތެރެކޮށްފި ނަމަ ނުވަތަ މީހެއްގެ އަތުން ފެނުނަސް، އަދަބަކީ ޖަލަށް ލުމެވެ.
އެކަމަކު މަސްތުވާތަކެތި އެތެރެކުރުމަކީ ވެސް ގާނޫނީ ގޮތުން އުމުރު ދުވަހު ޖަލު އަދަބެއް ލިބޭ ކަމެކެވެ. އެކަމަކު، މަސްތުވާތަކެތި ބަރާބަރަށް އެބަ އެތެރެކުރެވެ އެވެ. މިއީ އަރަތެކެވެ.
މަސްތުވާތަކެތި އެތެރެކުރާ ހުރިހާ ދޮރެއް ބަންދުކޮށް އެ މައްސަލައަށް ހައްލެއް ގެނެސްދޭނެ ވަރަށް ގިނަ ސަރުކާރުތަކުން ވައުދުވެއްޖެ އެވެ. ނަމަވެސް ފެންނަން އޮތް ހަގީގަތަކީ، އެކަން ކުރުމުގައި ސަރުކާރުތައް ފެއިލްވެ، ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާ ކަމެވެ. އެކަމަކު، އެ ކަންކަމަށް ބަލައި ހުރިހާ ކަމެއް ވަރިހަމަކޮށްލައިގެން ތިބެވޭކަށް ނެތެވެ.
މީޑިއާތައް ބައިވެރިކޮށްގެން މިދިޔަ ނޮވެމްބަރު މަހު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނުގައި، މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުކުރާ މީހެއްގެ ޖީބު ބަލައި ފާސްކުރިއިރު ފެނުނު ފައިސާތަކެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މީގެ ވިއްސަކަށް އަހަރު ކުރިން މަސްތުވާތަކެތި ބޭނުންކުރަން ފަށައި އަދި ތިން އަހަރު ކުރިން އެކަމުން ސަލާމަތްވެފައި ހުރި މުހައްމަދު ނަވީޒު (އައްކު) ބުނިގޮތުގައި އަސާސީ ހިދުމަތެއް ހޯދުމަށްވުރެ ރާއްޖެއިން މަސްތުވާތަކެތި ހޯދަން މިހާރު މާ ފަސޭހަ އެވެ. އެންމެ ފޯނު ކޯލަކުން ގެއާ ހަމައަށް، އެ މީހަކު ބޭނުންވާ ބާވަތެއްގެ މަސްތުވާތަކެތި ގެނެސްދޭ ކަމަށް އޭނާ ބުންޏެވެ.
"މާލެއިން ކުރިއާ އަޅާ ބަލާފައި ހަމަ ގުޅާލާއިރަށް ޔެސް، ޑޯސްޓެޕަށް ގެނެސްދޭނެ [މަސްތުވާތަކެތި]. މިހާރު އެ އެއްޗެހި ގެނެސްދޭން ވަކި ވަގުތެއް ނޯންނާނެ. ދަންވަރު ވެސް ގެނެސްދޭނެ،" އައްކު ބުންޏެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަންދޭން "ހޭންޑްސް ޓުގެދާ"ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައި މަސައްކަތް ވެސް ކުރަމުން އަންނަ އައްކުމެންނަށް އެކި ގޮތްގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، އޭނާ ބުނީ ރާއްޖޭގައި އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި ދައުރުކުރާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ދިރާސާއެއް ހެދިފައި ނެތުމުން އެއީ މުޅިއަކުން ކަށަވަރު މައުލޫމާތެއް ނޫނެވެ.
