Roadha Mihaaru
އެންޑީއޭ އިސްލާހުކުރަން ބޮޑެތި ހުށަހެޅުންތަކެއް

އެންޑީއޭ އިސްލާހުކުރަން މަޖިލީހުން ބޮޑެތި ހުށަހެޅުންތަކެއް

29 ނޮވެމްބަރ 2021

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ބޮޑެތި ހުށަހެޅުންތަކާއެކު، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އާ ގުޅޭ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ބޮޑެތި ހުށަހެޅުންތަކާއެކު، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އާ ގުޅޭ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ އެޖެންސީ ބަދަލުކުރުމަށް "ހޭންޑްސް ޓުގެދާ" ޖަމިއްޔާ އިން އިސްވެ ހުށަހެޅި "ޗޭންޖް އެންޑީއޭ"ގެ ޕެޓިޝަންގެ މައްސަލަ ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ޕެޓިޝަން ކޮމިޓީން ވަނީ އެ ރިޕޯޓު ފާސްކޮށްފަ އެވެ.

މަޖިލީހުގެ ތަޅުމުން ރިޕޯޓު މިއަދު ފާސްކުރީ، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ ވޯޓުންނެވެ.

އެންޑީއޭގެ ރިޕޯޓުގައި، އެ އެޖެންސީ އަށް މިހާރު ދިމާވާ މައިގަނޑު މައްސަލަތަކާއި އެ ތަނުގެ ހިންގުމާއި ފަރުވާގެ ނިޒާމު އަދި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާ ގުޅޭ ކަންކަމަށް އަލިއަޅުވާލާފައިވެ އެވެ.

އެ ރިޕޯޓުގައި މައިގަނޑު 10 ދާއިރާއަކުން 33 ރިކޮމެންޑޭޝަން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނެނީ؛

- މަސްތުވާތަކެއްޗާ ގުޅޭ ގޮތުން މާސްޓާ ޕޮލިސީއެއް ހަދައި އެއީ ވެރިކަމާއެކު ބަދަލުވާ އެއްޗެއް ކަމުގައި ނުހެދުން.

- ޕޯސްޓް އަދި ކާގޯ މެދުވެރިކޮށް ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރާތީ، އެ ތަކެތި އެތެރެވުމަށް އޮންނަ ހުރިހާ މަގެއް ބަންދުކޮށް ކަމާބެހޭ އިދާރާތަކުން އެ ކަމަށް ފާރަވެރިވުމަށް އިލްތިމާސް ކުރުން.

- މަސްތުވާތަކެތި ބޭނުން ކުރުމާއި ޕެޑެލް ކުރުމުގައި އުޅޭ ބިދޭސީންގެ އަދަދު އިތުރު ވަމުންދާތީ އެ މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ވީހާ ވެސް އަވަހަކަށް ކުރުން.

- ފަރުވާދޭ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް މި ވަގުތަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް ވީހާ ވެސް އަވަހަކަށް ހަމަޖެއްސުން.

- ރާއްޖެ އަށް ފަސޭހައިން މަސްތުވާތަކެތި އެތެރެ ކުރާތީ ކަސްޓަމްސްގެ ލަފާގެ މަތިން ބޯޑަ ކޮންޓްރޯލް ކުރުމުގައި ގެންގުޅޭ މެޝިނަރީއާ ސާމާނުތައް އެންމެ ޒަމާނީ ފެންވަރުގެ ތަކެއްޗަށް ހެދުން.

