Roadha Mihaaru
16 އަހަރުގައި 484 މައްސަލަ: ޒިންމާވާނީ ކާކު؟

16 އަހަރުގެ ކުއްޖެއް، 484 މައްސަލަ: ޒިންމާ ނަގާނެ ބަޔަކު ނެތް!

07 އެޕްރީލް 2024

ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަ ކުއްޖަކަށް އެހެން ދެ ކުއްޖަކު އަނިޔާކޮށް، ބުލީކުރާ ވީޑިއޯއެއް އާންމުވުމާ އެކު އަނެއްކާ ވެސް މި ދައްކަނީ ކުޑަކުދިން ކުރާ ކުށްތަކަށް އަދަބު ނުދެވޭ ވާހަކަ އެވެ. ކުޑަކުދިންގެ މައްސަލަތަކުގައި އިދާރާތައް އިހުމާލުވާ ވާހަކަ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަ ކުއްޖަކަށް އެހެން ދެ ކުއްޖަކު އަނިޔާކޮށް، ބުލީކުރާ ވީޑިއޯއެއް އާންމުވުމާ އެކު އަނެއްކާ ވެސް މި ދައްކަނީ ކުޑަކުދިން ކުރާ ކުށްތަކަށް އަދަބު ނުދެވޭ ވާހަކަ އެވެ. ކުޑަކުދިންގެ މައްސަލަތަކުގައި އިދާރާތައް އިހުމާލުވާ ވާހަކަ އެވެ.

އެންމެ ކުއްޖެއްގެ މި ވާހަކަ ފުރަތަމަ ކިޔާލަން ހިނގާށެވެ.

މީގެ ދެ އަހަރު ކުރިން، އުމުރުން 14 އަހަރުގެ ކުއްޖެއްގެ މަސްތުވާތަކެތީގެ 53 މައްސަލަ އޮތް ވާހަކަ ފުލުހުން ހާމަކުރި އެވެ. މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރާ ކަމުގެ ކަންބޮޑުވުމާ އެކު ފުލުހުން މިސާލަކަށް ދެއްކި މި ކުއްޖާގެ ކުށުގެ އެތައް ބައިވަރު ރެކޯޑެއް މިހާރު އެބަ ހުއްޓެވެ.

މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުމާއި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރުމާއި މާރާމާރީ ހިންގުމާއި ސްކޫލަށް ގެއްލުންދޭން މަސައްކަތްކުރުމާއި ރަހީނުކުރުމާއި ވައްކަމާއި ފިލަން މަސައްކަތްކުރުމާއި މަގުމަތިން ފުރައްސާރަ ކުރުމާއި ލައިސަންސް ނެތި ސައިކަލް ދުއްވުމާއި ގްރޫޕް ހަދައިގެން މަގުމަތީގައި އުޅުން ފަދަ އެތައް މައްސަލައެއް މި ކުއްޖާއާ ގުޅޭ ގޮތުން އެބަ ހުއްޓެވެ.

ކުއްޖާ މާލޭގައި އުޅެނީ އެ ކުއްޖާގެ މައިންބަފައިންނާ އެކުގަ އެވެ. އުމުރުން އެންމެ ނުވަ އަހަރުން ފެށިގެން އިއްޔެގެ ނިޔަލަށް ތަފާތު އެކި މައްސަލަތަކުގައި 484 ފަހަރު މިހާތަނަށް އެ ކުއްޖާއާ ސުވާލުކޮށް ފުލުހުންނާ ހިސާބަށް މައްސަލަތައް ގޮސްފައިވެ އެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ބުނި ގޮތުގައި އެ ކުއްޖާ ކުށުގެ މާހައުލުން ދުރުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ހިންގާ ޕްރޮގްރާމްތަކަށް ކުއްޖާގެ އެއްބާރުލުން ނުލިބޭތީ ސެޝަންތައް ކުރިއަކަށް ނުގެންދެވެ އެވެ.

"ގާނޫނު ފަރުމާކޮށްފައި މި އޮތީ ކުއްޖާއަށް އަދަބުދޭ ގޮތަކަށް ނޫން. އޭގައި މި އޮންނަނީ ކުއްޖާ އަނބުރާ މުޖުތަމައުއަށް ނެރެން ޖެހޭ ގޮތަށް. އެހެން އޮތްއިރު އެ ގާނޫނުގައެއް ނެތް ކުއްޖާ އެ މައްސަލައަށް ނުވަތަ އެ ޕްރޮގްރާމަށް އެއްބާރުލުން ނުދޭ ނަމަ ދެން އެ ކުއްޖާއާ ދޭތެރޭ އަމަލުކުރަންވީ ކިހިނެއް ކަމެއް. ފަނަރަ އަހަރުން ދަށުގެ އަދި 15-18 ދެމެދު ކުދިންގެ ވެސް،" ޖުވެނަލް އޮފެންސް ޑިޕާޓްމެންޓް އަދި ޖުވެނަލް މޮނިޓަރިންގް ޔުނިޓްގެ ހެޑް، އިންސްޕެކްޓާ އޮފް ޕޮލިސް މިޔާޒް މުހައްމަދު ވިދާޅުވި އެވެ.