އޭނާ ގަބޫލުކުރާ ގޮތުގައި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރެ އެވެ. މި ހިސާބަށް އައީ ވެސް ހުރިހާ ކަމެއްގައި ބަހަނާ ދެއްކުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އޭނާ ދެކެ އެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ހެޑް އަހުމަދު ޝާކިރު "މިހާރު" އަށް ކުރިން ވިދާޅުވެފައިވާ ގޮތުގައި 2019 ވަނަ އަހަރު ފުލުހުން ހިންގި 172 އޮޕަރޭޝަނުން 296 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. މަސްތުވާތަކެތި ފެނިފައި ނުވަނީ ނުވަ އޮޕަރޭޝަނެއްގަ އެވެ.
މިދިޔަ އަހަރު ފުލުހުން ހިންގި ބޮޑު ތިން އޮޕަރޭޝަނުން އެކަނި ވެސް 269 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައި ވެ އެވެ.
ރާއްޖޭގެ ކަނޑުގެ އެކި ހިސާބުތަކުން، ފާއިތުވި 2-3 އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރިއިރު އެކަމުގައި ގިނައިން ބޭނުންކޮށްފައި ހުރީ، އިންޑިއާ އަދި ސްރީ ލަންކާ އަށް ވެސް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ އީރާނުގެ އުޅަނދުތަކެވެ. އެ ގައުމުގެ ކުދި ބޯޓު ފަހަރުތަކުގައި މަސްތުވާތަކެތި ހިފައިގެން ރާއްޖޭގެ ސަރަހައްދަށް އައުމުން، އެ ބޯޓު އޮތް ހިސާބަކަށް ރާއްޖޭގެ އުޅަނދެއް ގޮސް މަސްތުވާތަކެތި ނަގަ އެވެ. އޭގެ އިތުރުން ވައިގެ މަގާއި ޕޯސްޓުގެ އިތުރުން އަދި ގިނަ މުދާ އެތެރެކުރާއިރު ކޮންޓެއިނަރު ތެރެއަށް މަސްތުވާތަކެތި ލައިގެން ވެސް އެ އެއްޗެހި ގެންނަން މަސައްކަތްކުރެ އެވެ.
އެ ހުރިހާ ކަމެއް ވެސް ދިމާވަނީ، ޝާކިރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހުރި ދަތިތަކާ ހެދި އެވެ.
ގދ. ހުޅުރުވާލުން 2019 ވަނަ އަހަރު އަތުލައިގަތް މަސްތުވާތަކެތި: އެ ތަކެތީގެ އަގު 250 މިލިއަން ރުފިޔާ އަށް އަރާ -- ފޮޓޯ: ޕޮލިސް
"ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުމުގެ ފުރުސަތު އޮތްކަން އަޅުގަނޑުމެންނަށް ފާހަގަވަނީ. އެހެންވީމަ އެކަންކަން ހުއްޓުވުމުގައި ގޮންޖެހުންތަކެއް އެބަހުރި ހުރިހާ ދިމާލެއްގައި ވެސް. ކަނޑުމަގުން ކަމަށް ވިޔަސް، ރާއްޖެ އަށް އެތެރެކުރާ މުދާ އެތެރެކުރުމުގައި ވިޔަސް އަދި ޕޯސްޓުން ކަމަށް ވިޔަސް. ވަރަށް ބުރަ މަސައްކަތްތަކެއް ހުރިހާ ދިމާލެއްގައި ވެސް ކޮށްގެން މިކަން ހާސިލްވާނީ. އަދި އަޅުގަނޑުމެންނަށް އެ ލެވެލްގައި ހުއްޓުވޭނޭ ބުނާ ވަރުގެ މަސައްކަތްތަކެއް ނުކުރެވޭހެން ހީވަނީ،" ޝާކިރު ވިދާޅުވި އެވެ.
އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އަދި އެކަމުގެ އެއްވެސް ކަމެއްގައި ބައިވެރިވާ ނަމަ އެ ވަގުތުން ފެށިގެން އެ އުޅަނދެއް ބޭނުންކުރެވިގެން ނުވާނެ އެވެ. އެއީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ ދޯންޏަށް ވިޔަސް، ލޯންޗަށް ވިޔަސް އަދި ކާރަށް ވިޔަސް އެ އެއްޗެއްގެ ނިމުން އަންނަންޖެހޭ ކަމަށް ޝާކިރު ވިދާޅުވި އެވެ.
