Roadha Mihaaru
އެންޑީއޭގެ ސީއީއޯއެއް ނެތި އަހަރެއް، ޝަކުވާއަކީ މުސާރަ

އެންޑީއޭގައި ސީއީއޯއެއް ނެތި އަހަރެއް؛ ޝަކުވާއަކީ 31،000ރ. ގެ އުޖޫރަ ކުޑަވުން

09 ޖޫން 2022

އަހަރެއް ވެގެންދިޔައިރު ވެސް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ސީއީއޯއެއް އައްޔަންނުކުރެވި ދިގުލައިގެން ހިނގައްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަހަރެއް ވެގެންދިޔައިރު ވެސް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ސީއީއޯއެއް އައްޔަންނުކުރެވި ދިގުލައިގެން ހިނގައްޖެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ އެޖެންސީގެ ސީއީއޯގެ މަގާމަށް އެންމެ ފަހުން މިދިޔަ އަހަރުގެ ޖެނުއަރީ 18 ގައި އެންމެ އައްޔަންކުރެއްވީ މުހައްމަދު ހަބީބެވެ. ނަމަވެސް، ޕްރޮބޭޝަންގެ މުއްދަތުގައި ކުރެއްވި މަސައްކަތުގެ އިވެލުއޭޝަނުން ރަނގަޅު ނަތީޖާއެއް ނެރެދެވިފައި ނުވާތީ ކަމަށް ބުނެ، މިދިޔަ އަހަރުގެ މެއި 16 ގައި ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ.

އޭގެ ފަހުން، އެންޑީއޭގެ ސީއީއޯގެ މަގާމަށް މިދިޔަ މާޗު މަހު އިއުލާންކުރުމުން ހަތަރު މީހަކު ކުރިމަތިލި އެވެ. އެކަމަކު، އެއްވެސް މީހަކު އައްޔަންކުރެވޭ ގޮތެއް ނުވި އެވެ.

އެނގިފައިވާ ގޮތުގައި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ މުޖުތަމައަށް ނެރުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ އެންޑީއޭ އަށް ސީއީއޯއެއް އައްޔަންކުރުމުގައި އެންމެ ބޮޑު ދައްޗަކީ މުސާރަ ކުޑަވުމެވެ. އެ މަގާމުގެ މުސާރައިގެ ގޮތުގައި މަހަކު 18،000ރ. އާ އެކު 1،000ރ. ގެ ފޯން އެލަވަންސް އަދި ލިވިން އެލަވަންސަށް 12،500ރ. އާ އެކު ޖުމްލަ 31،500ރ. ލިބޭނެ އެވެ.

މިހާރު އެންޑީއޭގެ ބޯޑުން އަންނަނީ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވަނީ އެނގިފަ އެވެ. އަދި މުޅި ތަނުގެ ސްޓްރަކްޗާއަށް ވެސް ބަދަލުތަކެއް ގެނައުމުގެ ކަންކަން ކުރަމުން އަންނަކަން އެނގިފައިވެ އެވެ.

"ރިޓަޔާޑު، މި ދާއިރާގެ ބޭރުގެ ތަޖުރިބާކާރެއް ގެނައުމުގެ ވިސްނުން ވެސް ބޯޑުގައި އެބަހުރި،" މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި އެވެ.

އެންޑީއޭގެ ކަންކަން ރަނގަޅުކުރުމަށް އެ އެޖެންސީ ވަނީ ޖެންޑާ މިނިސްޓްރީގެ ދަށުން ނަގައި، ހެލްތު މިނިސްޓްރީގެ ދަށަށް މިދިޔަ އަހަރުގެ މެއި މަހު ބަދަލުކޮށްފަ އެވެ. އޭގެ ފަހުން އެ ތަނުގެ ބޯޑަށް ބޮޑެތި ބަދަލުތައް ގެނެސްފައިވެ އެވެ. މަސްތުވާތަކެތީގެ ގާނޫނުގައިވާ ގޮތުން، އެންޑީއޭ ބޯޑުގެ މަސައްކަތަކީ އެކި ކަންކަމުގައި ލަފަ އާއި އިރުޝާދު ދިނުމެވެ. އެ ކަންކަމަށް ރިއާޔަތްކޮށް ތަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިި ވާނީ ސީއީއޯ އެވެ.