- އެންޑީއޭގެ ދަށުން ހިންގާ ފަރުވާދޭ މަރުކަޒުތަކަށް ކަނޑައަޅާފައިވާ ބަޖެޓު، އެ މަރުކަޒަކަށް ހަވާލުކުރުން އަދި ކޮންމެ މަރުކަޒަކުން ވެސް އެ މަރުކަޒެއްގެ ބަޖެޓު ހޭދަކުރެވޭ ގޮތުގެ ތަފްސީލު ކަނޑައަޅާފައިވާ އުސޫލެއްގެ ތެރެއިން އެންޑީއޭ އަށް ފޮނުވުން

- މަސްތުވާތަކެތީގެ އާބާދީގެ ނިސްބަތަަށް ބަލައި ރާއްޖޭގެ ކޮންމެ ރަށެއްގެ ސިއްހީ މަރުކަޒެއްގައި މެތަޑޯންގެ ފަރުވާ އާއި ޑިޓޮކްސްގެ ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސުން.

- އެންޑީއޭގެ ދަށުން ހިންގާ ފަރުވާދޭ މަރުކަޒުތައް ލާމަރުކަޒުކުރުން.

- މަސްތުވާތަކެތީގެ އާބާދީގެ ނިސްބަތަށް ބަލައި ޑްރަގް ކޯޓުގެ މަސައްކަތްތައް އަތޮޅު ފެންވަރުގައި ލާމަރުކަޒުކުރުން.

ޕެޓިޝަން ދިރާސާކުރުމަށް އެ ކޮމިޓީން ވަނީ އެންޑީއޭ އިން ހިންގާ ހުރިހާ މަރުކަޒަކަށް ޒިޔާރަތްކޮށް، އެ ތަންތަނުން ވެސް މައުލޫމާތު ހޯދައިފަ އެވެ.

ކޮމިޓީގެ ހޯދުންތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ؛

- ސެންޓަރުތަކުން ދޭންޖެހޭ ހިދުމަތްތައް އެންމެ ފުރިހަމަ އަށް ފޯރުކޮށްދިނުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން ކަމަށް ފާހަގަކޮށްފައިވީ ނަމަވެސް އެންޑީއޭ އަށް އެކަށީގެންވާ ބަޖެޓެއް ލިބޭ.

- ސެންޓަރުތަކުން އަހަރެއްގެ މައްޗަށް ހިންގުމަށް ރާވާ ޕްރޮގްރާމްތަކުގެ ތެރެއިން ބަޖެޓު ލިބެނީ ގިނަ ވެގެން އެއް ޕްރޮގްރާމް ހިންގުމަށް.

- ފަރުވާ އަށް ބޭނުންވާ މީހުން ކާންޖެހޭ ބޭސް ގަވައިދުން ލިބެމުން ނުދޭ. ބޭސް ހޯދުމަށް އެންޑީއޭގައި އެދިގެން 3-4 މަސް ހޭދަވާ ކަމަށާއި ބޭސް ނުލިބި ގިނަ ދުވަސްވާތީ ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަމިއްލަ އަށް ބޭސް ގަންނަމުންދޭ.

- ސެންޓަރުތަކުގެ އޮނިގަނޑުގައި އުފައްދަން ކަނޑައަޅާ ވަޒީފާތަކުގެ ޖުމުލަ އަދަދަށް މުވައްޒަފުން ނެތް.

- އެންޑީއޭ އިން ސެންޓަރުތައް ރަނގަޅަށް މޮނީޓާކޮށް ބަލަހައްޓަމުން ނުދިއުން.

"ޗޭންޖް އެންޑީއޭ" ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޮޅި ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހައިތަމް ސްޕޮންސާ ކުރައްވަައި، 1،050 މީހުންގެ ސޮޔާ އެކު މިދިޔަ މާޗް މަހު މަޖިލީހަށް ހުށަހެޅި ޕެޓިޝަނެކެވެ. ޑްރަގް ބޭނުންކުރުން ހުއްޓުވަން ކުރާ މަސައްކަތުގައި ހުރި ގިނަ މައްސަލަތަކެއް އެ ފާހަގަކޮށް، އެ ކަންތައްތަކަށް ހައްލު ހޯދައިދޭން، އެ ޕެޓިޝަނުގައި ގޮވާލައިފައި ވެ އެވެ.