25 މާޗް 2019
ބޮޑެތި މާރާމާރީތަކާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެކަންކަމުގެ ތެރެއިން ނުރައްކަލުގެ ވަރުގަދަ ރަނގަޅަބީލު ޖެހެމުން އަންނަތާ ކިތައްމެ ދުވަހެކެވެ. ކުށްކުރާ ކުދިންގެ ތެރޭގައި ސްކޫލްތަކުގެ ދަރިވަރުންގެ އަދަދު ވަނީ އިތުރުވަމުންނެވެ. ބައެއް މީހުންގެ ނަޒަރުގައި ދަރިވަރުންގެ އަހުލާގު ވަރަށް ދަށެވެ. ޓީޗަރުންނަށް އިހުތިރާމްނުކުރުން ފަދަ ކަންތައްތަކުން ފެށިގެން ބޮޑެތި މާރާމާރީތަކުގައި ދަނީ ބައިވެރިވަމުންނެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި ކުށްކުރާ ކުދިންގެ އަދަދު އިތުރުވުމަކީ ޖީލެއް ހަލާކުވުމެވެ. އެހެންވެ ގައުމީ ފެންވަރުގައި މަޝްވަރާކޮށް ހައްލުތަކެއް ހޯދަން މި އޮތީ ޖެހިފަ އެވެ.
ބޮޑެތި މާރާމާރީތަކާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެކަންކަމުގެ ތެރެއިން ނުރައްކަލުގެ ވަރުގަދަ ރަނގަޅަބީލު ޖެހެމުން އަންނަތާ ކިތައްމެ ދުވަހެކެވެ. ކުށްކުރާ ކުދިންގެ ތެރޭގައި ސްކޫލްތަކުގެ ދަރިވަރުންގެ އަދަދު ވަނީ އިތުރުވަމުންނެވެ. ބައެއް މީހުންގެ ނަޒަރުގައި ދަރިވަރުންގެ އަހުލާގު ވަރަށް ދަށެވެ. ޓީޗަރުންނަށް އިހުތިރާމްނުކުރުން ފަދަ ކަންތައްތަކުން ފެށިގެން ބޮޑެތި މާރާމާރީތަކުގައި ދަނީ ބައިވެރިވަމުންނެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި ކުށްކުރާ ކުދިންގެ އަދަދު އިތުރުވުމަކީ ޖީލެއް ހަލާކުވުމެވެ. އެހެންވެ ގައުމީ ފެންވަރުގައި މަޝްވަރާކޮށް ހައްލުތަކެއް ހޯދަން މި އޮތީ ޖެހިފަ އެވެ.
ކުޑަކުދިންނާ ގުޅޭ ކަންތައް ބަލަމުން އަންނަ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) ގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފް ވިދާޅުވީ ކުށްކުރާ ކުދިންގެ އަދަދު ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުން ދާ ކަމަށެވެ. އެގޮތުން ތަފާތު އެކި މައްސަލަތަކުގައި 18 އަހަރުން ދަށުގެ 400 އަށްވުރެ ގިނަ ކުދިން ހައްޔަރުކޮށްފައިވާ ކަމަށް އެތަނުގެ ރިކޯޑުތަކުން ދައްކަ އެވެ. އެހެންކަމުން އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މައްސަލަ ހައްލުކުރަން އާއިލާ، މުޖުތަމައު އަދި ތައުލީމީ ނިޒާމުން ވެސް އެހީތެރިކަން ލިބެން ޖެހެ އެވެ.
ކުށްކުރާ ކުދިންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅުން ހުރި ކުދިންނެވެ. އެހެންކަމުން ހާމިދު ވިދާޅުވީ އެ ކުދިންނަށް ދެވެން އޮތް އެންމެ ރަނގަޅު ފަރުވާއަކީ ރިހިބެލިޓޭޝަން ޕްރޮގްރާމް ކަމަށެވެ. އެކަމަކު ކުޑަކުދިންނަށް ހާއްސަ އެފަދަ ޕްރޮގްރާމެއް ނުހިންގާތީ ގޮންޖެހުންތަކެއް ދިމާވާކަން ފާހަަގަކުރެއްވި އެވެ.
