Roadha Mihaaru
ފަރުވާއަށް އެއްބާރުލުން ނުދޭ ނަމަ ފިޔަވަޅު އަޅަނީ

ޑްރަގް ފަރުވާ އަށް އެއްބާރުލުން ނުދޭ މީހުންނަށް ފިޔަވަޅު އަޅަން މަޝްވަރާކޮށްފި

17 އޮކްޓޯބަރ 2024

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ އަދި ފަރުވާ ދިނުމަށް ޑްރަގު ކޯޓުން އަމުރު ކޮށްފައިވާ މީހުންގެ ތެރެއިން އެ ކަމަށް އެއްބާރުލުން ނުދޭ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަން މަޝްވަރާކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ އަދި ފަރުވާ ދިނުމަށް ޑްރަގު ކޯޓުން އަމުރު ކޮށްފައިވާ މީހުންގެ ތެރެއިން އެ ކަމަށް އެއްބާރުލުން ނުދޭ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަން މަޝްވަރާކޮށްފި އެވެ.

ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ގެ ބޯޑާއި ޑްރަގު ކޯޓާ ދެމެދު ކުރި މަޝްވަރާއާ ގުޅޭ ގޮތުން އެންޑީއޭ އިން މިއަދު ބުނީ، ފަރުވާ ފެށުމަށް ފަހު އެކަމަށް އެއްބާރުލުން ނުދޭ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމާއި ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ވާހަކަ ދެއްކި ކަމަށެވެ.

އެންޑީއޭ އިން ބުނިގޮތުގައި، އެ އެޖެންސީގެ ޓެކްނިކަލް ކޮމިޓީ އާއި ޑްރަގު ކޯޓާ ގުޅިގެން ކުރާ މަސައްކަތްތަކުގައި އެދެވޭ ނަތީޖާއެއް ނެެރުމަށް ދެ ފަރާތުން ކުރަންޖެހޭ ކަންކަމުގެ މަޝްވަރާ ވެސް އެ ބައްދަލުކުރުވުމުގައި ކުރި އެވެ.

ފަރުވާ ތަންފީޒުކުރަން ފެށުމަށް ފަހު، އެއްބާރުލުން ނުދޭ މީހުންނަށް ފިޔަވަޅު އެޅުމަށް މަޝްވަރާ ކުރިއިރު، ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އެބަގެންދެ އެވެ.

އެ މަރުކަޒުތައް ގާއިމުކުރަނީ ކ. ކާށިދު އާއި ނ. ވެލިދޫ އަދި ލ. އަތޮޅުގެ ރަށެއްގަ އެވެ.

ރާއްޖެ އިން ބޭރުން ޑްރަގު ރިހެބިލިޓޭޝަން ފަރުވާ ހޯދަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވަނީ މެލޭޝިއާގެ ސޮލޭސް އޭޝިއާ ސީޑީއެން ބީއެޗްޑީއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށް، އެންޑީއެންގެ ހުއްދަ ދީފައިވާ ސެންޓަރެއްގެ ގޮތުގައި އެތަން ވަނީ ސޮއިކޮށްފަ އެވެ.

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންގެ ފަރުވާ އަވަސްކޮށް، ވެއިޓް ލިސްޓުގައި ޖަހާފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެެވެ.

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޑްރަގު ކޯޓުން ކޮމިއުނިޓީ ފަރުވާ އަށް ހުކުމް ކޮށްފައިވާ 700 މީހުންގެ ލިސްޓެއް އޮތެވެ. އެކި ސަބަބުތަކާ ހުރެ މިހާތަނަށް ފަރުވާ ނުދެވި ތިބީ 254 މީހަކަށެވެ.