އެ އުޅަނދުތައް ވެރިފަރާތަށް އަނބުރާ ލިބުމުން އެއްތަނުން އަނެއް ތަނަށް މަސްތުވާތަކެތި ގެންދިއުމުގައި ދެ ވަނަ ފަހަރަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ހަމަ އެއާއެކު މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގެ ޝަރީއަތުގެ ދުވެލި ލަސްވުގެ ކަންބޮޑުވުންތައް ވެސް ޝާކިރު ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ތަހުގީގުކުރުމަށް މުއްދަތެއް އޮންނަ އުސޫލުން ޝަރީއަތް ކުރިއަށް ގެންދަން ވެސް އުސޫލެއް އޮންނަން ޖެހެ އެވެ.
"ވާނުވާ" އަށް ގެނައި ބަދަލުން ވެސް މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނުލިބޭ ކަމަށާއި ޝަރީއަތް ކުރުމުގެ ބަދަލުގައި ބަންދުގެ މުއްދަތު 30 ދުވަހުން ރިވިއުކޮށްލަކޮށްލަ ހުންނަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ ޝަރީއަތް ނިމޭނަމަ އެ އެއްޗެހި އެތެރެކުރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ،" މި ފަހުން އަތުލައިގެން ޑްރަގްސްގެ ބޮޑެތި މައްސަލަތަކުގައި ދައުވާ ފުރިހަމަކޮށްފައި ވަނީ އެކަމުގެ އަޑީގައި ތިބި މީހުންނާ އެކު މުޅި ނެޓްވޯކް އެއްކޮށްކަން ފާހަގަކުރައްވައި، ޝާކިރު ވިދާޅުވި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ވިދާޅުވީ އިދާރާތަކަށް އަންނަ ކުރިއެރުމާ އެއްވަރަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުން ވެސް މޮޅެތި ގޮތްތައް ހޯދައި ކުރިއަރައިގެންދާ ކަމަށެވެ.
އެކަމަކު އޭނާ ވިދާޅުވީ ރާއްޖެ އަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަނެވޭނެ ކަމަށާއި އަދި އެކަން ހުއްޓުވޭނެ ކަމަށެވެ. ނަމަވެސް ހުއްޓުވަން މަސައްކަތްކުރާ ބާރުމިނުގައި އެ އެއްޗެހި އެތެރެކުރާ މީހުން ވެސް ތަފާތު ގޮތްތައް ހޯދައިގެން ގެންނަން މަސައްކަތްކުރާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ރާއްޖޭގެ މައި އެއާޕޯޓުގައި މިހާރު ބޭނުންކުރަނީ މީގެ 3-4 އަހަރުކުރިން ގެނައި ބޮޑީ މެޝިނެކެވެ. އެ މެޝިނުން ސްކޭން ކޮށްލާއިރު ވެސް ދިރުވާލާފައިވާ މަސްތުވާތަކެތި ޕެކް ކޮށްފައި ހުންނަގޮތުން، އެތެރެހަށީގައި އެއްޗެއް ރައްކާކޮށްފައި ހުރިކަން ޔަގީން ނުކުރެވިދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތަށް ޝައްކުވާ ނަމަ ދެން ޖެހޭނީ ރޭޑިއޮލޮޖިސްޓަކަށް ދައްކާށެވެ.