ކުށްކުރާ ކުދިންގެ މައިގަނޑު އުމުރަކީ 16-17 އަހަރެވެ. ހާމިދު ވިދާޅުވި ގޮތުގައި ކުށްކުރާ ކުދިން އެ ކުށަށް ގިނައިން އަރައިގަންނަނީ، ބޮޑެތި ކުށްތަކުގައި އުޅޭ ބޮޑެތި މީހުން ގަސްދުގައި އެ ކުދިން ބޭނުންކޮށްގެންނެވެ. އެހެންވެ އެންމެ ފުރަތަމަ ގޭތެރެއިން ދަރިވަރުންނަށް ކަންތައްތައް ދަސްކޮށްދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ހުރިހާ އެންމެންގެ އެއްބާރުލުން އޮވެގެން [މިކަންތައް ހައްލު] ވާނީ. އޭގެ ކުރިން އާއިލާގެ، މައިންބަފައިންގެ ޒިންމާ ބޮޑު،" ހާމިދު ވިދާޅުވި އެވެ.
ކުޑަކުދިން އަދުލުގެ ނިޒާމުގެ ދަށުން ބައެއް ކަހަލަ މައްސަލަތަކުގައި ދައުވާ ނުކޮށް ޝަރުތުތަކަކާ އެކު ފުރުސަތުތައް ދެ އެވެ. އަދި ބައެއް ފަހަރު އެ ފުރުސަތުތައް ބޭނުންކުރެ އެވެ.
"ސިނގިރޭޓް ބުއިން ފަދަ ކަންކަމުން ފަށައިގެން މަސްތުވާތަކެތި ބޭނުންކޮށް އެ ވިއްކުން ފަދަ ކަންތަކާ ހަމައަށް ދާނީ. އެހެންވީމަ އެކަން ކުރާކަން ފުރަތަމަ އެނގޭ ހިސާބުން އެ ކުއްޖާއަށް އެބަ ޖެހޭ ކިޔައިދޭން. އޭރު އެހީތެރިކަން ނުދެންޏާ ކުށްކުރާ ކުދިން އިތުރުވާނެ،" ހާމިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުށަށް އަރައިގަންނަ ކުދިންގެ ތެރޭގައި، މައްސަލަތައް ބޮޑު އަދި ތަނަވަސްކަން ނެތް އާއިލާތަކަށް ނިސްބަތްވާ ކުދިންނާއި މައިންބަފައިން ވަކިވެފައި ތިބި ކުދިން ހިމެނޭ ކަމަށެވެ.
ޕޮލިސް ރިފޯމްކުރުމުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާނާއި ޕްރޮސެކިއުޓާ ޖެނެރަލް ބިޝާމް އަދި ފުލުހުންގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ: ކުށްކުރާ ކުދިންގެ އަދަދު ދަނީ އިތުރުވަމުން.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ކިޔަވައިދިނުމުގައި ވިއްސަަކަށް އަހަރު ހޭދަކޮށްފައިވާ ޓީޗަރަކު، ނަން ހާމަނުކުރަން އެދި ވާހަކަދައްކަމުން، ބުނީ ރާއްޖޭގައި ސިޔާސީ ހަމަނުޖެހުންތައް އުފެދެން ފެށުމާ އެކު ސްކޫލުތަކުގެ މާހައުލަށް ވެސް ބަދަލުތަކެއް އަންނަން ފެށި ކަމަށެވެ. އެގޮތުން ދަރިވަރުންގެ އަހުލާގު އެއް ދުވަހުން އަނެއް ދުވަހަށް ދަށަށް ގޮސް ކަންބޮޑުވާ ދަރަޖައަކަށް ވެއްޓުނު ކަމަށް އޭނާ ބުންޏެވެ. އެކަމުގެ ޒިންމާ މައިންބަފައިންނާއި ތައުލީމީ ނިޒާމް ނަގަން ޖެހޭ ކަމަށް އޭނާ ދެކެ އެވެ.
އާ މަންހަޖަށް ކިޔަވައިދޭން ފެށިކަމަށް ވިއަސް ކުދިންގެ ކިބައިގައި ހުންނަން ޖެހޭ ރަނގަޅު ސިފަތައް އަށަގަންނުވަން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވެ އެވެ. ތަޖުރިބާކާރު ޓީޗަރަކު މިސާލެއްގެ ގޮތުން ބުނީ ނަމާދުގައި ކިޔާ އެއްޗެހި އެނގޭތޯ ބަލާ ކަމަށާއި އެކަމަކު ދަރިވަރުން ބަރާބަރަށް ނަމާދުކުރަން ގިނަ ސްކޫލުތަކުން ބާރުނާޅާ ކަމަށެވެ. އެގޮތުން ބައެއް ފަހަރު، އިތުރު ހަރަކާތް ނަމާދު ގަޑީގައި ވެސް ކުރިއަށް ގެންދާ ކަމަށް އޭނާ ބުންޏެވެ.
