25 ނޮވެމްބަރ 2022
މައްސަލަތަކުން ފުރިފައި އޮތް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ގުޅޭގޮތުން ހުރީ ހުސް ޝަކުވާތަކެވެ. މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ހައްލުކުރުމަށް ބޮޑު ބަޖެޓަކާ އެކު ގިނަ ޒިންމާތަކެއް ހަވާލުކުރިއަސް ނަތީޖާއެއް ނުފެނުނެވެ. އޭގެ އެއް ހެއްކަކީ، އެތައް ބައެއްގެ ސީދާ ދިރިއުޅުމާ ގުޅިފައިވާ އިދާރާގެ ދުވަހުގެ ހިންގުމުގެ އިސްވެރިއެއް ނެތި ދޮޅު އަހަރު ފާއިތުވުމެވެ.
މައްސަލަތަކުން ފުރިފައި އޮތް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ގުޅޭގޮތުން ހުރީ ހުސް ޝަކުވާތަކެވެ. މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ހައްލުކުރުމަށް ބޮޑު ބަޖެޓަކާ އެކު ގިނަ ޒިންމާތަކެއް ހަވާލުކުރިއަސް ނަތީޖާއެއް ނުފެނުނެވެ. އޭގެ އެއް ހެއްކަކީ، އެތައް ބައެއްގެ ސީދާ ދިރިއުޅުމާ ގުޅިފައިވާ އިދާރާގެ ދުވަހުގެ ހިންގުމުގެ އިސްވެރިއެއް ނެތި ދޮޅު އަހަރު ފާއިތުވުމެވެ.
އެކަމަކު، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެންޑީއޭ އަށް ރަނގަޅު ސީއީއޯއެއް ހޯދުމަށް މި ފަހުން ވަނީ ބައި ލައްކަ ރުފިޔާ އަށް މުސާރަ ބޮޑުކޮށް ސީއީއޯއެއް ހޯދައިފަ އެވެ.
މިއީ، އެންޑީއޭގެ ސީއީއޯގެ މަގާމާ މި މަހު ހަވާލުވެވަޑައިގެންނެވި އިމާދު ސޯލިހު، މިދިޔަ ހޯމަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގެ މުހިއްމު ބައިތަކެވެ.
އަޅުގަނޑު ހަގީގަތުގައި ވެސް މި މަގާމަ ކުރިމަތިލީ މީގެ ކުރިން ވެސް އަޅުގަނޑު ތަޖުރިބާތަކެއް ހުރީމަ. ކުރީގައި 2012/2013 ގައި މަސައްކަތްކުރިން އެންޑީއޭ ބޯޑުގައި. އޭރު ބޯޑު މެމްބަރެއްގެ ހައިސިއްޔަތުން ވެސް އަޅުގަނޑަށް މީގައި ހުރި ޗެލެންޖަސްތައް ފާހަގަކުރެވިފައި ހުރީ. އޭގެ ފަހުން 2015 ނޫނީ 2016 ހިސާބުގައި ސީއީއޯގެ މަގާމަށް ވާދަކުރިން. އެހެން ނަމަވެސް އެ ފަހަރު ފުރުސަތެއް ނުލިބުނު. އޭރު މުސާރަ ވެސް ބޮޑެއް ނޫން.
މި ފަހަރު ކުރިމަތިލީ ޗެލެންޖިން މަސައްކަތެއްކަން ގަބޫލުކޮށް، އެ ޗެލެންޖު ނެގުމަށް އަޅުގަނޑަށް ޔަގީންކަން އެބައޮތް. މި ތަނުގައި ތިބީ ވަރަށް ޓެލެންޓެޑް، ކޭޕަބަލް މުވައްޒަފުން. ވަރަށް ބޮޑު ސްޓަރްކްޗާއެއް، ގާތްގަނޑަކަށް 350 މުވައްޒަފުން މި ތަނުގެ ބެލުމުގެ ދަށުގައި އެބަތިބި ރާއްޖޭގެ އެކި ތަންތަނުގައި.
