Roadha Mihaaru

ޕާޓީ ޑްރަގަކީ ރައްކާތެރި އެއްޗެއް ކަމަށް ހީވިއަސް އޭގެން ފުރާނައަށް ނުރައްކާވޭ: އެންޑީއޭ

ޕާޓީ ޑްރަގްސްއަކީ ރައްކާތެރި އެއްޗެއްގެ ގޮތުގައި، އެ ބޭނުންކުރާ މީހުން ގަބޫލުކުރިއަސް، އެއީ ފުރާނައަށް ނުރައްކާތެރި އެއްޗެއް ކަމަށްވާތީ އޭގެން ސަލާމަތްވުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

ޕާޓީ ޑްރަގުން ފުރާނައަށް ނުރައްކާވޭ: އެންޑީއޭ

ޕާޓީ ޑްރަގްސްއަކީ ރައްކާތެރި އެއްޗެއްގެ ގޮތުގައި، އެ ބޭނުންކުރާ މީހުން ގަބޫލުކުރިއަސް، އެއީ ފުރާނައަށް ނުރައްކާތެރި އެއްޗެއް ކަމަށްވާތީ އޭގެން ސަލާމަތްވުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ޕާޓީ ޑްރަގްސް ނުވަތަ ޕާޓީ ޑްރަގްގެ މާއްދާތަކާއި ބަނގުރަލާއި އެ ނޫންވެސް މަސްތުވާ ބާވަތްތައް ބޭނުންކުރަމުންދާއިރު ރާއްޖޭގައި މިކަން ފެތުރިގެން ގޮސްފައިވަނީ ރައްކާތެރި އެއްޗެއް ކަމަށް ދެކިގެން ކަމަށެވެ.

ޒުވާނުންގެ މެދުގައި މި ފަހަކުން މަޝްހޫރުވެގެން ދިޔަ ޕާޓީކުރުމުގެ ޓްރެންޑުގެ ސަބަބުން ގިނަ ބަޔަކު އެކަމުގެ ތެރެއިން މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

އެ ފަދަ މީހުންގެ ތެރެއިން ފަރުވާއަށް އެދޭ ގިނަ ޒުވާނުންގެ ފަރާތުން އެނގުނީ، އެންޑީއޭއިން ބުނި ގޮތުގައި، އެ މީހުން ޕާޓީ ޑްރަގްސް ބޭނުންކުރީ ދޭތެރެ ދޭތެރެއިންނެވެ. ނަމަވެސް، އެކަމުގެ ތެރެއިން މަސްތުވާތަކެއްޗަށް ދެވިހިފައި، އެކި ބާވަތްތަކުގެ މަސްތުވާތަކެތީގެ ތެރެއަށް ވަދެ ނަފްސާނީ އަދި ޖިސްމާނީ އެތައް މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

"އެހެންކަމުން، ޕާޓީކުރުމުގެ ނަމުގައި ފެތުރެމުންދާ މި ނުރައްކާތެރި މަސްތުވާތަކެއްޗާއި އެ ނޫންވެސް މަސްތުވާ އެންމެހާ މާއްދާތަކާއި ތަކެތި ބޭނުންކުރުމަކީ ފުރާނަ ގެއްލިދިއުމުގެ ނުރައްކާ އޮތް ކަންކަމަށް ވާތީ، އެ ކަންކަން ކުރާ އެންމެހާ ފަރާތްތަކަށް މި ނުރައްކަލުގެ އިންޒާރުދެމެވެ. އަދި މަނާކުރެވިފައިވާ މަސްތުވާތަކެއްޗާއި އެފަދަ ނުރައްކާތެރި އާދަތަކާ ދުރުހެލިވުމަށް އިލްތިމާސްކުރަމެވެ،" ބަޔާނުގައިވެ އެވެ.

އެންޑީއޭއިން ބުނީ މަސްތުވާތަކެތި ބޭނުންކުރުމަކީ ޖިނާއީ ކުށެއްގެ އިތުރުން ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ލިބޭ އަދި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް އެއްޗެކެވެ. ޕާޓީ ޑްރަގްސްގެ އިތުރުން މަސްތުވުމުގެ ގޯސް އާދަޔާ ގުޅިފައިވާ ޑްރަގް އިންޖެކްޓްކުރުން ފަދަ ކަންތައްތަކަކީ ނުރައްކާތެރި ބަލިތައް ފެތުރުމަށް ހުޅުވިފައިވާ ދޮރެއް ކަމަށް ފާހަގަކޮށް، އެ އެޖެންސީން ބުނީ މިހާރު ވެސް މަސްތުވާތަކެތި ބޭނުންކުރާ އެތައް ބަޔަކު އެ ފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި މާލޭގެ އިތުރުން ބައެއް ރަށްރަށުގެ މަގުތަކުގައި މަސްތުގެ ހާލަތުގައި ތިބޭ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފެތުރުމާއި އެ މީހުން ކުށްކުރުމުން ހިފަހައްޓައި އަނިޔާކުރުން އަދި އެ ވީޑިއޯކޮށް ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި ފަތުރާ މައްސަލާގައި އާއްމުން ވަނީ އެންޑީއޭގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މައްސަލަތަކާ ހެދި ފުލުހުންނާ ގުޅިގެން އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް ގެންދާ ކަމަށް ބުންޏެވެ.

ބަޔާނުގައި ބުނީ ބައެއް ޖަމިއްޔާތަކާ ގުޅިގެން މިދިޔަ ފެބްރުއަރީ 25 އިން ފެށިގެން މިދިޔަ މަހުގެ 25 ގެ ނިޔަލަށް މާލޭ ސަރަހައްދުގައި ކުރިޔަށް ގެންދިޔަ އައުޓްރީޗް ޕްރޮގްރާމުން ކަންބޮޑުވާ މިންވަރަށް މަސްތުވާތަކެތި ބޭނުންކުރުމާއި އެއާ ގުޅިގެން އުފެދޭ ކުށްކުށާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި ޕާޓީކުރުމުގެ ތެރެއިން މަސްތުވާތަކެތީގެ ވަބައިގެ ތެރެއަށް ވަންނަމުންދާ މީހުން ކަންބޮޑުވާ މިންވަރަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭގެތެރޭގައި ދެ ޖިންސުގެ ޒުވާނުންނާއި 18 އަހަރުން ދަށުގެ ކުދިން ވެސް އެ ނުރައްކަލަށް ހުށަހެޅި، އެއާ ގުޅޭ ސިއްހީ އެތައް މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ. އެކަމުގެ ހާލަތު އިތުރަށް ދެނެގަތުމަށް އައުޓް ރީޗް ޕްރޮގްރާމްތައް ހިންގަން ރާވާފައިވާ ކަމަށް އެންޑީއޭއިން ބުންޏެވެ.

އެ އެޖެންސީން ވަނީ މަސްތުގެ ހާލަތުގައި ތިބޭ މީހުން މަގުމަތިން ފެނިއްޖެނަމަ ގައުމީ އިމަޖެންސީ ހޮޓްލައިޓް، 911 ނުވަތަ އެންޑީއޭގެ ހޮޓްލައިން 1410 އަށް ގުޅުމަށް އެދިފަ އެވެ.