ހަމައެއާއެކު، ކްރެޑިޓް ހޯދުމުގެ ބަދަލުގައި މުއައްސަސާއަކަށް ލިބޭ މައުލޫމާތުތައް ދެން ހުރި އިދާރާތަކަށް ހިއްސާކުރުމަކީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގައި ލިބޭނެ ބާރެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެކުގައި މަސައްކަތްކުރާ މުއައްސަސާތަކުގައި ވެސް އެއް ބަޔަކު ކްރެޑިޓް ހޯދަން ވެގެން އެއްބަޔަކަށް ލިބޭ މައުލޫމާތު ހިއްސާނުކޮށް ވެސް އެބަތިބޭ. އެހެން ވެސް އެބަވޭ... އަސްލު ވަރަށް މުހިއްމު ކަންނޭނގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް އެ އިތުބާރު ހިފޭ ކަހަލަ ގޮތަކަށް ބައްޓަންކުރުން. ކޮންމެ މުއައްސަސާއެއްގައި ވެސް ވާ ގޮތަކީ ކްރެޑިޓް ނަގާ ގޮތަށް މަސައްކަތްކުރަންޏާމު ކޮންމެ ވެސް އެއް ބައެއްގެ ފެއިލިއާއެއް އަބަދު ވެސް ފެންނާނެ،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު މިހާރަށްވުރެ ރަނގަޅަށް މޮނީޓާކޮށް ބަލަހައްޓަން ޖެހެ އެވެ. ހާއްސަކޮށް ރާއްޖޭގެ ބައެއް ޗެނަލްތަކުން ދަތުރުކުރާއިރު، ރާޑަރުތައް އިތުރުކޮށްގެން ވިޔަސް ކޯސްޓްގާޑުން އެ އުޅަނދުތައް ރަނގަޅަށް ބަލަހައްޓަންޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ހުރިހާ މުއައްސަސާއެއް ގުޅިގެން އަޅުގަނޑުމެން ވަރަށް ބޮޑަށް ރާއްޖޭގެ ކަނޑުތަކާއި ކަނޑުތައް ހިމާޔަތްކޮށްފައި އެއާޕޯޓުތަކާއި ސީޕޯޓުތަކުގެ ވަސީލަތްތައް ރަނގަޅުކުރެވިގެން ރަނގަޅު ޓްރެއިނިން މުވައްޒަފުންނަށް ދެވިގެން މަސައްކަތްކުރިއްޔާ [މަސްތުވާތަކެތު އެތެރެކުރުން] ހުއްޓުވޭނީ،" ޝަރީފް ވިދާޅުވި އެވެ.
އެކަންކަމުގައި ދިމާވާ އަނެއް ގޮންޖެހުމަކީ، އޭނާ ވިދާޅުވިގޮތުގައި، ބައެއް ފަހަރު އެ ފަދަ އިދާރާތަކަށް ނަގާ މުވައްޒަފުންގެ މައުލޫމާތު ރަނގަޅަށް ބެލިފައި ނެތުމެވެ. އޭގެ ސަބަބުން ބޯޓުތަކަށް އަރައި މަސްތުވާތަކެތި އެތެރެކުރުމަށް ބާރު ލިބިގެންދާ ކަމަށާއި އެ މީހާގެ އަމަލު ހުންނަގޮތުން ޝައްކުކުރެވިގެން ބަލާއިރު، މަސްތުވާތަކެއްޗާ ގުޅޭ ހިސްޓްރީއެއް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްތުވާތަކެތި ނައްތާލުމަށް މިދިޔަ އަހަރު ބޭއްވި ހަރަކާތުގައި ހޯމް މިނިސްޓަރު އިމްރާން އަދި ޕޮލިސް ކޮމިޝަނަރު ހަމީދާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
ކޮވިޑަށް ފަހު ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ބޯޑަރު ހުޅުވައި ދަތުރުތައް ފަށާއިރު ޑްރަގްގެ ވިޔަފާރީގައި އުޅޭ މީހުން އެކަން ކާމިޔާބުކުރާނެ މޮޅެތި ގޮތްތައް ހޯދައި ބަލާނެ އެވެ. އެކަމަށް ކަމާބެހޭ ހުރިހާ އިދާރާއަކުން ފާރަވެރިވާން ޖެހެ އެވެ. ޝަރީފް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ޒަމާނީ ޓެކްނިކްސް ބޭނުންކުރާތީ އިދާރާތަކަށް ވެސް އޮތް ގޮތަކީ އެއާ އެއްވަރަށް ތަރައްގީވުމެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ސަރުކާރުން 12 ޕޮއިންޓުގެ އެކްޝަން ޕްލޭނެއް ހަދައި އެ ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައި ވެ އެވެ. ޝަރީފް ވިދާޅުވީ އެ ޕްލޭނުގައި ހިމެނޭ ކަންކަން ތަންފީޒުކުރަން މި އަހަރަށް 22 މިލިއަން ރުފިޔާގެ ބަޖެޓެއް ދައުލަތުން ހަމަޖައްސައިދީފައިވާ ކަމަށެވެ.
