Roadha Mihaaru

ގާސިމްގެ މަރާ އެކު، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފަރުވާގެ ނިޒާމު މުރާޖައާ ކުރަން ޖެހޭ: ޖަމީލް

ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ހަމަލަދީ މަރައިލުމުން އެނގެނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު އަލުން މުރާޖައާ ކުރަންޖެހޭ ކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.

ޑްރަގްގެ ފަރުވާގެ ނިޒާމު މުރާޖައާ ކުރަން ޖެހޭ: ޖަމީލް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

25 ޑިސެމްބަރ 2019

ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ހަމަލަދީ މަރައިލުމުން އެނގެނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު އަލުން މުރާޖައާ ކުރަންޖެހޭ ކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ޓެކްސީގެ ތެރެއިން ގާސިމް އަތުން ފޭރެން އުޅުމުގެ ތެރޭގައި އޭނާގެ ކަރަށް ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ވަނީ މަރުވެފަ އެވެ. އެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ އަހުމަދު އަދުހަމަކީ މަސްތުވާތަކެއްޗާއި ފޭރުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ. އަދި ގާސިމް އަތުން ފޭރެން އުޅުމުގެ ތެރޭގައި އޭނާ އަށް ހަމަލަ ދިން އިރު ވެސް އަދުހަމް ހުރި މަސްތުގެ ހާލަތުގައި ކަމަށް އޭނާއާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ. މިހާރު ވެސް އަދުހަމްގެ މައްޗަށް ޑްރަގް ކޯޓުން ކޮށްފައިވާ ރިހެބިލިޓޭޝަން އަމުރެއް އޮތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ، އެންމެ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށާއި އެހެންވެ، ޑްރަގް ކޯޓަށް އަދިވެސް އިތުބާރު ކޮށްގެން ތިބެންވީތޯ އޭނާ ސުވާލު އުފައްދަވައިފަ އެވެ. އަދި ގާސިމްގެ މަރުން ލިބުނު ފިލާވަޅުން މި ނިޒާމު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލްގެ ޓްވީޓް

ގާސިމަށް ހަމަލާދިން ކަމަށް ތަހުގީގުގައި އެއްބަސްވެފައިވާ އަދުހަމް އެ ހާދިސާ ހިނގި ދުވަހުގެ ހެނދުނު ފެށިގެން އުޅެމުން ދިޔައީ މަސްތުގެ ހާލުގައި ކަމަށާއި އޭގެ ފަހުން އޭނާ މަސައްކަތް ކުރަމުން ދިޔައީ ފައިސާ ފޭރުމަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ގާސިމްގެ ޓެކްސީ އަށް އަދުހަމް އަރައި، ފޭރެން ކުރި މަސައްކަތުގައި ގާސިމް މަރުވީ އެކަމަށް އޭނާ ދެކޮޅު ހަދަން ފެށުމުން އޭނާގެ ކަރަށް ވަޅިން ދެވުނު ހަމަލާއެއްގައި ކަމަށް ފުލުހުން ބުނެފައި ވެ އެވެ.