Roadha Mihaaru

ރާއްޖެ ގެނައި 18 ކިލޯ ޑްރަގްގެ މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ

ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 18 ކިލޯގެ ޑްރަގްގެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ރާއްޖެ ގެނައި 18 ކިލޯގެ ޑްރަގް:މީހަކު ހައްޔަރުނުކުރޭ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

15 ޖޫން 2025

ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 18 ކިލޯގެ ޑްރަގްގެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިއޮއިޑްސް ރާއްޖެ ގެނައީ އެއާ ކާގޯ ޝިޕްމަންޓެއްގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބެންގަލޫރު މަގުންނެވެ. ގާތްގަނޑަކަށް 26 މިލިއަން ރުފިޔާގެ އެ ތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލާގައި ކަސްޓަމްސްއިން ހިފެހެެއްޓީ އެ ތަކެއްޗާ ހަވާލުވާން ދިޔަ ބަންގްލަދޭޝް މީހެކެވެ.

އެކަމަކު އޭނާއާ އެ މަސްތުވާތަކެއްޗާ ގުޅުމެއް އޮތް ކަމަށް ނުފެންނާތީ ފުލުހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ފުލުހުން މިއަދު ބުނިގޮތުގައި އެ މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. އެކަމަކު އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ބުންޏެވެ.

އެތަކެތި ރާއްޖެއަށް އެތެރެކުރީ ކޮން ފަރާތެއްގެ ނަމުގައި ކަމެއް ވެސް ފުލުހުން އަދިވެސް ނުބުނެ އެވެ.

މަސްތުވާތަކެތީގެ އެ ޝިޕްމެންޓް އަތުލައިގަތީ ކަސްޓަމްސް އަށް މައުލޫމާތު ލިބިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.