Roadha Mihaaru

އިންޒާރަކާ ގުޅިގެން ރެހެންދި ސްކޫލުގައި ފުލުހުން ހަރަކާތްތެރިވަނީ، ނުރައްކަލެއް ނެތް!

ހުޅުމާލެ 1ގައި ހުންނަ ރެހެންދި ސްކޫލަށް ބަޔަކު ފޮނުވި އިންޒާރުގެ އީމެއިލްއަކާ ގުޅިގެން އެ ސްކޫލުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ރެހެންދި ސްކޫލުގައި ފުލުހުން، ނުރައްކަލެއް ނެތް!
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

07 ސެޕްޓެމްބަރ 2025

ހުޅުމާލެ 1ގައި ހުންނަ ރެހެންދި ސްކޫލަށް ބަޔަކު ފޮނުވި އިންޒާރުގެ އީމެއިލްއަކާ ގުޅިގެން އެ ސްކޫލުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ ފުލުހުން ހަރަކާތްތެރިވަނީ އެ ސްކޫލުގެ މެއިލްއަށް މީހަކު ފޮނުވި އީމެއިލްއަކާ ގުޅިގެން ކަމަށެވެ.

އެ އީމެއިލްއަކީ ސްކޫލް ކައިރީ ބޮމެއް އޮތް ކަމަށް ބުނެ ކޮށްފައިވާ އީމެއިލްއެއް ކަމަށާއި އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެ ސްކޫލު ޓީޗަރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ގޮތް ނޭނގޭ މެއިލަކުން ފޮނުވާފައިން އީމެއިލްއެއް. ފުލުހުން އެކަން ބަލަމުން އެ ދަނީ. މިހާތަނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދިނީ. އެކަމަކު ފުލުހުން އެކަން ބަލާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ ސްކޫލުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.