Roadha Mihaaru

ކުދިންނަށް ބުލީކުރަން ހިންގާ 2 ޕޭޖެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ސްކޫލު ކުދިންގެ މެދުގައި ހިންގާ ކޮންފެޝަން ޕޭޖުތަކެއްގައި ކުދިންނަށް ބުލީކުރާ މައްސަލަ ބޮޑުވެފައި ވަނިކޮށް އެފަދަ 2 ޕޭޖު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ކުދިންނަށް ބުލީކުރާ 2 ޕޭޖެއް ފުލުހުން ހުއްޓުވައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

06 ޖުލައި 2025

ސްކޫލު ކުދިންގެ މެދުގައި ހިންގާ ކޮންފެޝަން ޕޭޖުތަކެއްގައި ކުދިންނަށް ބުލީކުރާ މައްސަލަ ބޮޑުވެފައި ވަނިކޮށް އެފަދަ 2 ޕޭޖު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ކޮންފެޝަން ޕޭޖުތައް ހުއްޓުވަން ފުލުހުން ނުކުތްއިރު މިފަދަ ޕޭޖުތަކުގައި ދަނީ ކުދިންނާއި ޓީޗަރުންނަށް ނިސްބަތްކޮށް ވަރަށް ހަޑި ހުތުރު ބަހުން ޕޯސްޓުތައް ޖަހަމުންނެެވެ.

ފުލުހުން ބުނީ ސްކޫލު ކުދިންގެ މެދުގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ސައިބާ ބުލީގެ އަމަލުތައް އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުގެ ފަރާތުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ ހަފްތާގައި ވަނީ މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގު ފަށައިފަ އެވެ. އެ ހުރިހާ ޕޭޖެއް ހުއްޓުވި ކަމަށް މައުލޫމާތު އާއްމުކުރި އިރު ފުރަތަމަ ބުނެވުނީ އޮޅުމަކުން ކަމަށާއި މިހާތަނަށް ހުއްޓުވީ 2 ޕޭޖު ކަމަށް ފުލުހުން ބުންޏެވެ.

އަދި އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ސައިބާ ކްރައިމް ސެންޓަރުން ބަލަމުން އަންނަ ކަމަށް ބުންޏެެވެ.

ފުލުހުން ބުނީ އެ މައްސަލައަކީ ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ މައްސަލައެއް ކަމަށެވެ. އަދި ގިނަ އަދަދެއްގެ ދަރިވަރުން އެކަމުގެ ޝިކާރައަކަށްވެފައިވާ ކަމަށް ބުންޏެެވެ.

ފުލުހުން ބުނި ގޮތުގައި އެފަދަ ޕޭޖުތައް އުފައްދައި އާންމުކޮށް ހިންގަނީ ވެސް ސްކޫލު ކުދިންނެެވެ.

އެ އިދާރާ އިން ބުނީ ޕޭޖުތައް ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާކޮށް، އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރުމާއި މަލާމާތްކުރުމާއި ފުރައްސާރަކުރުމުގެ އިތުރުން ނަފްސާނީ ގޮތުން އަނިޔާލިބޭ އެތައް މައުލޫމާތުތަކެއް އެ ޕޭޖުތަކުގައި ލިޔަމުންދާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބައެއް ޕޭޖުތަކުގައި ވަނީ ފުލުހުން ޕޯސްޓެއް ޖަހައިފަ އެވެ. އޭގައި ވަނީ އެކަމުގައި ހަރަކާތްތެރިވަމުން އަންނަ ކުދިންގެ މައްސަލަ ބަަލައި ރާއްޖޭގެ ގާނޫނުތަކުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ފުލުހުން ދެމިތިބޭނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ކަމަށް ވެސް އެ ޕޯސްޓުގައިވެ އެވެ.

ފުލުހުން ވަނީ މިހާރު ކުރިއަށްދާ ތަހުގީގަށް އެހީވުމުގެ ގޮތުން އެފަދަ ޕޭޖްތަކުގެ ޝިކާރައަކަށްވި ކުދިންގެ މައުލޫމާތު ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރާ ހިއްސާކުރަން ވެސް އެދިފަ އެވެ.