ބުލީކުރުމާ ހިސާބުން ވެސް ފިޔަވަޅެއް ނޭޅޭ

ކޮންމެ ދުވަހަކުހެން އެކި ސްކޫލުތަކުންނާއި މަގުމަތިން ނުވަތަ އާންމު ތަންތަނުގައި ބުލީ ކޮށްގެން ޕޮލިހާއި ޖެންޑާ މިނިސްޓްރީގެ އިތުރުން ސްކޫލުތަކަށް ވެސް ހުށަހަޅަ އެވެ.

ސްކޫލުތަކުގައި ބުލީ ކުރުމުގެ މައްސަލަ އޮންނަ ކަމަށާއި އެ މައްސަލަ ސީރިއަސް ކަމަށް ސްކޫލްތަކުން ވެސް އެއްބަސްވެ އެވެ. ބައެއް ޕްރިންސިޕަލުން ވިދާޅުވާ ގޮތުގައި މިހާރު ބުލީކުރާ ކުދިންގެ އުމުރު ކުރިން އެކަހަލަ ކަންކަންކުރަން ފަށާ އުމުރަށް ވުރެ ވެސް ހަގެވެ.

ބުލީގެ މައްސަލަތަކުގައި ސަރުކާރު ސްކޫލްތަކާއި ޕްރައިވެޓް ސްކޫލްތަކުގައި ވެސް އަމަލުކުރާ ގޮތް ތަފާތެވެ. ޕްރައިވެޓް ސްކޫލްތަކުގައި އަމިއްލަ ޕޮލިސީއެއް ގެންގުޅެ އެވެ. އެއީ ވިސްނައިދިނުމާއި އެކަން ތަކުރާރުވެއްޖެ ނަމަ ބެލެނިވެރިންނާ ވާހަކަ ދެއްކުމަށް ފަހު ވެސް ހައްލު ނުވެއްޖެ ނަމަ، ސަސްޕެންޑް ކުރުމެވެ. އެވަރުން ވެސް އިސްލާހު ނުވެއްޖެ ނަމަ ސްކޫލުން ކަނޑާލުމެވެ.

ޖަމާލުއްދީން ސްކޫލްގެ ދަރިވަރުންތަކެއް ޓީޗަރުގެ ވާހަކައަށް ސަމާލުކަން ދީގެން

ޖަމާލުއްދީން ސްކޫލްގެ ދަރިވަރުންތަކެއް ޓީޗަރުގެ ވާހަކައަށް ސަމާލުކަން ދީގެން

ނަމަވެސް ސަރުކާރު ސްކޫލުތަކުން ދަރިވަރެއްގެ ފަރާތުން ކިތަންމެ ގިނަ ފަހަރަކު ކަމެއް ތަކުރާރު ވިޔަސް އެކަމަށް ހައްލެއް ނުލިބޭ ކަމަށް ޕްރިންސިޕަލުން ވިދާޅުވެ އެވެ. ކޮންމެ ކުއްޖަކީ ވެސް ތައުލީމު ލިބެން ޖެހޭ ކުއްޖަކަށް ވާތީ ކުއްޖާއަށް އަދަބެއް ދެވޭކަށް ނޯވެ އެވެ.

"18 އަހަރުން ދަށުގެ ކުއްޖެކޭ ބުނުމުން ކޮންމެ ފަދަ ކަމެއް ކުރިޔަސް އެ ކުދިންނަށް މި އޮންނަނީ ފާޑެއްގެ ހިމާޔަތެއް ލިބިފައި. އެ ކުދިންނަށް ވެސް އެކަން އެބަ އެނގޭ ކޮންމެ ކަމެއް ކުރިޔަސް ކުޑަ ކުއްޖަކަށްވުމުން އަދަބެއް ނާންނަކަން. އެކަހަލަ ކަންކަން ހުންނާނީ ސްކޫލުތަކަށް ވެސް އަދަބު ދޭން އުނދަގޫވޭ،" ސަރުކާރު ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވި އެވެ.

