Roadha Mihaaru
ބާސާއާ ދެން ހަވާލުވާ ކޯޗަކަށް އުނދަގޫ ވާނެ: ޒަވީ

ޒަވީގެ އިންޒާރު؛ ބާސާއާ ދެން ހަވާލުވާ ކޯޗަކަށް ވަރަށް އުނދަގޫ ވާނެ

27 މެއި 2024

ސެވީލް (މެއި 27) - އެފްސީ ބާސެލޯނާއާ ދެން ހަވާލުވާ ކޯޗަކަށް ވަރަށް އުނދަގޫ ވާނެ ކަމަށް ރޭ އެ ޓީމުން ވަކިވި ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސެވީލް (މެއި 27) - އެފްސީ ބާސެލޯނާއާ ދެން ހަވާލުވާ ކޯޗަކަށް ވަރަށް އުނދަގޫ ވާނެ ކަމަށް ރޭ އެ ޓީމުން ވަކިވި ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ލަލީގާގެ ފަހު މެޗުގައި ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޒަވީ ބުނީ، އޭނާ އާއި އޭނާގެ ޓީމުން ކުރި މަސައްކަތް ރަނގަޅަށް ވެލިއުކޮށްފައި ނެތް ކަމަށެވެ. ބާސާގެ ކޯޗުކަން ދޫކޮށްލަން ޒަވީ އަމިއްލަ އަށް ޖެނުއަރީ މަހު ނިންމި އެވެ. އޭރު ވެސް އޭނާ ނިންމީ ސީޒަންގެ ފަހު މެޗަށް ފަހު ކްލަބް ދޫކޮށްލުމަށެވެ. އެކަމަކު މިދިޔަ މަހު ކްލަބްގެ މެނޭޖްމެންޓާ ވާހަކަ ދެއްކުމަށް ފަހު އޭނާގެ ވިސްނުން ބަދަލުކޮށް ބާސާގައި މަޑު ކުރަން ޒަވީ ނިންމި އެވެ.

މިދިޔަ ހަފުތާގައި އަނެއްކާ ވެސް ބާސާގެ އެތެރޭގައި ކަންކަން ބަދަލުވި އެވެ. މިފަހަރު ޒަވީ ގޮވައިގެން ކުރިއަށް ނުދާން ނިންމީ ބާސާގެ މެނޭޖްމެންޓެވެ. އެ ކްލަބްގެ ބޯޑުން ނިންމީ މި ސީޒަނަށް ފަހު އެހެން ކޯޗަކާ ޓީމު ހަވާލު ކުރުމަށެވެ.

ބެޔާން މިޔުނިކާއި ޖަރުމަނުގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ހެންސީ ފްލިކާ ބާސާގެ ކޯޗުކަން ހަވާލު ކުރަން އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަ ވެފަ އެވެ. އަލުން އަންނަ ކޯޗަށް ދޭން އޮތް މެސަޖަކީ ކޮބައިތޯ ސުވާލު ކުރުމުން ޒަވީ ބުނީ ބާސާ އަކީ މަސައްކަތް ކުރަން އުނދަގޫ ކްލަބެއް ކަމަށެވެ.

"އެ މީހުން [ބާސާއާ ދެން ހަވާލުވާ ކޯޗުން ޓީމު] ދަންނަން ޖެހޭނެ، އޮތީ އުނދަގޫ ހާލަތެއްކަން. ސަބަބަކީ ބާސެލޯނާ އަކީ އުނދަގޫ ކްލަބަކަށް ވުން. އަދި ހަމައެޔާ އެކޫ މާލީ ގޮތުން އޮތް ހާލަތު. އެ ހުރިހާ ކަމަކަށް ވުރެ ލަލީގާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ތެރޭގައި އެއީ ވަރަށް އުނދަގޫ ކަމެއް،" ޒަވީ ބުންޏެވެ.

"އެއްގޮތަކަށް ވެސް ބާސާ ފަސޭހައެއް ނުވްނާނެ. އެ އަންނަ ކޯޗަކަށް ވެސް ދަތި އުނދަގޫތައް ހުންނާނެ. އަދި ކެތްތެރިކަން ބޭނުން ވާނެ. މި ވަޒީފާ އަކީ އުނދަގޫ ވަޒީފާއެއް. މ ިހުރިހާ ކަމެއް ރައްކާތެރިކުރެވޭނީ މޮޅުވެގެން." ރޭ ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބު ކުރީ 2-1 ންނެވެ. ބާސާގެ ރޮބަޓް ލެވާންޑޯސްކީ އެ ޓީމަށް ލީޑް ނަގައި ދީފައިވަނިކޮށް ސެވިއްޔާގެ ޔޫސުފް އައް ނަސީރީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށް ދިނެވެ. އަލުން ބާސާ އަށް ލީޑް ނަގައި ދިނީ ފާމިން ލޯޕޭޒެވެ.

ބާސާއިން ސީޒަން ނިންމާލީ، ލީގުގެ ޗެމްޕިއަންކަން ހޯދި ވާދަވެރި ރެއާލް މެޑްރިޑަށް ވުރެ 10 ޕޮއިންޓް ފަހަތުން ތާވަލުގެ ދެވަނައިގަ އެވެ.