Roadha Mihaaru
އެލް ކްލެސިކޯ: ބާސާ ކުޅޭ ސްޓައިލް ވަރަށް ސާފު

ބާސާގެ ސްޓައިލް ސާފް، އެކަމަކު ވަކި ސްޓައިލެއް ކަނޑައަޅާކަށް ނުޖެހޭ

20 މާޗް 2022

މެޑްރިޑް (މާޗް 20) - ބާސެލޯނާ ކުޅޭ ގޭމް ސްޓައިލް ސާފުކޮށް އެނގޭ ކަމަށާއި އެކަމަކު ފުޓްބޯޅަ އަކީ ވަކި ސްޓައިލެއް ކަނޑައަޅައިފައި އޮންނަން ޖެހޭ ކަމެއް ނޫން ކަމަށް މިރޭ ކުޅޭ އެލް ކްލެސިކޯ މެޗުގެ ކުރިން ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

މެޑްރިޑް (މާޗް 20) - ބާސެލޯނާ ކުޅޭ ގޭމް ސްޓައިލް ސާފުކޮށް އެނގޭ ކަމަށާއި އެކަމަކު ފުޓްބޯޅަ އަކީ ވަކި ސްޓައިލެއް ކަނޑައަޅައިފައި އޮންނަން ޖެހޭ ކަމެއް ނޫން ކަމަށް މިރޭ ކުޅޭ އެލް ކްލެސިކޯ މެޗުގެ ކުރިން ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

"އެލް ކްލެސިކޯ" ގެ ނަމުގައި މަޝްހޫރުވެފައިވާ ރެއާލް އާއި ބާސާ މިރޭ، މެޑްރިޑްގެ ސެންޓިއާގޯ ބެރްނެބެއުގައި ގުޅޭ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސްގައި އަންޗެލޮޓީ ބުނީ ކޯޗު ޒަވީ ހެނާންޑޭޒްއާ އެކު ބާސާ ވަންތަކަށް އެޓީމަށް އައިސްފައިވާ ކަމަށެވެ.

"ބާސެލޯނާގެ އައިޑެންޓިޓީ ބަދަލެއް ނުވޭ. އެ ކްލަބްގައި އެބައޮތް ސާފްކޮށް އޮތް ސްޓައިލެއް. އެ ސްޓައިލަށް ޒަވީ ވަރަށް ބޮޑަށް ފެތޭ. އޭނާގެ ކޯޗުކަމުގެ ދަށުން އެ ޓީމަށް ބޮޑެތި ކުރިއެރުންތަކެއް އަތުވެއްޖެ،" ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން އަންޗެލޮޓީ ބުންޏެވެ.

"އެ ޓީމަކީ ވަރަށް ފުރިހަމަ ޓީމެއް. އަހަރެން ދެކޭގޮތުގައި ޒަވީ ދަނީ އެ ޓީމުގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުން." ބާސާ އިން ޓީމުގެ ސްޓައިލް ދަމަހައްޓަން މަސައްކަތް ކުރާއިރު ރެއާލްގައި ވަކި ހާއްސަ ސްޓައިލެއް ނެތެވެ. އަންޗެލޮޓީ ބުނީ ކޮންމެހެން ވަކި ސްޓައިލެއް ކަނޑައަޅައިފައި އޮންނަން ޖެހޭކަމަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.

"އަހަރެން ދެކޭގޮތުގައި ފުޓްބޯޅައަކީ އަބަދު އެއް ސްޓައިލަކަށް ކުޅެން ޖެހޭ އެއްޗެއް ނޫން،" އަންޗެލޯޓީ ބުންޏެވެ. "އަހަރެން ބޭނުން އަހަރެން މަސައްކަތް ކުރާ ޓީމުތަކުގައި ތަފާތު އައިޑެންޓިޓީތައް އޮންނަން. އަހަރެން އަބަދުވެސް ބޭނުންކުރަނީ އެ ވަގުތަކަށް އަހަރެންގެ ކުޅުންތެރިންނަށް އެންމެ ކުޅެން ފަސޭހަ ވާނެ ސްޓައިލެއް."

މިރޭގެ މެޗުން ރެއާލްގެ ވައިސް ކެޕްޓަން ކަރީމް ބެންޒެމާ ނުފެންނާނެކަން ވަނީ ޔަގީންވެފަ އެވެ. ބެންޒެމާ އަށް ވަނީ އަނިޔާވެފަ އެވެ. އެންމެ ފަހުން ރެއާލް މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އަނިޔާގެ ސަބަބުން އޭނާ ކުޅެފައެއް ނުވެ އެވެ. އަންޗެލޮޓީ ބުނީ ބެންޒެމާ އަށް ނުކުޅެވޭތީ އެ މަގާމު ފޫބައްދާނެ ކުޅުންތެރިޔަކާ މެދު މިހާރު އޭނާ ވިސްނާފައިވާ ކަމަށެވެ.

"އަހަރެން ނިންމައިފިން އޭނާ ކުޅޭ މަގާމަށް ކުޅޭނީ ކޮން ކުޅުންތެރިއެއްކަން. އެކަމަކު މިތާންގައި އެ ނަން ހާމަކުރާކަށް އަހަރެން ނެތިން،" އަންޗެލޮޓީ ބުންