Roadha Mihaaru
ޑްރަގް ފަރުވާ ރަނގަޅުކުރަން ގޮވާލާ ގަރާރު ބޭރުކޮށްލައިފި

ޑްރަގް ފަރުވާގެ ކަންކަން ރަނގަޅުކުރަން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

26 އެޕްރީލް 2023

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ދެވޭނެ ގޮތަށް ނިޒާމް ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ދެވޭނެ ގޮތަށް ނިޒާމް ބަދަލުކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އެ ގަރާރު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. ގަރާރު ފާސް ކުރަން ނުފެންނަ ކަމަށް 30 މެންބަރުން ވޯޓު ދެއްވި އެވެ.

އެ ގަރާރުގައިވާ ގޮތުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ސިޔާސަތާއި ނިޒާމް އޮތް ގޮތުން އެމްޑީޕީގެ މެނިފެސްޓޯގައި ހާސިލް ކުރަން ރާވާފައިވާ ލަނޑުދަނޑިތައް ހާސިލެއް ނުވެ އެވެ. އަދި އެ ނިޒާމް ވަރަށް ބޮޑަށް ގޯސްވެ، ގިނަ ބަޔަކަށް ފަރުވާ ނުލިބި ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހޭ ކަމުގެ ކަންބޮޑުވުން އެ ގަރާރުގައި ފާޅު ކޮށްފައިވެ އެވެ.

ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން އެ މައްސަލަ ބޭރުކޮށްލި ނަމަވެސް ބަހުސް މަރުހަލާގައި ހުރިހާ މެންބަރުންނަށް ވެސް ޖުމްލަ ގޮތެއްގައި އެ މައްސަލައަށް ތާއީދު ކުރެވެ އެވެ. ނަމަވެސް މަސްތުވާތަކެތީގެ މައްސަލަ ހައްލު ލކުރަން މި ސަރުކާރުން ކުރާ މަސައްކަތްތައް އެ މެންބަރުން ފާހަގަކުރެ އެވެ.

ނަމަވެސް އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފެކްޝަންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ހުށަހަޅުއްވާ ގަރާރުތަކާއި މައްސަލަތަކާ ދެކޮޅަށް ވޯޓު ދިނުމަށް މިހާރު އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ތްރީ ލައިން ވިޕް ނެރެ އެވެ.

އެގޮތަށް ވިޕް ނެރޭ ސަބަބަކީ ޕާލިމެންޓަރީ ގްރޫޕުގައި ހަދާފައިވާ އޮންނަ އުސޫލުތަކާ އެއްގޮތަށް އެ ގްރޫޕްގެ މަޝްވަރާއެއް ނެތި ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން މައްސަލަ ހުށަހަޅުއްވާތީ ކަމަށް ސަރުކާރު ފެކްޝަނުން ބުނެ އެވެ.