އެހެންމެ ސްކޫލުތަކުން އަމަލުކުރަނީ ތައުލީމީ ނިޒާމުގައި ބުލީކުރުން ހުއްޓުވުމަށް ހަދާފައި އޮންނަ ސާކިއުލާއަކަށެވެ. ބުލީކުރާ ކުއްޖާ އާއި ބުލީގެ ޝިކާރައަކަށްވާ ކުއްޖާގެ ބެލެނިވެރިންނާ ވާހަކަ ދައްކައިގެން ހައްލުކުރަނީ އެވެ. ނުވަތަ އެ ކުއްޖާއަށް ބޭނުންވާ ކައުންސެލިން ސްކޫލުން ދެނީ އެވެ.

"ގިނަ ފަހަރަށް ބެލެނިވެރިޔާ ގެނެސްގެން އެކަހަލަ ކުދިންނާ މި ވާހަކަ ދައްކަނީ. ކުއްޖާ ކައިރީގައި އިންދާ ބެލެނިވެރިޔާ އެބަ ބުނޭ، ތިމަންނަގެ ދަރިފުޅު އެވަރުގެ ކަމެއް ނުކުރާނޭ. މިވަރުން ކިހިނެއްތޯ މިކަން ހުއްޓާނީ،" ސަރުކާރު ސްކޫލެއްގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ ކައުންސެލަރަކު ވިދާޅުވި އެވެ.

"އެކަހަލަ ކުދިންނަށް ދެވޭނެ އަދަބެއް ނޯވޭ. ބެލެނިވެރިންނާ ވާހަކަ ދެއްކިޔަސް ގިނަ ބެލެނިވެރިން އެކަން ގަބޫލެއް ނުކުރޭ."

ބެލެނިވެރިޔަކާ އެކު ކުދިންތަކެއް ސްކޫލަށް ދަނީ: 2014 ވަނަ އަހަރު "ގްލޯބަލް ސްކޫލް-ބޭސްޑް ސްޓޫޑަންޓް ހެލްތް ސާވޭ" އަކުން ދެއްކި ގޮތުގައި ރާއްޖޭގެ ކޮންމެ ހަތަރު ކުއްޖަކުން އެއް ކުއްޖަކީ ބުލީގެ ޝިކާރައަކަށްވޭ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ބެލެނިވެރިޔަކާ އެކު ކުދިންތަކެއް ސްކޫލަށް ދަނީ: 2014 ވަނަ އަހަރު "ގްލޯބަލް ސްކޫލް-ބޭސްޑް ސްޓޫޑަންޓް ހެލްތް ސާވޭ" އަކުން ދެއްކި ގޮތުގައި ރާއްޖޭގެ ކޮންމެ ހަތަރު ކުއްޖަކުން އެއް ކުއްޖަކީ ބުލީގެ ޝިކާރައަކަށްވޭ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ބުލީ ކުރުމާއި އެހެން ކުދިންނަަށް އަނިޔާ ކުރުން ފަދަ މައްސަލަތަކުގެ ތެރެއިން ސްކޫލުތަކަށް ހުށަހެޅޭ މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި، އެ ކުއްޖެއްގެ މައްސަލަ ހައްލު ނުވާ ނަމަ ދެން އެ ސްކޫލެއްގެ ފަރާތުން ޖެންޑާ މިނިސްޓްރީ، ނުވަތަ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އަށް މައްސަލަ ހުށަހަޅަ އެވެ. ނުވަތަ ޕޮލިހުންނަށް މައްސަލަ ހުށަހަޅަ އެވެ.

ގާނޫނެއް އެބައޮތް، ފުލުހުންގެ އަތް ބަނދެވިފައި!

ދައުލަތުގެ ފަރާތުންނާއި އާއިލާގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއް ކަމުގައި ގާނޫނުއަސާސީން ކަނޑައަޅާފައިވާތީ، އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންނަކީ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުދިން ކަމުގައެއް ނުބެލެވެ އެވެ.

