Roadha Mihaaru
ރެއާލްގެ ކުޅުންތެރިން ނުނެގުމުން ފާޑު ކިޔާނެ: ޒަވީ

ރެއާލްގެ ކުޅުންތެރިން ގައުމީ ޓީމަށް ނުނެގުމުން ފާޑުކިޔާނެކަން ގަބޫލުކުރަން ޖެހޭ: ޒަވީ

08 ޖުލައި 2021

ބާސެލޯނާ (ޖުލައި 8)- ސްޕެއިންގެ ގައުމީ ޓީމަށް، ރެއާލް މެޑްރިޑުގެ ކުޅުންތެރިން ނުނެގުމުން ފާޑު ކިޔުން ކުރިމަތިވާނެކަން ގަބޫލު ކުރަން ޖެހޭ ކަމަށް ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބާސެލޯނާ (ޖުލައި 8)- ސްޕެއިންގެ ގައުމީ ޓީމަށް، ރެއާލް މެޑްރިޑުގެ ކުޅުންތެރިން ނުނެގުމުން ފާޑު ކިޔުން ކުރިމަތިވާނެކަން ގަބޫލު ކުރަން ޖެހޭ ކަމަށް ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޔޫރޯގެ ސެމީ ފައިނަލަށް ދަތުރުކުރި ސްޕެއިންގެ ޓީމަށް ރެއާލް މެޑްރިޑުގެ އެއްވެސް ކުޅުންތެރިޔަކު މިފަހަރު ނުނަގަ އެވެ. މިއީ ސްޕެއިންގެ ގައުމީ ޓީމުގެ ތާރީހުގައި އެ ގައުމުގެ އެންމެ ބޮޑު ކްލަބުގެ ކުޅުންތެރިޔަކު ނެތި ގައުމީ ޓީމު އެކުލަވާލި ފުރަތަމަ ފަހަރެވެ.

ސްޕެއިންގެ ގައުމީ ޓީމާ އެކު، ވޯލްޑް ކަޕާއި ޔޫރޯގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދި، ޒަވީ ބުނީ ސްޕެއިންގެ ފުޓްބޯޅައިގެ ތެރޭގައި ބޮޑެތި ފާޑު ކިޔުންތަކެއް އޮންނަ ކަމަށާއި ގައުމީ ޓީމަށް ވެސް އެ ފާޑު ކިޔުން ކުރިމަތިވާ ކަމަށެވެ.

"ސްޕެއިންގެ ގައުުމީ ޓީމާ މީޑީއާއާ އޮންނަ ގުޅުން ކުޑަވާނެ. އެހެންވީމަ ވަރަށް ބޮޑަށް ފާޑު ކިޔުން އޮންނާނެ. އެ ފާޑު ކިޔުންތަކުގެ ތެރެއިން ކާމިޔާބު ހޯދުން އޮންނަނީ އުނދަގޫ ކަމަކަށްވެފައި. ނަމަވެސް އަހަރެމެން ކާމިޔާބު ހޯދިން،" ސްޕެއިންގެ ޓީވީ ޗެނަލް މޫވިސްޓާގެ ޕްރޮގްރާމެއްގައި ޒަވީ ބުންޏެވެ.

"އަދި ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުުންތެރިޔަކު ގައުމީ ޓީމަށް ނުނެގުމަކީ ފާޑު ކިޔުން އިތުރަށް ބޮޑު ވާނެ ކަމެއް. އެ ފާޑު ކިޔުން ޖެހޭނެ ބަލައިގަންނަން."

ބާސެލޯނާގައި ޒަވީ އަށް ވެސް އިރުޝާދު ދިން އެ ޓީމުގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ އެކުލަވާލި ޓީމުން ރެއާލްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ފުރުސަތު ދޭނެ ކަމަށް ކުރިން ބެލެވުނެވެ. ނަމަވެސް ރާމޯސް އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުމުން ކުރިން ރެއާލް އަށް ވެސް ކުޅުނު އެންރިކޭ ނިންމީ ރާމޯސް ވެސް ގައުމީ ޓީމަށް ނުނެގުމަށެވެ.

ޒަވީ އަކީ މިހާރު ގަތަރުގެ އަލް ސައާދު ގެ ކޯޗެވެ. ބާސާ އަށް ކޯޗު ކޮށްދިނުމަކީ އޭނާގެ ހުވަފެނެކެވެ. ބާސާގެ މިހާރުގެ ކޯޗު ރޮނަލްޑް ކޫމަންގެ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވުމުން އެ ޓީމުން ކޯޗު ކަމަށް ޒަވީ ގެންނާނެ ކަމަށް ބެލެވެ އެވެ. ބާސާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ޓެހީރޯ ޖެނުއަރީ 2020 ގައި ކޯޗު ކަމުން ވަކި ކުރުމަށް ފަހު، އެ ކްލަބުން ވަނީ ޒަވީ އަށް މަގާމު ހުށަހަޅައިފަ އެވެ. ނަމަވެސް އޭރު އޭނާ ވަނީ އެ ހުށަހެޅުން ގަބޫލު ނުކޮށްފަ އެވެ.