Roadha Mihaaru
700 މީހުން ކިޔުގައި، ފަރުވާ އަވަސްކުރަނީ

700 މީހުން ކިޔުގައި، ފަރުވާ އަވަސްކުރަން ހާއްސަ އޮޕަރޭޝަނެއް

21 ޑިސެމްބަރ 2023

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ އަދި ފަރުވާ ދިނުމަށް ޑްރަގު ކޯޓުން އަމުރުކޮށްފައިވާ 700 މީހަކު ފަރުވާ ނުދެވި ކިޔުގައި އެބަ ތިބި ކަމަށާއި އެ މީހުންނަށް ފަރުވާ އަވަސް ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ އަދި ފަރުވާ ދިނުމަށް ޑްރަގު ކޯޓުން އަމުރުކޮށްފައިވާ 700 މީހަކު ފަރުވާ ނުދެވި ކިޔުގައި އެބަ ތިބި ކަމަށާއި އެ މީހުންނަށް ފަރުވާ އަވަސް ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.

ހޯމް ލޭންޑް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހް ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން ޑްރަގު ކޯޓުން ކޮމިއުނިޓީ ފަރުވާ އަށް ހުކުމް ކޮށްފައިވާ 700 މީހުންގެ ބެކްލޮގެއް އެބައޮތް ކަމަށާއި އެ ބެކްލޮގް ފިލުވުމަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ނިންމައިފައިވާ ކަމަށެވެ.

"ކުރެވިފައިވާ ރިހެބިލިޓޭޝަން އަމުރުތަކާ އެއްގޮތަށް ކްލައިންޓުންނަށް ދޭންޖެހޭ ފަރުވާތައް ދިނުމަށްޓަކައި މުޅި އެންޑީއޭގެ ޓެކްނިކަލް އަދި އިދާރީ ޓީމް އެކުލެވިގެން ޖޮއިންޓް މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކްލައިންޓުންނަށް ގުޅުމުގެ މަސައްކަތް އެބަ ކުރިއަށްދޭ. އެކަމަށްޓަކައި މުވައްޒަފުންތަކެއް ވަކިން ނެގިގެން،" އިމާދު ވިދާޅުވި އެވެ.

އުއްމީދު ކުރަނީ ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި ކިޔުގައި ތިބި 700 މީހުންނަށް ފަރުވާދީ ނިންމައިލެވޭނެ ކަމަށް ކަމަށް އިމާދު ވިދާޅުވި އެވެ.

މީގެއިތުރުން ޕްރޮސިކިއުޓާ ޖެނަރަލާއި ފުލުހުންނާއި ޑްރަގު ކޯޓް އަދި ކްރިމިނަލް ކޯޓާ ގުޅިގެން އެންޑީއޭ އިން މަސައްކަތް ކުރަމުން ދަނީ މާލޭގެ މަގުމަތީގައި ސަލާން ޖަހަން ތިބޭ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންގެ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު: ބެކްލޮގް ފިލުވަން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ ސީއީއޯ އިމާދު ސޯލިހު: ބެކްލޮގް ފިލުވަން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

"މިދިޔަ ރޯދަ މަހު ވެސް އަޅުގަނޑުމެން މީގެ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައިން. ފާހަގަކުރެވޭނެ އޭރު މާލޭގެ މަގުމަތި އަމާންކަން. އެހެން ނަމަވެސް މިހާރު އަނެއްކާ ބެކްޓް ހަމަ ނޯމަލް. އެހެންވީމަ މިހާރު ވަރަށް ބޮޑަށް މި މަސައްކަތް ކުރަނީ މާލޭގެ މަގުމަތިން މި ދެންނެވި ކެޓަގަރީގެ ކްލައިންޓުން ފަރުވާގެ ނިޒާމްގެ ތެރެއަށް ގެންދިޔުމުގެ މަސައްކަތް މި ދަނީ ކުރަމުން،" އިމާދު ވިދާޅުވި އެވެ.

އިމާދު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި މިހާރު ހިދުމަތް މެދުކަނޑިފައި ހުރި ހދ. ހަނިމާދޫގެ އެންޑީއޭގެ ސެންޓަރުގެ މަސައްކަތް އަލުން ފަށައި ނ. ވެލިދޫގައި ވެސް ފަރުވާގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ލ. އަތޮޅުގައި ވެސް އެންޑީއޭގެ ފަރުވާގެ ހިދުމަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑްރަގު ޑިޕާޓްމެންޓާ ހަވާލުވެ ހުންނެވި ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގެ ތެރޭގައި އުޅޭ ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަ 54 މީހަކު ދެނެގަނެވިފައިވާ ކަމަށާއި އެމީހުން މާލޭގެ މަގުތަކުގައި ބޭއްތިބުމުގެ ބަދަލުގައި ވީއެންމެ އަވަހަކަށް ފަރުވާ ދެވޭނެ ގޮތަށް އެންޑީއޭއާ އެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ފެށޭ ހަފުތާގެ އާދިއްތަ އިން ފެށިގެން މި 54 މީހުން ނަގައިގެން މާލޭގެ މަގުތަކުން މި ފެންނަ ކަންކަން ނޫނީ ޕަބްލިކް އިންޕެކްޓް ގެނެވޭ ފަދަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނަން،" ޝާކިރު ވިދާޅުވި އެވެ.

މީގެއިތުރުން ޝާކިރު ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ 30 ބިދޭސީން ވެސް މިހާރު ވާނީ ފުލުހުންގެ ބެލުމުގެ ދަށުން އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށެވެ. މި މަސައްކަތް މިގޮތަށް ކުރެވެމުންދާ ނަމަ، ރައްޔިތުންނަށް ނަތީޖާ ފެންނަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.