މި މަސައްކަތާ ހަވާލުވެގެން ހަތަރު ވަނަ ހަފުތާ އަށް ދާއިރު ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި. އެންމެ ބޮޑުގޮންޖެހުމެއް މި ހުރީ ގާނޫނު ހުރި ގޮތުން. މިހާރު އަމަލުކުރަނީ 2011 ގައި ވުޖޫދުކުރެވުނު ގާނޫނަކަށް، ކުރެވެމުން ދާއިރު އޭރު ފަރުމާ ކުރެވިފައި ހުރި ގޮތާއި މިހާރުގެ މުޅި މި މައްސަލައާ ދޭތެރޭގައި ދުނިޔެ ދެކޭ ގޮތް މި ވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. މާނައަކީ، މީގެ ކުރިން މި މައްސަލައާ ދޭތެރޭ ދެކޭ ގޮތަކަށް ނޫން މިހާރު މި ދެކެނީ. ވަރަށް ހެލްތު ޕާސްޕެކްޓަކުން ދެކެނީ.
ރާއްޖޭގައި މިހާތަނަށް ކުރެވުނު ތަޖުރިބާއަކީ ވެސް މީހުން ކްރިމިނަލް ވިސްނުމުގައި ޖަލަށް ލައިގެން ރަނގަޅެއް ނުކުރާނެކަން. އެއަށްވުރެ އިފެކްޓިވް ޕްރޮގްރާމްތަކުގެ ތެރެއަށް މީހުން ގެނެސްގެން، ފަރުވާ ދީގެން އެ މީހުން ރަނގަޅުކުރުމަށް މަސައްކަތްކުރުން. ނަމަވެސް، ގާނޫނުގެ ބައެއް މާއްދާތައް އެބަހުރި މި ވަގުތަށް ވެސް ބަދަލުތައް ގެންނަން ޖެހޭ.
އެންޑީއޭގެ ސީއީއޯ އިމާދު، ގުޅިފަޅަށް ވަޑައިގެން އެ ތަނުގައި ފަރުވާ ހޯދާ މީހުންނާ މިދިޔަ އާދިއްތަ ދުވަހު ބައްދަލުކުރައްވަނީ.-- ފޮޓޯ: އެންޑީއޭ
މުވައްޒަފުންގެ އަދަދު 350 ވިޔަސް، މި އަހަރުގެ ތެރޭގައި ހެލްތު މިނިސްޓްރީގެ ދަށަށް އެންޑީއޭ ބަދަލުކުރި ފަހުން މި ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި. އަޅުގަނޑު މި މަގާމަށް އައި އިރު ވެސް މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވޭ.
އެންމެ މުހިއްމު ކަމަކަށް މިދިޔަ އަހަރުގެ ތެރޭގައި މި އޮތީ މުޅި މި ނިޒާމުގެ ސިޓުއޭޝަނަލް އެނަލިސިސް އެއް ހެދުން. އަންނަ މަސް ފެށޭ ހިސާބުގައި ރިޕޯޓު ޕަބްލިޝްކުރުމުގެ މަސައްކަތްކުރާނަން. ޑަބްލިއުއެޗްއޯގެ އެހީގައި ކޮށްފައިވާ މަސައްކަތެއް އެއީ. ހަމައެއާއެކު، ހުރިހާ ސެންޓަރުތަކެއްގެ މިޕިން އެއް ހެދިފައިވަނީ. އެ ސެންޓަރުތަކުގެ ހާލަތާއި ރަނގަޅުކުރަން ހުރި ކަންކަން ވަރަށް ބޮޑަށް ދިރާސީ ނަޒަރަކުން މަސައްކަތްކުރެވިފައި އެބަހުރި.
އެހެންވީމަ، މި އަހަރުގެ ތެރޭގައި އެންމެ މުހިއްމު ކަމަކަށް ސްފާޓް ޝޯޓޭޖަކީ ވަރަށް ބޮޑަށް ފާހަގަކުރެވިފައި އޮތް ކަމެއް. މި އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 100 މުވައްޒަފުން މި އިންސްޓިޓިއުޓަށް މި ވަނީ އެކި ދިމަ ދިމާއަށް ރެކްރޫޓްކުރެވިފައި.