ކަސްޓަމްސްގައި 27 އަހަރު މަސައްކަތްކުރެއްވި އެ އިދާރާގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު ފާތިހު އަލީ ވިދާޅުވި ގޮތުގައި ވޯލްޑް ކަސްޓަމްސް އޯގަނިޒޭޝަނުން ކަނޑައަޅާފައިވާ ސްޓެންޑަޑާ އެއްގޮތަށް ރާއްޖޭގައި ބަލައި ފާސްކުރުމުގެ ނިޒާމެއް އޮންނަންޖެހެ އެވެ. އެކަން ކުރުމުގައި ރާއްޖޭގެ ފަރާތުން އޭރު އިސްކޮށް އުޅުއްވީ ވެސް ފާތިހެވެ.
އޭނާ ވިދާޅުވީ އެކަމުގެ ތެރެއިން ޑޭޓާތައް ޝެއާކުރުމާއި ކަސްޓަމްސްގެ ރީޖަނަލް އޮފީސްތަކަށް ގުޅައި މައުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ވެސް ގާއިމްކުރި ކަމަށެވެ. ކަސްޓަމްސްގެ ރާއްޖޭގެ ކޮންޓެކްޓް ޕޮއިންޓް ބޭނުންވެއްޖެ ނަމަ ލަންކާގައި ހުންނަ ހެޑް އޮފް އިންޓެލްއާ ވަގުތުން ވާހަކަދައްކައި މައުލޫމާތު ހޯދައި އަދި މައުލޫމާތު ހިއްސާކުރެވުނަސް ޅި ސިސްޓަމް އެންމެ އެދެވޭ ގޮތުގައި ބޭނުންނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކަސްޓަމްސް އެންފޯސްމަންޓް ނެޓްވޯކް ތެރެއިން މުޅި ދުނިޔެއިން ކަސްޓަމްސްގެ އިސްވެރިންނާ ވާހަކަދައްކައި ދުވަހުން ދުވަހަށް ހޯދާ އެއްޗެހި ނެޓްވޯކުން ފެންނާނެ. މި ސަރަހައްދުން އިންޑިއާގައި ވަރަށް ރަނގަޅަށް ކޮންޓެކްޓް ޕޮއިންޓް އެސްޓަބްލިޝްކޮށްފައި ހުންނާތީ ވަގުތުން ވަގުތަށް މައުލޫމާތު ލިބޭނެ،" ފާތިހު ވިދާޅުވި އެވެ.
އޭނާ ވެސް ވިދާޅުވީ އަދަބު ދޭންވީ ޕެކެޓެއް ގަނެލައިގެން މަގުމަތީގައި އުޅޭ މީހުންނަކަށް ނޫނެވެ. އޭގެ ބަދަލުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މުއްސަދިން ހޯދައި އެ މީހުންނަށް އަދަބު ދެވެންޖެހޭ ކަމަށް ވިދާޅުވި އެވެ.
