Roadha Mihaaru
ބައެއް ރަށްރަށުގެ ކުދިންނަށް އަދި ފޮތްތައް ނުލިބޭ!

ބައެއް ރަށްރަށުގެ ކުދިންނަށް އަދި ފޮތްތައް ނުލިބޭ!

07 އޯގަސްޓް 2022

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު ސްކޫލު ކުދިންގެ ޓެކްސްޓް ފޮތްތައް ހުރިހާ ރަށަކަށް ފޮނުވައި ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ. އެކަމަކު، ތައުލީމީ އާ އަހަރު ފެށިއިރު އަދި ހުރިހާ ރަށެއްގެ ކުދިންނަށް ފޮތްތައް ފޯރުކޮށް ނުދެވެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު ސްކޫލު ކުދިންގެ ޓެކްސްޓް ފޮތްތައް ހުރިހާ ރަށަކަށް ފޮނުވައި ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ. އެކަމަކު، ތައުލީމީ އާ އަހަރު ފެށިއިރު އަދި ހުރިހާ ރަށެއްގެ ކުދިންނަށް ފޮތްތައް ފޯރުކޮށް ނުދެވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ހުރިހާ ކުދިންނަށް މިއަދުގެ ނިޔަލަށް ފޮތްތައް ހަވާލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މިނިސްޓްރީން ކުރިން ބުނިގޮތުގައި ރަށްރަށުގެ ސްކޫލުތަކަށް ފޮތްތައް ނުފޮނުވި ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެކަމަކު ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ކުދިންނަށް ފޮތްތައް ލިބޭނެ ކަމަށް އޭރު ބުނެފައި ވެ އެވެ.

ފޮތްތައް ނުފޮނުވި ލަސްވުމާ ގުޅިގެން އެންމެ ފަހުން ފުލުހުންގެ އުޅަނދުތަކުގައި ވެސް ކަނޑުމަގުން ރަށްރަށް ފޮތްތައް ފޮނުވި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ އެހީތެރިކަމާ އެކު، ދެކުނުގެ އަތޮޅުތަކުގެ ހުރިހާ ރަށަކަށް މިހާރު ފޮތްތައް ފޮނުވައި ނިމިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ގިނަ ރަށްރަށަށް ފޮތްތައް ލިބުނީ އިއްޔެ އެވެ. މިނިސްޓްރީން އާންމުކޮށް ފޮތްތައް ފޮނުވަނީ ރަށްރަށަށް ދަތުރުކުރާ ބޯޓުފަހަރުގަ އެވެ. އެކަމަކު މިދިޔަ މަހު މޫސުން ވަރަށް ބޮޑަށް ގޯސްވެ، ވަރަށް ގިނަ ބޯޓުތައް ދަތުރުނުކުރެވި އޮތެވެ.

ރ. އަތޮޅު ސްކޫލެއްގެ އިސްވެރިއަކު "މިހާރު" އަށް މިއަދު ވިދާޅުވީ އެ ސްކޫލަށް ފޮތްތައް ލިބުނީ އިއްޔެ ކަމަށެވެ. އެ ސްކޫލަށް ފޮތްތައް ގެންދިޔައީ އެ ރަށަށް ދަތުރުކުރާ ބޯޓަކުން ކަމަށާއި މިނިސްޓްރީން އެ ބޯޓަށް ފޮތްތައް އަރުވާފައި ހުންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެސް ވެއްޖެ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު، ކަނޑުގަދަވުމުގެ ސަބަބުން އެ ބޯޓަށް ދަތުރު ނުކުރެވި އޮންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ،" އޭނާ ވިދާޅުވި އެވެ.

"މިނިސްޓްރީން ފަހުން އުޅުނީ ބޯޓުން ފޮތްތައް ނަގައިގެން އެމްޓީސީސީގެ ލޯންޗުތަކުގައި ފޮތްތައް މިކޮޅަށް ފޮނުވަން. އެކަމަކު އިއްޔެ ބޯޓު ރަށަށް އަންނާނެ ކަމުގެ ޔަގީންކަން ދިނުމުން ބޯޓުގައި ފޮނުވީ."

ޗާޕުކޮށްފައިވާ ފޮތް ބޭނުންކުރާނީ ގްރޭޑު 9 އިން ދަށުގެ ދަރިވަރުންނެވެ. މަތީ ގްރޭޑުތަކުގެ ކުދިންގެ ފޮތްބައި ޑިޖިޓަލް ކުރުމުން މިިދިޔަ އަހަރުން ފެށިގެން އެ ދަރިވަރުން ކިޔަވަމުން އަންނަނީ ޓެބްލެޓް ކަހަލަ ޑިވައިސެއްގެ އެހީގަ އެވެ.

ޖޫން/ޖުލައި މަހަކީ އާންމުކޮށް ރާއްޖެ އަށް ވަރަށް ވިއްސާރަ ދުވަސްވަރެކެވެ. މޫސުން ގޯސް ދުވަސްވަރަކަށް ސްކޫލު ބޮޑު ޗުއްޓީ ބަދަލުކުރުމުން، ދަތުރުފަތުރު ކުރަން އުނދަގޫވެ، ބެލެނިވެރިންނާއި އާންމުން ވަނީ ޝަކުވާ ވެސް ކޮށްފަ އެވެ.