Roadha Mihaaru
15 އަހަރުގެ ޔަމާލްއާ މެސީއާ ޒަވީ އަޅާކިޔައިފި

ބާސާއިން ރޭ ކުޅެން ނެރުނު 15 އަހަރުގެ ކުޅުންތެރިޔާއާ މެސީއާ ޒަވީ އަޅާކިޔައިފި

30 އެޕްރީލް 2023

ބާސެލޯނާ (އޭޕްރީލް 30) - ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އާ ދެކޮޅަށް ކުޅެ 4-0 އިން މޮޅުވި މެޗުގެ ފަހު ވަގުތު ކުޅެން އެރި އުމުރުން 15 އަހަރުގެ ފޯވާޑް ލަމީން ޔަމާލް އާއި ލިއޮނެލް މެސީއާ، ކޯޗު ޒަވީ ހެނާންޑޭޒް އަޅާކިޔައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާސެލޯނާ (އޭޕްރީލް 30) - ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އާ ދެކޮޅަށް ކުޅެ 4-0 އިން މޮޅުވި މެޗުގެ ފަހު ވަގުތު ކުޅެން އެރި އުމުރުން 15 އަހަރުގެ ފޯވާޑް ލަމީން ޔަމާލް އާއި ލިއޮނެލް މެސީއާ، ކޯޗު ޒަވީ ހެނާންޑޭޒް އަޅާކިޔައިފި އެވެ.

އުމުރުން 15 އަހަރާއި ނުވަ މަހާއި 16 ދުވަހުގައި ކުޅެން އަރައި ޔަމާލް ވެފައި ވަނީ ލަ ލީގާ ގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން ލަ ލީގާ ގައި ކުޅުނު އެންމެ ދޮށީ ކުޅުންތެރިޔާ ވެސް ވަނީ ރޭގެ މެޗުގައި ކުޅެފަ އެވެ. ރެއާލް ބެޓިސްގެ ކެޕްޓަން ޖޯގުއެއިންގެ އުމުރަކީ 41 އަހަރާއި ނުވަ މަހާއި އަށް ދުވަހެވެ.

ބާސެލޯނާ އިން ހާމަ ކުރާ ގޮތުގައި ޔަމާލް އަކީ އެ ކްލަބުގެ ދެވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އެޓީމަށް ކުޅުނު އެންމެ ޒުވާން ކުލުންތެރިއަކީ 1902 ވަނަ އަހަރު އުމުރުން 13 އަހަރާއި 11 މަހާއި ހަ ދުވަހުގައި ކުޅުނު އަލްބާޓް އަލްމަސްކޭ އެވެ.

ސްޕެއިން އަށް އުފަން ޔަމާލް ކުޅެން އަރައިފައި ވަނީ މެޗުގެ 83 ވަނަ މިނިޓުގައި، 18 އަހަރުގެ ގަވީގެ ބަދަލުގަ އެވެ. ކުޅެން އަރައި ތިން މިނިޓު ތެރޭ އޭނާ ވަނީ އިދިކޮޅު ގޯލްކީޕަރަށް ނުރައްކާ ހަމަލާއެއް ވެސް ފޮނުވާލައިފަ އެވެ. އަދި އުސްމާން ޑެމްބެލޭ އަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ވެސް އޭނާ ތަނަވަސް ކޮށްދިނެވެ.

"އޭނާގެ ހުނަރަށް ބަލާއިރު [ލިއޮނެލް] މެސީ އާއި އަންސޫ [ފާޓީ] އާ އެއްގޮތްކަމެއް ހުރޭ. އޭނާއަށް 15 އަހަރު ހެނެއް ހިޔެއް ނުވޭ. އުމުރަށް ވުރެ މާ މެޗުއާ. އޭނާއަކީ ހާއްސަ ކުޅުންތެރިއެއް. އޭނާ، އޭނާގެ އަމިއްލަ ނަފްސަށް އިތުބާރު ކުރޭ. އެއީ މުހިއްމު ކުޅުންތެރިއަކަށް ވާނެ. ޓްރޭނިންތަކުން އެކަން ފެންނާނެ،" ޒަވީ ބުންޏެވެ.

"އަހަރެން ބުނިން އޭނާ ކައިރީގައި ކަންތައް ކުރަން މަސައްކަތް ކުރަން. އެންމެ 15 އަހަރުގައި އޭނާއަކީ ހުނަރުވެރި ހާއްސަ ކުޅުންތެރިއެއް. އޭނާގެ ފެންވަރު ދައްކާލައިފި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި. އޭނާއަކީ ޖެހިލުން ކުޑަ ކުޅުންތެރިއެއް. އޭނާއަށް ގޯލު ޖެހޭނެ، އެސިސްޓް ކުރެވޭނެ."

