Roadha Mihaaru
ޑްރަގު ފަރުވާ ހޯދާ މީހުންގެ ވެއިޓްލިސްޓު މަދުކޮށްފި

ޑްރަގު ފަރުވާ ހޯދާ މީހުންގެ ވެއިޓްލިސްޓު މަދުކޮށްފި

16 ސެޕްޓެމްބަރ 2024

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ އަދި ފަރުވާ ދިނުމަށް ޑްރަގު ކޯޓުން އަމުރުކޮށްފައިވާ މީހުންގެ ފަރުވާ އަވަސްކޮށް، ވެއިޓްލިސްޓުގައި ޖެހިފައިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ އަދި ފަރުވާ ދިނުމަށް ޑްރަގު ކޯޓުން އަމުރުކޮށްފައިވާ މީހުންގެ ފަރުވާ އަވަސްކޮށް، ވެއިޓްލިސްޓުގައި ޖެހިފައިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފި އެވެ.

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ޑްރަގު ކޯޓުން ކޮމިއުނިޓީ ފަރުވާއަށް ހުކުމްކޮށްފައިވާ 700 މީހުންގެ ލިސްޓެއް އޮތެވެ. މި ލިސްޓު ދިގުވެ، ފަރުވާ ލަސްވުމުގެ ޝަކުވާ އޮތީ ވަރަށް ބޮޑުވެފަ އެވެ.

މިކަން ހައްލުކުރަން، ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އިން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތުން ހާސިލްކުރި ކަންކަމުގެ ރިޕޯޓް އާންމުކޮށްފައިވާއިރު، މިހާތަނަށް 446 މީހަކަށް ފަރުވާދީފައިވެ އެވެ.

އެކި ސަބަބުތަކާ ހުރެ މިހާތަނަށް ފަރުވާ ނުދެވި ތިބީ 254 މީހަކަށެވެ.

ފަރުވާ ނުފެށި ވެއިޓްލިސްޓް ކުރެވިފައިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފައި މިވަނީ އެންޑީއޭ އިން ފަށާފައިވާ ފަނާރު ޕްރޮގްރާމުގެ ދަށުންނެވެ.

"މި އޮޕަރޭޝަންގެ ދަށުން 65 ޕަސެންޓް ކްލައިންޓުންގެ ފަރުވާ ފެށި ހިދުމަތް ވަނީ ފޯރުކޮށްދެވިފަ އެވެ،" އެންޑީއޭ އިން ބުންޏެވެ.

އެންޑީއޭ އިން ބުނި ގޮތުގައި ކޮމިއުނިޓީ ފަރުވާއަށް އަމަލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކެރެކްޝަންސް ބަންދުގައި ތިބި ފަރާތްތަކަށް ބަންދުގައި ބައިތިއްބައިގެން ފަރުވާ ކުރިއަށް ގެންދިއުމަށް މަޝްވަރާކުރެވެމުން އެބަދެ އެވެ.

ކޮމިއުނިޓީ ފަރުވާއަށް ޑްރަގު ކޯޓުން އަމުރުކޮށްފައިވާ ފަރާތްތަކުގެ ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު ކޮމިއުނިޓީ ބޭސްޓް ރިހެބިލިޓޭޝަން އެންޑް ރިއިންޓަގްރޭޝަން އެޕްރޯޗަށް ބަދަލުކޮށް، އެމީހަކު ހުރި ރަށަކުން ފަރުވާ ކުރިއަށް ގެންދެވޭނެ ގޮތަށް ވަނީ ހަދައިފަ އެވެ. މިހާތަނަށް 110 ރަށަކުން ފަރުވާގެ ހިދުމަތް ލިބެމުންދާ ކަމަށް އެންޑީއޭ އިން ބުންޏެވެ.

އެންޑީއޭ އިން ބުނީ އަމިއްލަ ގޮތުން ރާއްޖެއިން ބޭރު ޑްރަގު ރިހެބިލިޓޭޝަން ފަރުވާ ހޯދާ މީހުންގެ ފަރުވާގެ ފުރުސަތު ހޯދުމުގެ ގޮތުން ބޭރުގެ ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒުގެ ތެރެއިން މެލޭޝިއާގެ ސޮލޭސް އޭޝިއާ ސީޑީއެން ބީއެޗްޑީ އާ އެކު އެމްއޯޔޫގައި ސޮއިކޮށް އެ ތަނަކީ ހުއްދަ ދެވިފައިވާ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެންޑީއޭ އިން ބުނި ގޮތުގައި ޑްރަގް ފަރުވާދޭން ހުޅުމާލޭ ގާއިމުކުރާ ވެލްނަސް ސެންޓަރު އިމާރާތްކުރަން ބޭނުންވާ ބަޖެޓް ބޭރުގެ އެހީގެ ދަށުން ހަމަޖެއްސުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އެންޑީއޭ އިން ހާސިލްކުރި ބައެއް ކަންކަން:

- ގއ. ދާންދޫގައި ޑިޓޮކްސިފިކޭޝަންގެ ހިދުމަތް ދިނުމަށްޓަކައި އެ ރަށު ސިއްހީ ހިދުމަތްދޭ މަރުކަޒާއި ނޭޝަނަލް ޑްރަގް އޭޖެންސީ ގުޅިގެން ޑިޓޮކްސްގެ ހިދުމަތް ފެށުން.

- ކ. ހިންމަފުށީގައި ހިންގަމުން އަންނަ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރުގެ ހިދުމަތް ހަރުދަނާ ކުރުމުގެ ގޮތުން އެ ސެންޓަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ފުލުހުންނާ ގުޅިގެން ކުރުން.

- ޑްރަގް ކޯޓް ސިސްޓަމްގެ ތެރެއިން ބައެއް ފަރާތްތައް ފެއިލްވި ނަމަވެސް އެ ފަރާތްތަކުގެ ތެރެއިން ފަރުވާއަށް ބޭނުންވާ ފަރާތަށް ފަރުވާ ދެވޭނެ އިންތިޒާމް ޕްރިޒަން ރިހެބިލިޓޭޝަން ނިޒާމުގެ ތެރެއިން ދެވޭނެ ގޮތް ހަމަޖެއްސުން.

- ފަރުވާ ފުރިހަމަކޮށް މުޖުތަމައަށް ނުކުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާ އެކު މަޝްވަރާކޮށް ފަރުވާގައި އަދި ފަރުވާ ފުރިހަމަކޮށް މުޖުތަމައުއަށް ނުކުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމަށް މި ފަރާތްތަކާ އެކު އެމްއޯޔޫތަކުގައި ސޮއިކުރުމުގެ މަސައްކަތްކުރުން.