ސޯޝަލް ވޯކަރުން ވެސް އަދި ކައުންސެލަރުން ނުލިބޭ ދިމަދިމަ ބަލައިގެން ބޭރުން ރެކްރޫޓްކުރުން ވިސްނުމަކީ. ރަނގަޅު ވާހަކައެއް، ފަރުވާ ނުލިބިގެން އަންނަ މީހާއަށް އެއް ދުވަސް ވެސް ލަސްވުމަކީ ހިތާމަކުރަންޖެހޭ ކަމެއް. މިދިޔަ ދުވަސްތަކުގައި ޕްރޮފެޝަނަލް ކެޓަގަރީގެ ބޭފުޅުން ނުލިބުމާއި ސާވިސް އެކްސްޕެންޑުކުރަން ވިސްނި ކަމުގައި ވިޔަސް، މިސާލަކަށް ސެންޓަރުގައި ފިޒިކަލް ކެޕޭސިޓީ ހުއްޓަސް ހިއުމަން ރިސޯސްގައި ފަރުވާއަށް ބޭނުންވާނެ ޓެކްނިކަލް ސަޕޯޓު ދެވޭނެ މީހުން މަދުވިއްޔާ އަޅުގަނޑުމެންނަށް ނެގޭ ކްލައިންޓުން ނިސްބަތުން މަދުވާނެ.
ހާފްވޭ ހައުސް އިން ދެ ކަމެއް އެބައޮތް. އެއް ކަމަކީ ހާފްވޭ ހައުސް އަދި އަންހެނުންގެ ރިހެބިލިޓޭޝަން ސެންޓަރު. ދެ ބިމެއްގައި، ވަކި ދެ އިމާރާތެއް.
ކުރީގައި އެ ހިދުމަތް ފޯރުކޮށްދެމުން ދިޔައީ ހިއްމަފުށީގައި. އެ ރަށުން މިހާރު މާލެއަށް ބަދަލުކުރަންޖެހުނު މައިގަނޑު ސަބަބަކީ، ހަގީގަތުގައި އަންހެން ބޭފުޅުންނަށް ދެވޭ ފަރުވާ އާއި އެ ބޭފުޅުންގެ ކަންކަމަކީ ވަރަށް ތަފާތު ކަންކަން. ބައެއް ބޭފުޅުން ކުދިން ތިބި، އާއިލާއާ އެކީގައި ކޮންމެ ވެސް ވަރަކަށް ވަގުތު ހޭދަކުރަންޖެހޭ. ރަށުން ބޭރުގައި، އައިސޮލޭޓެޑް ތަނެއްގައި ހަގީގަތުގައި އެކަން ކުރަން ބަލާއިރު ގޮންޖެހުންތައް އެބަހުރި. ނަމަވެސް މާލޭގައި، ހުޅުމާލޭގައި އެ ފެސިލިޓީ ހުންނައިރު އަޅުގަނޑަށް ގަބޫލުކުރެވެނީ އަންހެނުންނަށް ހިތްހަމަޖެހުމާއެކު އެ ފަރުވާގެ ޕްރޮގްރާމްގައި ހޭދަކުރާ ވަގުތު އަދި ފުރުސަތު ލިބިގެންދާނެ ކަމަށް. އެ ފުރުސަތަކީ ހިއްމަފުށީގައި ލިބޭ ފުރުސަތެއް ނޫން ވަރަށް މަދު ފަހަރެއްގައި ނޫނީ.
ދެ ވަނަ ކަމަކަށް މި އޮތީ ކޮމިއުނިޓީއަށް ރީއެންޓަގްރޭޓް ކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް. ވަޒީފާ ހޯދައިދިނުމާއި ވަޒީފާގައި ތިބެގެން ފަރުވާގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ މަސައްކަތް ކުރިއަށްދާނެ. އަދި ހާފްވޭ ހައުސްގެ ގޮންޖެހުންތައް އެބަހުރި. އެއް އިމާރާތް އެ ހުރީ ވަރަށް ބޮޑަށް ވީރާނާވެފައި. އެ އިމާރާތް ރިނޮވޭޓްކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭ ތަނުގައި ކުރިއަށްދާނެ. އޭރުން ހާފްވޭގެ މަސައްކަތް ފުލްކޮށް ކުރިއަށްދާނެ.
އެންޑީއޭގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިމާދު، މިދިޔަ ހޯމަ ދުވަހު "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންޑީއޭ ހިންގުމާ ހަވާލުވެވަޑައިގެންނެވި ބޭފުޅުން އަދި ބޯޑުގެ މެމްބަރުން ވެސް ވަރަށް މަސައްކަތްކޮށްފައި އެބަހުރި ކަންކަން ރަނގަޅުކުރަން. މި އިންސްޓިޓިއުޓު މިހާ ހިސާބަށް އައިއިރު ހާސިލްވި ކަންކަން ވެސް މަދެކޭ ނުބުނެވޭނެ.
