Roadha Mihaaru
މަސްތުން ސަލާމަތްވުމުގެ ފަރުވާއަށް އެދޭ ގިނަ ބަޔަކު ފަރުވާ ފަށައިފި

މަސްތުން ސަލާމަތްވުމުގެ ފަރުވާއަށް އެދޭ ގިނަ ބަޔަކު ފަރުވާ ފަށައިފި

27 ނޮވެމްބަރ 2022

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ހިންގުމަށް ބަދަލުތަކެއް ގެނެސް، ފަރުވާއަށް އެދޭ މީހުންގެ ތެރެއިން ގިނަ ބަޔަކު ފަރުވާ ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ހިންގުމަށް ބަދަލުތަކެއް ގެނެސް، ފަރުވާއަށް އެދޭ މީހުންގެ ތެރެއިން ގިނަ ބަޔަކު ފަރުވާ ފަށައިފި އެވެ.

އެ އެޖެންސީން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ވަނީ 433 މީހުން ޑިޓޮކްސިފިކޭޝަންގެ ފަރުވާއަށް އެދިފަ އެވެ. އޭގެ ތެރެއިން 371 މީހެއްގެ ފަރުވާ ފެށިފައިވާތީ ބާކީ ތިބީ 62 މީހެކެވެ.

އަމިއްލައަށް ބޭނުންވެގެން ރިހެބިލިޓޭޝަން އަދި ކޮމިއުނިޓީ ފަރުވާއަށް 126 މީހުން ހުށަހަޅާފައިވެ އެވެ. ފަރުވާ ފެށިފައިވަނީ 108 މީހެކެވެ. ފަރުވާ ނުފެށި ތިބީ 18 މީހެކެވެ.

އެންޑީއޭއިން ބުނީ މި އަހަރުގެ މިހާތަނަށް 458 މީހުން ފަރުވާއަށް ހުކުމްކޮށްފައިވާ ކަމަށެވެ. އެއީ؛

- ރެސިޑެންޝަން ފަރުވާ: 160

- ކޮމިއުނިޓީ ފަރުވާ: 298

ފަރުވާ ފެށި މީހުންގެ އަދަދު

- ރެސިޑެންޝަން ފަރުވާ: 69

- ކޮމިއުނިޓީ ފަރުވާ: 30

އެންޑީއޭއިން ބުނީ އެންމެ ގިނަ މީހުން ފަރުވާ ހޯދަމުން އަންނަނީ މާލޭގައި ހުންނަ ކޮމިއުނިޓީ ސާވިސް ސެންޓަރުން ކަމަށެވެ. އެ ތަނުގައި 262 މީހުން ފަރުވާ ހޯދަ އެވެ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި 100 މީހުން ފަރުވާ ހޯދަ އެވެ.

ރަށްރަށުގެ ސެންޓަރުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ފަރުވާ ހޯދަމުން އަންނަނީ ހިތަދޫގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގަ އެވެ.

އެންޑީއޭއާ ގުޅޭގޮތުން އެ އެޖެންސީގެ އާ ސީއީއޯ އިމާދު ސޯލިހު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ ފަރުވާ ބޭނުންވާ މީހުން ވެސް ރަނގަޅަށް އެއްބާރުލުން ދޭނަމަ އެންމެ ލަސްވެގެން ދޮޅު މަސް ދުވަހުގެ ތެރޭގައި ފަރުވާ ފެށޭނެ ކަމަށެވެ. އަދި މިހާރު އެންމެ އިސްކަމެއް ދެނީ، ސެންޓަރުތައް އެންމެ ފުލް ކެޕޭސިޓީގައި ބޭނުންކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދުކުރަނީ އެއަށްވުރެ ވަގުތު ކުޑަކުރަން. މާނައަކީ ވީހާ ވެސް އަވަހަކަށް އަޅުގަނޑުމެން ކްލައިންޓުން މި ނިޒާމުގެ ތެރެއަށް ވެއްދި، ފަރުވާގެ ނިޒާމުގެ ތެރޭގައި އޭނާ ޝާމިލްކުރެވޭނެ ގޮތް ހެދުން،" އިމާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ފަރުވާ ނުލިބުމުގައި ހުރީ ހަމައެކަނި އެންޑީއޭގެ މައްސަލަ އެކަނި ނޫން ކަމަށެވެ.

އަމިއްލައަށް ބޭނުންވެގެން ފަރުވާގެ ނިޒާމަށް އަންނަނީ ވަރަށް މަދު ބައެއް ކަމަށާއި ގިނަ މީހުންނަކީ ކޯޓަށް ގެންދިއުމުން ފަރުވާއަށް ހުކުމް ކުރާ މީހުން ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.