Roadha Mihaaru
ބޮޑު އޮޕަރޭޝަނެއް ހިންގައި 25 ކިލޯގެ ޑްރަގް ހޯދައިފި

ބޮޑު އޮޕަރޭޝަންތަކެއް ހިންގައި 25 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

03 އޮކްޓޯބަރ 2016

ފުލުހުންނާއި ކަސްޓަމްސްއިން ވަކިވަކިން ހިންގި ބޮޑު ތިން އޮޕަރޭޝަނެއްގައި 25 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، އަށް މީހަކު ހައްޔަރުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުލުހުންނާއި ކަސްޓަމްސްއިން ވަކިވަކިން ހިންގި ބޮޑު ތިން އޮޕަރޭޝަނެއްގައި 25 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، އަށް މީހަކު ހައްޔަރުކޮށްފި އެވެ.

މި ތިން އޮޕަރޭޝަންގެ ތެރެއިން އެންމެ ބޮޑު ދެ އޮޕަރޭޝަންގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުނުން 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އިރު މާލޭގައި ހިންގި އޮޕަރޭޝަންގައި އަތުލައިގަނެވުނީ ހަތް ކިލޯގެ މަސްތުވާތަކެއްޗެވެ.

ކަސްޓަމްސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވީ މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ޓްރިވެންޑްރަމުން އައި 31 އަހަރުގެ އަންހެނެއްގެ ދަބަހުން ހަތް ކިލޯގެ ހަޝިޝް އޮއިލް އާއި އެއް ކިލޯގެ ހިރޮއިން ފެނިފައިވާ ކަމަށެވެ. އަދި އަންހެންމީހާ އެތެރެކުރި އެ ތަކެއްޗާ ހަވާލުވާން އުޅުނު 21 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަސްޓަމްސްއިން ބުނީ އެ ދުވަހު 10:30 ހާއިރު ރާއްޖެ އައި އަންހެންމީހާ ގެނައި މަސްތުވާތަކެތި ހުރީ ބައެއް ކާބޯތަކެތި ބަންދުކޮށްފައި ހުންނަ ޕެކެޓްތަކެއްގައި ކަމަށެވެ. އެ އަންހެންމީހާ އާއި އަނެއް ދެ މީހުން ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަން ކްރިމިނަލް ކޯޓުން ވަނީ މުއްދަތު ވެސް ޖަހައިދީފައި ކަމަށް ފުލުހުން ބުނެ އެވެ.

"ދެ މީހުންނަކީ (ހަވާލުވުމަށް އައި ދެ މީހުން) ކުށުގެ ރިކޯޑު އޮތް ބައެއް،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު 12:30 ހާއިރު، އިންޑިއާގެ ބެންގަލޫރުން އައި 28 އަހަރުގެ މީހެއްގެ ދަބަހުން 10 ކިލޯގެ ހަޝިޝް އޮއިލް ފެނިފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ދެ މީހުން ދިރިއުޅޭ ގެ ބަލައި ފާސްކޮށް ހަތް ކިލޯގެ ހަޝިޝް އޮއިލް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްސަލާގައި ހައްޔަރުކުރީ 22 އަހަރާއި 27 އަހަރުގެ ދެ ފިރިހެނުން ކަމަށް މޫސަ ވިދާޅުވި އެވެ.

ތިން މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ މުއްދަތު ޖަހައިދީފަ އެވެ.

ކަސްޓަމްސް އިން ބުނީ ހޮނިހިރު ދުވަހު އެއާޕޯޓުން އަތުލައިގަތް މަސްތުވާތަކެތި ހުރީ ޕެކެޓާއި ޖޫސް ޕެޓީ ކޮތަޅާއި ފިލްމު ހުސްކުރި ދަޅު ފަދަ ތަފާތު އެއްޗިއްސަށް އަޅާފައި ކަމަށެވެ.

މާލޭގައި މިދިޔަ ހުކުރު ދުވަހު ގެއެއް ބަލައި ފާސްކޮށް، 438.28 ގްރާމްގެ ހަޝިޝް ހޯދައި 34 އަހަރުގެ އަންހެނަކާއި 24 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.