"ސްކޫލު ނިޒާމު އޮތީ ޕްރިންސިޕަލުންނާއި ޓީޗަރުންގެ އަތުން ފުރޮޅާލާފައި. ކުދިން ކުރާ ކުށްތަކަށް އެ ކުދިން ޒިންމާ ނުކުރެވެންޏާ، ޒންމާވާކަށް ނޭނގޭނެ. ހައްގުގެ ވާހަކަ ދައްކަންޏާ ހައްގާ އެކީގައި ޒިންމާތަކެއް ވެސް އަންނަކަން ކިޔައިދޭން އެބަ ޖެހޭ،" ދަރިވަރުންގެ އަހުލާގާ މެދު ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަމުން ޓީޗަރަކު ބުންޏެވެ.
އޭނާ ބުނީ ތައުލީމީ ނިޒާމަކީ ދަރިވަރުން ދިރިއުޅެން ތައްޔާރުކުރާ ބަޔަކަށް ހަދަން ޖެހޭ ކަމަށެވެ. އެއީ ހަމައެކަނި ފޮތުން ކިޔަވައިދޭ އެއްޗެއްގެ ބަދަލުގައި ރިވެތި އަހުލާގު ވެސް ހިމަނައި، ކުދިންނަށް ދަސްކޮށްދޭން ޖެހޭ ކަމަށް ބުންޏެވެ.
ބައެއް ޓީޗަރުން ދެކޭ ގޮތުގައި ބެލެނިވެރިންނާއި ސްކޫލުން އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ޒިންމާތައް އެޅުވުމުގެ ބަދަލުގައި، މައްސަލަ ދިމާވާ ސަބަބު ދެނެގަނެ ހައްލަކަށް އެކުގައި ނުކުންނަން ޖެހެ އެވެ.
"ތައުލީމީ ނިޒާމު މި އޮތީ [އަހުލާގީ މައްސަލަތައް ހައްލުކުރުމުގައި] ބޮއްސުންލާފައި. ޓީޗަރުން ހައްގު ބަސް ބުނަން އެބަ ޖެހޭ،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި ޓީޗަރަކު ބުންޏެވެ.
"ދަރިވަރުންގެ އަހުލާގު މިހެން އޮންނަ ނަމަ ޖީލެއް ހަލާކުވެގެން ދާނީ. ގައުމީ ލެވެލްގައި އެބަ ޖެހޭ އެ ވާހަކަ ދައްކަން."
ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި އިސް މީހަކު ބުނީ ދަރިވަރުންގެ އަހުލާގު ރަނގަޅުކޮށް އެކަންކަން ބެލެހެއްޓޭނެ އުސޫލުތަކެއް މިނިސްޓްރީން ކަނޑައަޅާފައި ހުންނަ ކަމަށެވެ. އެ އުސޫލުތައް ރަނގަޅަށް ތަންފީޒުވާ ނަމަ، މިހާރު މި ދިމާވާ މައްސަލަތައް ހައްލުވާނެ ކަމަށް އޭނާ ބުންޏެވެ.
ދަރިވަރުންގެ އަހުލާގު ރަނގަޅުކޮށް ނުބައި އާދަތަކުން ދުރުކުރުމަށް މިނިސްޓްރީން ވަނީ މިދިޔަ އަހަރު އުސޫލެއް ހަދައިފަ އެވެ. އެ އުސޫލުގައި ޕްރިންސިޕަލުންނާއި ޓީޗަރުންނަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި، ދަރިވަރުންގެ ކިބައިން ފެންނަ ނޭދެވޭ އަމަލުތަކަށް އަވަހަށް ފިޔަވަޅު އެޅުން ހިމެނެ އެވެ. އަދި މައްސަލަތައް ބޮޑުވުމުގެ ކުރިން ބެލެނިވެރިޔާ ބައިވެރިކޮށްގެން މަޝްވަރާކުރުން ވެސް ހިމެނެ އެވެ.