އެ އުމުރުން ދަށުގެ ކުއްޖަކު ކިތަންމެ ބޮޑު ކުށެއް ކުރިޔަސް ފުލުހުންނަށް ވެސް ކުރެވޭނެ އެއްވެސް ކަމެެއް ނޯވެ އެވެ. ކުޑަކުއްޖެއްގެ މައްސަލައެއް ހުށަހަޅައިފި ނަމަ އެންމެ ފުރަތަމަ ވެސް ބަލަން ޖެހެނީ އެއީ ކޮން އުމުރެއްގެ ކުއްޖެއްތޯ އެވެ. އެ ކުށް ކުރާ ކުއްޖަކީ 15 އަހަރު ނުވާ ކުއްޖެއް ނަމަ ފުލުހުންގެ މައްޗަށް އޮންނަ ޒިންމާ، އެ ކުއްޖެއްގެ މައްސަލަ ރިޕޯޓު ކުރުމާއި ކުއްޖާގެ މައުމޫމާތު ޑީޖޭޖޭ އަދި މިނިސްޓްރީއަށް ދިނުން ފިޔަވައި އިތުރު އެއްވެސް ކަމެއް ފުލުހުންނަކަށް ނުކުރެވެ އެވެ.

"2019 ވަނަ އަހަރު ކުޑަކުދިންގެ އަދުލުގެ ގާނޫނު އައިސްގެން 20 ސަފުހާގެ އިސްލާހުތަކެއް އަޅުގަނޑުމެން [ޕޮލިހުން] ހުށަހެޅިން. އެއިން އެއްވެސް ކަމެއް ބަލައިނުގަތް. ޑީޖޭޖޭ އާއި ޖުވެނަލް ކޯޓުން ހުށަހެޅި އިސްލާހުތަކެއް އެކަނި ބަލައިގަތީ،" ފުލުހުންގެ ކްރައިމްސް އެގެއިންސްޓް ޗިލްރަން ޑިޕާޓްމެންޓްގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސޮއްފަތު ރައުފް ރޭ "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

"އޭރުއްސުރެ މިއަދާހަމައަށް ކޮންމެ ކުއާޓާއެއްގައި އެބަ ހުށަހަޅަން އެ އިސްލާހުތައް ގެނެސްދޭތޯ. އަދި ކާމިބުވާގޮތެއް ނުވޭ."

އާޓިފިޝަލް ބީޗްގައި ކުދިންތަކެއް މޫދަށް އެރި ކުޅެނީ

އާޓިފިޝަލް ބީޗްގައި ކުދިންތަކެއް މޫދަށް އެރި ކުޅެނީ

ކުޑަކުދިންގެ ގާނޫނަށް އަންނަން ޖެހޭ ކަމަށް ފުލުހުންނަށް ގަބޫލު ކުރެވޭ އިސްލާހުތަކުގެ ތެރޭގައި ޑީޖޭޖޭގެ ޕްރޮގްރާމްގައި ބައިވެރިކޮށްގެން ނުވަތަ ގޭގައި ބަހައްޓައިގެން އިސްލާހު ނުވާ ކުއްޖާއަށް އިތުރު ގޮތެއް ގާނޫނުގައި ލިޔުން ހިމެނެ އެވެ.

ހަ އަހަރުވީ އިރު ސަރުކާރުން އަޅައެއްނުލާ

ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި އޮންނަ ގޮތުން ނަމަ، ކުށް ކުރާ 15 އަހަރުން މަތީގެ ކުދިންނަށް ހާއްސަ މަރުކަޒެއް ހަދައި އެ ކުދިން ރިހެބިލިޓޭޓް ކުރުމަކީ ޑީޖޭޖޭ އިން ކުރަންޖެހޭ ކަމެކެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި އޮންނަނީ 15 އަހަރުން ދަށުގެ، ކުށް ކުރުމަށް ހުށަހެޅިދާނެ ކުދިން އެކަހެރިކޮށް މަރުކަޒުތަކުގައި ގެންގުޅުމުގެ ބަދަލުގައި އެ ކުދިންނަށް ޕްރޮގްރާމްތައް ހިންގުމަށެވެ.

"2019 ވަނަ އަހަރު އައި ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބުނާގޮތުން އެ އާންމުކުރާތާ ހަ މަސްތެރޭ މަރުކަޒުތައް އަޅަންޖެހޭ. މިހާރު ހަ އަހަރުވީ. އަދި ނެތް އެންމެ މަރުކަޒެއް ވެސް. ޑީޖޭޖޭއިން އެ ޕްރޮގްރާމް ހިންގާ. ބައެއް ފަހަރަށް އެ ޕްރޮގްރާމް ހިންގުމަށް [ކުދިންނަށް] ގުޅާނެ ނަމްބަރެއް ނެތުމުން އެބަ ގުޅާ ފޭސްބުކް، މެސެންޖާއިން [ކުދިންގެ ބެލެނިވެރިންނަށް]. މިއީ ހާލަތު ހުރި ގޮތް،" މިޔާޒް ވިދާޅުވި އެވެ.

