Roadha Mihaaru

އިއްޔެ އަތުލައިގަތް މަސްތުވާތަކެތީގެ ބޮޑު ޝިޕްމެންޓް ބަލާ ދިޔައީ ބިދޭސީއެއް

ރާއްޖެއަށް ވައިގެމަގުން އެތެރެކުރަން އުޅެނިކޮށް އިއްޔެ އަތުލައިގަތް 18 ކިލޯގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މަސްތުވާތަކެތި ހުރި ޝިޕްމެންޓް ބަލާ ދިޔައީ ބިދޭސީއެެއް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

11 ޖޫން 2025

ރާއްޖެއަށް ވައިގެމަގުން އެތެރެކުރަން އުޅެނިކޮށް އިއްޔެ އަތުލައިގަތް 18 ކިލޯގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި ހުރީ 30 އަށް ވުރެ ގިނަ ޕެކެޓުގައި ވަކިވަކިން ބަންދުކޮށްފަ އެވެ. އެ ތަކެތި ހުރީ ޕްލާސްޓިކް ގަސް ފަދަ ތަކެތީގެ ޕޮޓާއި އޭގެ ބައިތަކުގައި ފޮރުވައިފަ އެވެ.

އެ މައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އެ ޑްރަގްއާއެކު 35 އަހަރު ބިދޭސީ ފިރިހެނަކު ކަސްޓަމްސްއިން ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ. އެ މީހާގެ ބަންދުގެ މުއްދަތު އަދި ނުޖަހަ އެވެ.

ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ބިދޭސީ މީހާއަކީ އެތަކެއްޗާ ހަވާލުވާން ގޮސް ހުރި މީހާ އެވެ. އަދި އެގޮތަށް އަތުލައިގަން މަސްތުވާތަކެއްޗާއި އެއާ ހަވާލުވާން އަންނަ މީހުން އެ އިދާރާއިން ހަވާލުކުރަނީ ފުލުހުންނާ އެވެ.

ކަސްޓަމްސް އިން ރޭ ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް ބައެއް ތަކެތި ފާސްކުރަނީ.-- ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސް އިން ރޭ ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް ބައެއް ތަކެތި ފާސްކުރަނީ.-- ފޮޓޯ: ކަސްޓަމްސް

އެއީ ކޮން ފަރާތަކުން ރާއްޖެއަށް އެތެރެކުރި ސާމާނެއް ކަމެއް އަދި ސާފެއް ނޫނެވެ. އިންޑިއާގެ ބެންގަލޫރު މަގުން ގެނަައި އެއާ ކާގޯ ޝިޕްމަންޓަކުން އަތުލައިގަތް އެ ތަކެތި ވަނީ ކެނަބިއޮއިޑްސް އަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ ތަކެތީގެ ޖުމްލަ ބަރުދަން 18.62 ކިލޯއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި، އެ ފަރާތްތަކާ ގާނޫނު ދަނީ އަރާ ހަމަކުރަމުން ކަމަށެެވެ. އަދި އެއީ ކަސްޓަމްސް އިން އެކަމުގެ މައުލޫމާތު ލިބިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި ކަމަށް ވިދާޅުވި އެވެ.