ތި ވިދާޅުވި ގޮތަށް އެކި ފަހަރު މަތިން އެންޑީއޭގެ އެތެރޭގައި މައްސަލަތައް ހުރި އަދި މިހާރު ވެސް 100 ޕަސެންޓް މައްސަލަ ފްރީ އެކޭ އަޅުގަނޑު ނުދަންނަވާނަން. އެކަމަކު އަޅުގަނޑަށް ފާހަގަކުރެވެނީ މިދިޔަ ދޮޅު އަހަރަށް ބަލާއިރު ރަސްމީކޮށް ދުވަހުން ދުވަހަށް ހިންގަންޖެހޭ ސީއީއޯގެ މަގާމުގައި ބޭފުޅަކު ނެތް.
އަޅުގަނޑު މި މަގާމާ ހަވާލުވެގެން މިހާރު މަސައްކަތްކުރެވުނު ތިން ހަފުތާއަށް ބަލާއިރު، އަޅުގަނޑަށް ފެންނަ މަންޒަރަކީ ހަމަ ވަރަށް ގިނަ މުވައްޒަފުން ތިބީ ވަރަށް މޯޓިވޭޓެޑް، ކޮމިޓެޑް އަދި ހަގީގަތުގައި ނަތީޖާ ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ވިސްނުމުގައި. ވަރަށް ގިނަ ކައުންސެލަރުންނާއި ބޭބޭފުޅުން، ހާއްސަކޮށް ޕްރޮފެޝަނަލް ބޭފުޅުން މުއައްސަސާ ދޫކޮށްފައި ވަޑައިގަތުމުގެ އެންމެ ބޮޑު އެއް އަސްލަކީ އެ ކެރިއަ ޕާތު އަޅުގަނޑުމެންނަށް ދެއްކިފައި ނެތުން. މިހާރު މަސައްކަތްތައް ފަށައިގެން މި ދަނީ މުޅި މި މުއައްސަސާގެ އޯގަނިޒޭޝަންގެ ސްޓްރަކްޗާ ރިވިއުކުރުމުގެ މަސައްކަތް.
މީގައި ހުރީ ހަމައެކަނި އެންޑީއޭގެ މައްސަލަ އެކަންޏެއް ނޫން. ފަރުވާގެ ނިޒާމަށް އަންނަން ބަލާއިރު ވޮލެންޓްރީކޮށް މިކަމަށް އަންނަ ކްލައިންޓުންގެ އަދަދަކީ ވަރަށް ކުޑަކުޑަ އަދަދެއް އަދި. އެވްރެޖުކޮށް ބޮޑު ކްރައުޑަކީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކޯޓަށް ގެންދެވުނީމަ ތިމަންނަ ފަރުވާ ބޭނުމޭ ބުނެ، ފަރުވާއަށް ހުކުމް ކުރެވޭ މީހުން.
ބައެއް ފަހަރު ހުކުމް ކުރެވިފައި ހުރި ކަމުގައި ވިޔަސް އޭނަ ނިޒާމުގެ ތެރެއިން ކޮންޓެކްޓް ނުކުރެވި، އެންޑީއޭއަށް ދޭންޖެހޭ އެއްބާރުލުން ނުދެވި، އެކަންކަމަކީ ވަރަށް ގިނައިން ވެފައި ހުރި ކަންކަން.
މިހާ ހިސާބަށް އަޅުގަނޑަށް އަންނަ ސިޓީތަކާއި ޝަކުވާތަކަށް ބަލާއިރު، ތިމަންނައަކީ ހުކުމްކުރެވިފައި ހުރި މީހެކޭ އެކަމަކު ކުރީގައި ފަރުވާއަށް ދާކަށް ބޭނުމެއް ނުވިއޭ. ނަމަވެސް މިހާރު ފަރުވާއަށް ދާން ބޭނުންވޭ، އެހެން ނޫނީ އެ ހުކުމް ތަންފީޒުނުކުރެވެންޏާ އެ މީހަކު ޖެހެނީ ޖަލަށް ދާން.