މެޗަށް ފަހު ބާސެލޯނާއަށް ކުޅޭ ބްރެޒިލްގެ ވިންގާ ރަފީނިއާ ވެސް ވަނީ ޔަމާލް އާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާބުނީ އުމުރުން 15 އަހަރުގައި އޭނާ ކުޅުނީ ގޭދޮށު ޓީމަކަށް ކަމަށާއި، ޔަމާލް ކުޅެން އެރި ވަގުތަކީ ހާއްސަ ވަގުތެއް ކަމަށެވެ. އަދި އޭނާ އަކީ ޓީމަށް މުހިއްމު ކުޅުންތެރިއަކަށް ވާނެ ކަމަށް ވެސް ރަފީނިއާ ބުންޏެވެ.

ބެޓިސް އާ ދެކޮޅަށް ރޭގެ މެޗުގައި ބާސެލޯނާއަށް ލަނޑުތައް ޖަހައިދިނީ ޑިފެންޑަރު އަންޑްރެއަސް ކްރިސްޓެންސެން އާއި ރޮބާޓް ލެވަންޑޯސްކީ އަދި ރަފީނިއާ އެވެ. ހަތަރުވަނަ ގޯލަކީ ބެޓިސްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ ވަނީ ލީގުގެ އެއްވަނައިގައި ދަމަހައްޓަމުން އަންނަ 11 ޕޮއިންޓްގެ ލީޑު ދަމަހައްޓައިފަ އެވެ. އެޓީމު އެއްވަނައިގައި އޮތީ 32 މެޗުން 79 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތީ 32 މެޗުން 68 ޕޮއިންތް ހޯދާފައިވާ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑެވެ. ލީގުގައި ދެ ޓީމަށް ވެސް ބާކީ ހަ މެޗު ކުޅެން އެބަ އޮތެވެ.

ބެންޒެމާ ރޭގެ މެޗުގައި ރެއާލަށް ގޯލު ޖަހައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ބެންޒެމާ ރޭގެ މެޗުގައި ރެއާލަށް ގޯލު ޖަހައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ރެއާލް މެޑްރިޑް ވަނީ ރޭ އަމިއްލަ ދަނޑުގައި 4-2 އިން އަލްމެއިރާ ބަލިކޮށްފަ އެވެ. ފުރަތަމަ ހާފުގައި ކަރީމް ބެންޒެމާ ތިން ގޯލު ޖަހައި ހެޓްރިކެއް ހެދި އިރު ދެވަނަ ހާފުގައި ރެއާލްގެ ހަތަރުވަނަ ގޯލު ޖަހައިދިނީ ރޮޑްރިގޯ އެވެ.

މިއީ ބެންޒެމާ މި އޭޕްރީލް މަހު ރެއާލަށް ކާމިޔާބު ކޮށްދިން ތިންވަނަ ހެޓްރިކެވެ. ފުރަތަމަ ހެޓްރިކަކީ ލީގުގައި ވަލަޑޮލިޑާ ދެކޮޅަށް ހެދި ހެޓްރިކެވެ. ދެވަނަ ހެޓްރިކް ހެދީ ކޮޕަ ޑެލް ރޭ ގައި ބާސެލޯނާއާ ދެކޮޅަށެވެ.

މިއާ އެކު ބެންޒެމާ ވަނީ ރެއާލް މެޑްރިޑަށް 352 ގޯލު ހަމަކޮށްފަ އެވެ. ރެއާލަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްވަރު ކުރަން ބެންޒެމާ އަށް ބޭނުން ވަނީ 98 ގޯލެވެ.

މި ހެޓްރިކާ އެކު ބެންޒެމާ ވަނީ ލަ ލީގާގެ ތާރީހުގައި ވެސް ހަތަރުވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމަށް ޖެހިލައިފަ އެވެ. ލަ ލީގާގައި އޭނާ ވަނީ 236 ގޯލު ހަމަކޮށްފަ އެވެ. ލިސްޓުގެ ތިންވަނައިގައި އޮތީ 251 ގޯލު ޖަހައިފައިވާ ޓެލްމޯ ޒައްރާ އެވެ. ދެވަނައިގައި އޮތް ރޮނާލްޑޯ 311 ގޯލު ޖަހައިފައި ވާއިރު އެއްވަނައިގައި އޮތީ 474 ގޯލު ޖަހައިފައިވާ ލިއޮނެލް މެސީ އެވެ.