Roadha Mihaaru
ބޮޑު މުސާރައާއެކު ސީއީއޯގެ މަގާމަށް 12 މީހަކު!

ބޮޑު މުސާރައާއެކު، އެންޑީއޭގެ ސީއީއޯގެ މަގާމަށް ޑިމާންޑު ބޮޑުވެއްޖެ!

05 އޮކްޓޯބަރ 2022

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯ މަގާމުގެ މުސާރަ އާއި އިނާޔަތްތައް 12،500ރ. އިން 48،450ރ. އަށް ބޮޑުކޮށް، އެ މަގާމަށް މީހަކު ހޯދަން އިއުލާނުކުރުމުން 12 މީހަކު ކުރިމަތިލާފައިވާ ކަމަށް އެ އެޖެންސީ ހިންގާ ބޯޑުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯ މަގާމުގެ މުސާރަ އާއި އިނާޔަތްތައް 12،500ރ. އިން 48،450ރ. އަށް ބޮޑުކޮށް، އެ މަގާމަށް މީހަކު ހޯދަން އިއުލާނުކުރުމުން 12 މީހަކު ކުރިމަތިލާފައިވާ ކަމަށް އެ އެޖެންސީ ހިންގާ ބޯޑުން މިއަދު ބުނެފި އެވެ.

ޗެއާމަން ޝަމާއު ޝަރީފު "މިހާރު" އަށް ވިދާޅުވީ އެންޑީއޭގެ ސީއީއޯގެ މުސާރަ ބޮޑުކުރުމުން އެ މަގާމަށް ޑިމާންޑު ބޮޑުވެފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލި މީހުންނާ އިންޓަވިއުކުރަމުން އަންނައިރު، ދޮޅު އަހަރަށް ފަހު މި މަހު އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވޭނެ ކަމަށް ޝަމާއު އުންމީދު ކުރައްވަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ އެޖެންސީގެ ސީއީއޯގެ މުސާރައިގެ ގޮތުގައި މިހާތަނަށް ދެމުން އައީ މަހަކު 18،000ރ. އާއި 1،000ރ. ގެ ފޯނު އެލަވަންސް އަދި ލިވިން އެލަވަންސަށް 12،500ރ. އާ އެކު ޖުމްލަ 31،500ރ. އެވެ.

އެކަމަކު، މި ފަހަރު ސީއީއޯގެ މަގާމަށް އިއުލާނުކުރީ 48،450ރ. އަށް މުސާރަ ބޮޑުކުރުމަށް ފަހު އެވެ.

ސީއީއޯގެ މަގާމަށް އެންމެ ފަހުން މިދިޔަ އަހަރުގެ ޖެނުއަރީ 18 ގައި އައްޔަންކުރެއްވީ މުހައްމަދު ހަބީބެވެ. ނަމަވެސް، ޕްރޮބޭޝަންގެ މުއްދަތުގައި ކުރެއްވި މަސައްކަތުގެ އިވެލުއޭޝަނުން ރަނގަޅު ނަތީޖާއެއް ނެރެދެވިފައި ނުވާތީ ކަމަށް ބުނެ، މިދިޔަ އަހަރުގެ މޭ 16 ގައި ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ.

އޭގެ ފަހުން ވެސް އެ މަގާމަށް އިއުލާނުކުރި އެވެ. އެކަމަކު އެކަށީގެންވާ ތަރުހީބެއް ނުލިބުމުން، މުސާރަ ބޮޑުކޮށް އަލުން އިއުލާންކުރީ އެވެ.

ސީއީއޯގެ ޝަރުތުތަކުގެ ތެރޭގައި މާސްޓާސް ޑިގްރީ ނުވަތަ ކަމާ ގުޅުން ހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށް، ލީޑަޝިޕްގައި ފަސް އަހަރު މަސައްކަތް ޕޮސތކުރުމުގެ ތަޖުރިބާ ނުވަތަ ހިންގުމުގެ ދާއިރާގައި 10 އަހަރު މަސައްކަތްކުރުމުގެ ތަޖުރިބާ ހުރުން ހިމެނެ އެވެ.

މަސްތުވާތަކެތީގެ ގާނޫނުގައިވާ ގޮތުން، އެންޑީއޭ ބޯޑުގެ މަސައްކަތަކީ އެކި ކަންކަމުގައި ލަފަ އާއި އިރުޝާދު ދިނުމެވެ. އެ ކަންކަމަށް ރިއާޔަތްކޮށް ތަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިި ވާނީ ސީއީއޯ އެވެ.