އެސެސްމަންޓް ހެދުމާއި ފަރުވާގެ ޕްރޮގްރާމް ކަނޑައެޅިގެންދާއިރު މަރުކަޒެއް ޗޫސްކުރެވި، މަރުކަޒުގެ ފުލް ކެޕޭސިޓީގައި ކްލައިންޓުން ނެގެން ނެތީމަ ދިމާވާ މައްސަލަތައް އެބަހުރި. ކޯޓު އަމުރު އޮންނަ ގޮތުން ވެސް އެ މީހާގެ ފަރުވާ ރިވައިޒްކުރަން ޖެހެނީ. ކުރީގައި ބުނާ މުއްދަތެއް ފަހަނަ އަޅާ ނުދާނެ ރަނގަޅަށް ކްލައިންޓް ކޯޕަރޭޓްކުރަންޏާ މަހެއް ދޮޅުމަހެއްގެ ތެރޭގައި އޭނައަށް ފަރުވާގެ ޕްރޮގްރާމްގެ ތެރެއަށް ޖޮއިންކުރެވޭނެ. އަޅުގަނޑު އުއްމީދުކުރަނީ އެއަށްވުރެ ވަގުތު ކުޑަކުރަން. މާނައަކީ ވީހާ ވެސް އަވަހަކަށް އަޅުގަނޑުމެން ކްލައިންޓުން މި ނިޒާމުގެ ތެރެއަށް ވެއްދި، ފަރުވާގެ ނިޒާމުގެ ތެރޭގައި އޭނާ ޝާމިލްކުރެވޭނެ ގޮތް ހެދުން.
އެންޑީއޭގެ ސީއީއޯ އިމާދު، ހިއްމަފުށީ ރިހެބިލިޓޭޝަން ސެންޓަރަށް ވަޑައިގެން އެ ތަނުގެ ހާލަތު ބައްލަވާލައްވަނީ.-- ފޮޓޯ: އެންޑީއޭ
މިހާރު ރިމާންޑަކަށް ހުކުމެއް ނުކުރޭ. ރިމާންޑަށް ހުކުމް ކުރީމަތާ އަޅުގަނޑުމެންގެ ކްލައެންޓުން ތިބޭނީ. މި ވަގުތު ކްރިމިނަލް ކޯޓުން ރިމާންޑަށް ހުކުމް ކުރުން މަޑުޖައްސާލާފައި އޮތީ.
އަޅުގަނޑުމެން ޝަރުއީ ދާއިރާގެ ބޭފުޅުންނާއެކު ވެސް މިހާރު ރިކުއެސްޓްކުރެވިފައި ވަނީ އެކީ އިށީނދެ ތިބެގެން މި ކަމާ މެދު މަޝްވަރާކޮށް މަސައްކަތްކުރުމަށް. ދައުލަތުގެ އެންމެން ވެސް ވިސްނުމަކީ މިކަމަށް ސޮލިއުޝަނެއް ހޯދުން.
ފަރުވާއަކީ އެންމެ ފަހުން ފަހާ އަންނަ ހިސާބު. ކުރީގައި ޕްރިވެންޓިވް ޕާސްޕެކްޓިވް އަކުން ވިސްނަނީނަމަ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް އެބައޮތް. ތި ވިދާޅުވި ގޮތަށް ދޫވެފައި ތިބޭ ކޮންމެ ދުވަހަކީ ވެސް އިތުރަށް މި ކަން ފެތުރުމަށްޓަކައި މަގުފަހިވާ ދުވަހެއް.
އަޅުގަނޑުމެންގެ ސިޓުއޭޝަނަލް އެނަލިސިސް އަށް ބަލާއިރު ވެސް މި އުމުރު ފުރާ ވަނީ ބަދަލުތަކެއް އައިސްފައި. މި މަސައްކަތް މިހާރު ފެށެނީ އުމުރުން އަށް އަހަރު ނުވަ އަހަރުގައި ކުދިން ވަނުމަށް މަގުފަހިކުރަން. ގްރޫމްކޮށްގެން ސީދާ ބަޔަކު ކުރާކަން ފާހަގަވޭ.
މަސްތުވާތަކެތީގެ ސަޕްލައި ރެޑިއުސްކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް ގާނޫނުން އެޅެންޖެހޭ އަދި އެ ފަދަ ފަރާތްތަކާ ދޭތެރޭގައި ހަރުކަށި ފިޔަވަޅު އަޅަންޖެހޭ.
މީގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމެއް އެބައޮތް. މިސާލަކަށް، ޓްރެފިކް ކުރާ ކަމުގެ ތުހުމަތުގައި ގިނައިން ހުކުމް ކުރެވިފައި އެބަތިބި. މި ކަމުގެ ތެރޭގައި ގާތްގަނޑަކަށް ޖީލެއް ޝާމިލްވެގެން މި ދަނީ. ދާއިރު ވަރަށް މުހިއްމު އެންމެން ވެސް ވިސްނާލަން، މި ކުރެވޭ ކަމުން މައްސަލައަށް ހައްލެއް ލިބިއްޖެތޯ؟ އަޅުގަނޑަށް ހިއެއް ނުވޭ ޓްރެފިކިންގެ ޗާޖުގައި ހުކުމް ކުރެވޭ މީހުން ވެސް މަދުހެން. ވަރަށް ގިނަ ރާއްޖޭގައި 25 އަހަރަށް ހުކުމް ތަންފީޒުކުރެވިގެންދާ މީހުން. އެހެން ނަމަވެސް ނޫސްވެރިން ވެސް ސުވާލު ކުރަން އެބަޖެހޭ މައްސަލައަށް ހައްލެއް ގެނެވިއްޖެތޯ؟ ސަޕްލައި ރެޑިއުސްކުރެވިއްޖެތޯ؟ ޓްރެފިކިން މަދުވެއްޖެތޯ؟ މީގެ ތެރެއަށް ވަންނަ މީހުންގެ ނިސްބަތް މަދުވެއްޖެތޯ؟ މަދެއް ނުވޭ.
ހަގީގަތަކީ ވަރަށް އިނޮސެންޓް، ނިކަމެތި އާއިލާތަކަށް ނިސްބަތްވާ މީހުންގެ ދަރިން ހަގީގަތުގައި ޓްރެފިކިންގެ ޗާޖުގައި 25 އަހަރަށް ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނީ. އޮރިޖިނަލް މީހާ ނުވަތަ އޮރިޖިނަލް މީހުން ހަގީގަތުގައި ތިބީ އަތްނުފޯރާ ތަނުގައި. އެކަން ރަނގަޅު ނުކުރެވޭ ކަމަށްވަންޏާ ކިތައްމެ ވަރަކަށް އަޅުގަނޑުމެން ޓްރެފިކިންގެ ޗާޖުގައި ހަތަރު ގްރާމް އަތުން ފެންނަ ކުއްޖާ ގެންގޮސްފައި، މާދަމާ އަނެއް ކުއްޖާ ވެސް ހުންނާނެ. ސަބަބަކީ އޮރިޖިނަލް ޕޮއިންޓުން އެއްޗެހިތައް ސަޕްލައިކުރާ ސަޕްލައިކުރުމަށް ހުއްޓުމެއް ނާދޭ. އެހެން ކަމަށްވަންޏާ މި ދެންނެވި ގޮތަށް އަޅުގަނޑުމެން ވިސްނާ ވިސްނުން މުޅި މައްސަލައާ ދޭތެރޭގައި އިތުރަށް ރިވައިސްކުރަންޖެހޭ ވިސްނުން ބަދަލުކުރަންޖެހޭ ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ.
ތިން އަތޮޅެއްގައި ޑްރަގު ރިހެބިލިޓޭޝަން ސެންޓަރު ހަދަނީ
700 މީހުން ކިޔުގައި، ފަރުވާ އަވަސްކުރަނީ
މަސްތުން ސަލާމަތްވުމުގެ ފަރުވާއަށް އެދޭ ގިނަ ބަޔަކު ފަރުވާ ފަށައިފި
ބަދަލުތަކެއް ގެންނާނެ ހާފްވޭ ހައުސް ހުޅުވައިފި
ބޮޑު މުސާރައާއެކު ސީއީއޯގެ މަގާމަށް 12 މީހަކު!
ހުޅުމާލޭގެ ހާފްވޭ ހައުސް އަލުން ހުޅުވަން ތައްޔާރުވަނީ
މުސާރަ ބޮޑުކޮށް އެންޑީއޭ ސީއީއޯ މަގާމަށް އިއުލާނުކޮށްފި
އެންޑީއޭގެ ސީއީއޯއެއް ނެތި އަހަރެއް، ޝަކުވާއަކީ މުސާރަ
އަތޮޅުތެރޭގެ ފުރަތަމަ ޑްރަގް ރިހެބް ސެންޓަރު އައްޑޫގައި
އެންޑީއޭ އަށް ސީއީއޯއެއް ހޯދަން އިއުލާންކޮށްފި