Roadha Mihaaru
ސްކޫލްތައް ހުޅުވެނީ އެކަމަކު ފޮތްތައް ހަމައެއް ނުވޭ!

ސްކޫލު ފެށެން ތިން ދުވަސް: ޓެކްސްޓް ފޮތްތައް ހަމައެއްނުވޭ، އެކްޓިވިޓީ ޔުނީފޯމެއް ނުލިބޭ!

09 ޖެނުއަރީ 2019

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ތިން ދުވަހަށް ވީ އިރު ވެސް ބައެއް ސްކޫލުތަކަށް ޓެކްސްޓް ފޮތްތަކާއި އެކްޓިވިޓީ ޔުނީފޯމް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން ތިން ދުވަހަށް ވީ އިރު ވެސް ބައެއް ސްކޫލުތަކަށް ޓެކްސްޓް ފޮތްތަކާއި އެކްޓިވިޓީ ޔުނީފޯމް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އެކަމަކު އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ޓެކްސްޓް ފޮތްތައް ލިބޭނީ ޖެނުއަރީ 13 ގައި ކަމަށް ކުރިން ވެސް އަންގާފައިވާނެ ކަމަށެވެ. އެގޮތަށް އެޑިޔުކޭޝަނުން ބުނި ނަމަވެސް އަންނަ އާދިއްތަ ދުވަހު ކިޔެވުން ފަށާއިރު ބައެއް ސްކޫލުތަކުގެ ބެލެނިވެރިން ތިބީ ކަންބޮޑުވުމެއްގަ އެވެ. މީގެ ކުރިން ވެސް ޔުނީފޯމާއި ފޮތްތައް ހޯދުމުގައި މައްސަލަތައް ދިމާވިޔަސް މިފަހަރު އެކަން މާ ބޮޑު ވެއްޖެ ކަމަށް، ބައެއް ބެލެނިވެރިން ބުނެ އެވެ.

ކަންބޮޑުވުން ފާޅުކޮށް "މިހާރު"އާ ވާހަކަދެއްކި ޖަމާލުއްދީން ސްކޫލުގެ ބެލެނިވެރިއަކު ބުނީ ރިޕޯޓު ފޮތް ދިން ދުވަހު ވައުޗާ ދިން ނަމަވެސް ޓެސްޓް ފޮތްތައް ލިބޭނީ ސްކޫލް ހުޅުވޭ ދުވަހު ކަމަށެވެ.

ވައުޗާ ދެނީ ލިއަން ބޭނުންކުރާ ފޮތް ފަންސޫރާއި އެހެނިހެން އެއްޗެހި، ފޮތް ފިހާރަތަކުން ގަތުމަށެވެ. ޓެކްސްޓް ފޮތްތައް ދޫކުރަނީ ސްކޫލްތަކުންނެވެ.

"ކުރިން ސްކޫލު ބަންދުވާ އިރަށް ލިބޭނެ ފޮތްތައް، އޭރުން ޗުއްޓީ ތެރޭގައި [ގަނޑު ލެއްވުން ކަހަލަ] މަސައްކަތް ނިންމާލެވޭނެ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ޖަމާލުއްދީން ސްކޫލްގެ ބެލެނިވެރިޔަކު ބުންޏެވެ.

"އެކަމަކު މިފަހަރު މިކަންތައް ދިޔަ ގޮތުން ވަރަށް ބޮޑު އުނދަގުލެއް މި ޖެހުނީ. ގިނަ ކުދިން ތިބޭ ބެލެނިވެރިންނަށް މިކަމުގެ އުނދަގޫ ބޮޑުވާނެ."

އޭނާ ބުނިގޮތުގައި އެކްޓިވިޓީ ޔުނީފޯމް ލިބޭނެ ކަމަށް އަންގާފައިވަނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެންނެވެ.

ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލް ބަޝީރާ މުހައްމަދު ވިދާޅުވީ އެ ސްކޫލުގެ ގްރޭޑު 1-6 ގެ ދަރިވަރުންގެ ޓެކްސްޓް ފޮތްތަައް ހަމަވެފައިވާ ކަމަށެވެ. އެކަމަކު 7-9 ގެ ފޮތްތައް ލިބޭނީ މި ހަފުތާގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގެ ބެލެނިވެރިއަކު ބުނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެ ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމަށް ބަދަލުތަކެއް އައިއިރު ގިނަ ފަހަރަށް ޔުނީފޯމް ލިބެނީ ވެސް ވަރަށް ލަހުން ކަމަށެވެ. އަދި އެއް އަހަރުން އަނެއް އަހަރަށް ޔުނީފޯމްގެ ކޮލިޓީ ދަށްވުމުގެ ޝަކުވާ ވެސް އޭނާ ކުރި އެވެ.

"މިދިޔަ އަހަރުގެ މެދުތެރޭ ހިސާބުގައި އެކްޓިވިޓީ ޔުނީފޯމް ލިބުނީ ވެސް. އެހާ އަގުބޮޑުކޮށް ގަނެފައި އަނެއް އަހަރަށް ނުލެވޭ ޔުނީފޯމަށް ބަދަލުތައް ގެންނާތީ،" ގްރޭޑް ހަތަކަށް ބަދަލުވާ ދަރިވަރެއްގެ އެ ބެލެނިވެރިޔާ ބުންޏެވެ.

"ވަރަށް ދެރަކޮށް، އަރަތެއްގެ ގޮތުގައި މިކަންތައް ދަނީ."

ތާޖުއްދީން ސްކޫލްގެ ބެލެނިވެރިޔަކު ބުނީ ފޯމް ދިނުމާ އެކު ޓެކްސްޓް ފޮތްތައް ބަލާ ދިޔަ މީހުންނަށް ހުރިހާ ފޮތެއް ވެސް ލިބުނެވެ.

ބައެއް ސްކޫލްތަކުގެ ވަކި ގްރޭޑްތަކެއްގެ ޓެކްސްޓް ފޮތްތައް ލިބިފައި އަނެއް ބައި ގްރޭޑްތަކުގެ ފޮތްތައް ލިބޭނީ ފަހުން ކަމަށް ބެލެނިވެރިންނަށް ވަނީ އަންގައިފަ އެވެ.

އެހެންކަމުން މިހާރު ދިމާވެގެން މި އުޅެނީ ޗާޕްކޮށްފައި ހުރި ފޮތްތައް ހުސްވުމުގެ މައްސަލައެއް ކަމަށް ބެލެވެ އެވެ. ނުވަތަ ބޭރުން ޗާޕްކުރާ ފޮތްތައް އަދި ނުލިބެނީ އެވެ.