އެ އުސޫލުގައި ވާ ގޮތުން ދަރިވަރުންނަށް އިސްލާހީ ފިޔަވަޅު އަޅާއިރު، އެކަމެއް ހިނގި ގޮތް ސާފުކޮށް މައުލޫމާތު އެއްކުރަން ޖެހެ އެވެ. އެކަމަކު ދަރިވަރުގެ ކިޔެވުން ގެއްލޭނެ ފަދަ ފިޔަވަޅެއް ނޭޅޭނެ އެވެ. މިސާލަކަށް ސަސްޕެންޑްކުރުން ނުވަތަ ފިލާވަޅު ގެއްލޭ ގޮތަށް ކްލާހުން ބޭރަށްލުން ފަދަ ކަމެއް ނުކުރެވެ އެވެ.
ބައެއް ސްކޫލުތަކުގައި މަސައްކަތް ކޮށްފައިވާ ސައިކޮލޮޖިސްޓެއް ކަމަށްވާ ފާތިމަތު ސައުދާ ވިދާޅުވި ގޮތުގައި ގޯސް ކަމެއް ކުރާ ނަމަ އެ ދަރިވަރަކަށް އެއީ ގޯސް ކަމެއްކަން އަވަހަށް ބުނެދޭން ޖެހެ އެވެ. އެކަމަކު ރަނގަޅާއި ނުބައި ކިޔައިދޭނެ މީހެއް ނެތް ނަމަ ކަންތައްތައް އިތުރަށް ގޯސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދާ ދެކެވަޑައިގަންނަވާ ގޮތުގައި އަހުލާގީ ގޮތުން ދަށް ދަރިވަރުން މިހާރު ފެންނަނީ ޖިނާއީ މައްސަލަތަކަށް އަރައިގަންނާތީ އެވެ. އެހެންކަމުން ތަރުބިއްޔަތަކީ އެެންމެ މުހިންމު ބައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ އެއްޗަކީ ވެސް ތަރުބިއްޔަތު. ތަރުބިއްޔަތުގެ ބައި ރަނގަޅުކުރަން ޖެހޭ. ރަނގަޅާއި ނުބައި ގޮތަކީ ކޮބައިކަން ކިޔައިދޭން ޖެހޭ. ވަރަށް ކަންބޮޑުވާ ދަރަޖައެއްގައި އެ ހާލަތު މިއޮތީ،" މަސްޓާސް އިން އެފްލައިޑް ސައިކޮލޮޖީ (ކްލިނިކަލް އެންޑް ކައުންސެލިން) ހަދާފައިވާ ސައުދާ ވިދާޅުވި އެވެ.
ދަރިވަރުންގެ އަހުލާގު ގޯސް ނަމަ ހަރުކަށި އަދަބުދިނުން ރަނގަޅު ނޫން ކަމަށް އޭނާ ވެސް އެއްބަސްވެވަޑައިގަނެ އެވެ. ސަބަބަކީ ނަފްސާނީ ގޮތުން އެކަން ރަނގަޅުނުވުމެވެ. ތަޅާ އަނިޔާކޮށްގެން ކަންކަން ހައްލެއް ނުވާނެ ކަމަށާއި އެކަމަކު އެޅޭނެ ފިޔަވަޅުތައް ހުރި ކަމަށް ވިދާޅުވި އެވެ.
ހަމަލާތަކުން ސްކޫލު މާހައުލަށް ނުރައްކަލެއްނެތް: ޕޮލިސް
ސްކޫލްތަކުގައި ބުލީ ކޮށްގެން މި އަހަރު 26 މައްސަލަ!
ދިރާސީ ކަލަންޑަރާ ހިލާފަށް ކިޔަވައިދިނުން މަނާ!
ދިރާސީ އަހަރާ އެކު ގައުމިއްޔަތު މާއްދާ ކިޔަވައިދޭނެ
4 އަހަރުގެ ޑިގްރީއެއް ނެތް ނަމަ ޓީޗަރަކަށް ނުވެވޭނެ
ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ދޭން ހޮޓްލައިނެއް
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
މޮޅު ދަރިވަރަކަށް ވާން އުގެއިލް ދޭ ފަސް ޓިޕްސް
ބައެއް ރަށްރަށުގެ ކުދިންނަށް އަދި ފޮތްތައް ނުލިބޭ!
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