ގާނޫނުގައި، ޖިނާއީ ކުށުގެ ޒިންމާ ކުއްޖަކު އުފުލަން ޖެހޭ އުމުރަކީ 15 އަހަރު ކަމަށް ބުނެފައިވާއިރު، ރަސްދޫގައި ކުއްޖަކަށް އަނިޔާ ކޮށްފައިވަނީ 13 އަހަރާއި 14 އަހަރުގެ ދެކުދިންނެވެ. އެހެންކަމުން އެ މައްސަލައިގައި ގާނޫނީ ގޮތުން އެ ދެ ކުދިންނަށް ދެވޭނެ އެއްވެސް އަދަބެއް ނެތެވެ.

މިޔާޒް ވިދާޅުވީ މިހާރު ފެންމަތިވެގެން އުޅޭ ބުލީ ކޭސްގައި ހިމެނޭ އެއް ކުއްޖަކީ 2022 ވަނަ އަހަރުން ފެށިގެން އޭގެ އެކި މައްސަލަތަކުގައި ހިމެނޭ ކުއްޖެއް ކަމަށެވެ.

ކުށްތަކުގައި ކުޑަކުދިން ބައިވެރިވުމުގެ މައްސަލައިގައި ކަމާގުޅޭ ފަރާތްތަކުން ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި، (ކ-ވ) އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް، އޭޖީ އުޝާމް، ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކުށްތަކުގައި ކުޑަކުދިން ބައިވެރިވުމުގެ މައްސަލައިގައި ކަމާގުޅޭ ފަރާތްތަކުން ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި، (ކ-ވ) އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް، އޭޖީ އުޝާމް، ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"2022 ވަނަ އަހަރުން އަޅުގަނޑުމެން ހުށަހަޅާފައި އެބަހުރި މި ކުއްޖާ އިސްލާހުކުރަން ޖެހޭ ކަމަށް. އަޅުގަނޑުމެންގެ ފަރާތުން އެ ދޭން ޖެހޭ އިދާރާތަކަށް [ޖެންޑާ މިނިސްޓްރީ އަދި ޑީޖޭޖޭ] އަށް އިރުޝާދު ދީފައިވަނީ،" އޭނާ ވިދާޅުވި އެވެ.

އެ އަހަރުން ފެށިގެން ކުއްޖާއަށް ރަނގަޅު ރިހިބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރި ކުރެވުނު ނަމަ މިއަދު އެ ކުއްޖާގެ އަމަލުތައް މިހާލަތަށް ނުދާނެ ކަމަށް މިޔާޒް ވިދާޅުވި އެވެ. އެފަދަ ހުރިހާ މައްސަލަތެއްގެ ހައްލަކަށްވާނީ އެ ކުދިން މުޖުތަމައުއަށް ނެރުމަށް ދޭން ޖެހޭ އެކަށީގެންވާ ފަރުވާ ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ކުދިންނަށް ފަރުވާ ދިނުމަށް މީގެ ހަ އަހަރު ކުރިން އަޅަން ޖެހޭ މަރުކަޒުތައް ނޭޅި ހުރުމަކީ މިއަދު އެ ކުދިންގެ ފަރާތުން ފެންނަމުންދާ "މުޖުތަމައު ބަލައި ނުގަނަން" ކަންކަމުގެ ފެށުން ކަމަށް ޕޮލިހުން ގަބޫލު ކުރެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ ކުށްކުރާ ކުޑަކުދިންނަށް 15 އަހަރުނުވާ ނަމަ އަދަބު ނުދެވޭ ގޮތަށް އޮތްއޮތުން އުވާލައި, ކުށަށް ޒިންމާވާންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ސަރުކާރުން ނިންމިކަން އިއުލާން ކުރައްވައިފަ އެވެ. އަދި އެފަދަ ކުދިން އިސްލާހު ކުރުމަށް ފެސިލިޓީއެޅުމަށް ވަކި ރަށެއް އެކަމަށް ހާއްސަކޮށް ތަރައްގީ ކުރަން ނިންމާފައިވާކަން އިއުލާންކުރެއްވި އެވެ.

އެކަމަކު ފުލުހުން ދެކޭ ގޮތުގައި ކުށަށް ޒިންމާވާން ޖެހޭ އުމުރު ހަގު ކުރިޔަސް އެ ކުދިންނަށް ބޭނުންވާ ފަރުވާ، ނުވަތަ އެ ޕްރޮގްރާމް އެންމެ އެދެވޭ ގޮތެއްގައި ނުހިންގޭ ނަމަ ނަތީޖާއެއް ނުފެންނާނެ އެވެ.