"މިއީ ނުކުރެވެންޖެހޭ ކަންކަމެއް ނޫން. ކުރެވެން ޖެހޭ ކަންކަން. މީގައި ފުރަތަމަ ކުރަންވި ދެ ކަމަކީ މަސްތުވާތަކެއްޗަށް ބޭނުންނުވާ މުޖުތަމައުއެއް ބިނާކުރުމާއި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް، އެކަމަށް ހުރި މަގުތައް ބަންދުކުރުމާއި ތިން ވަނަ ކަމަށް ވާންވީ ނަހަމަ ގޮތުގައި ފައިސާ ހޯދައި މުއްސަނދިވާ މީހުންގެ ހަރަކާތްތައް ރަނގަޅަށް ބަލައި އެ ގާނޫނު ތަންފީޒުކުރުން،" އޭނާ ވިދާޅުވި އެވެ.
އެންފޯސްމަންޓް ޑިރެކްޓަރޭޓްގެ ހެޑް އަދި އިންޓެލްގެ ހެޑަކަށް ވެސް އުޅުއްވި ފާތިހު ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރުން ކޮންޓްރޯލްކުރަން ބޭނުންވާނަމަ އެކަން ސަރުކާރަށް ކުރެވޭނެ ކަމަށެވެ. އެ މަސައްކަތަށް އިތުރު ގާނޫނެއް ބޭނުމެއް ނޫން ކަމަށާއި މިހާރު ހުރި ގާނޫނުތައް ރަނގަޅަށް ތަންފީޒުކުރާނަމަ އެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިއްޔެެއަކީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ މީހުންގެ ދުވަހަށް ވިއަސް އެ މައްސަލައިގައި ގައުމުގެ އަސްލު މަންޒަރެއް ނޭނގެ އެވެ. އެކަމާ ގުޅޭގޮތުން މިހާތަނަށް ހެދުނު ހަމައެކަނި ދިރާސާއަށް ވެސް 9-10 އަހަރުވެއްޖެ އެވެ. އދ.ގެ ޑްރަގް އެންޑް ކްރައިމް އޮފީހުން ހެދި އެ ދިރާސާގައި ބުނީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7،500 ކުދިން/މީހުން ތިބޭނެ ކަމަށެވެ.
އެކަމަކު ފަރުވާ ނުފެށި މަގުމަތިން ފެންނަ މަންޒަރުތަކާއި އިދާރާތަކުން ހާމަކުރާ މައުލޫމާތުން އެ ނަމްބަރުތައް އިތުރުވާނެ އެވެ. އެހެންވެ، މަސްތުވާތަކެތީގައި ޖީލެއް ހަލާކުވުމުގެ ކުރިން ސަރުކާރުން އެކަން ހުއްޓުވަން ޖެހެ އެވެ. އެކަމަށް ހުޅުވިފައި ހުރި ހުރިހާ ދޮރެއް ބަންދުކުރަންޖެހެ އެވެ.
ޑްރަގް އަތުލާފައި މި ފޮނުވާލަނީ ކޮންބައެއް؟
ޑްރަގް ރިމާންޑު ސެންޓަރު ބޭނުން ނުކުރެވޭތީ ކަންބޮޑުވަނީ
ރިހެބުގެ ފަރުވާއަށް ދައުލަތުން ބޮލަކަށް 70،000ރ.
އައްޑާތައް ބަންދުވެ، ޑްރަގްސްތައް މަގުމައްޗަށް!
މެތު ބޭނުންކުރާ މީހުން އިތުރުވާތީ ކަންބޮޑުވެއްޖެ
މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއަށް އާއިލާތައް
ޑްރަގް ފަރުވާގެ ނިޒާމު ބޮއްސުންލާފައި
މަސްތުވާތަކެތީގެ ފަރުވާ ރަނގަޅުކުރާނެ ގޮތްތަކެއް
ބޮޑު އޮޕަރޭޝަނެއް ހިންގައި 25 ކިލޯގެ ޑްރަގް ހޯދައިފި
ޑްރަގް ކެފޭގެ 40 އަށް ވުރެ ގިނަ ތަން ބަންދުކޮށްފި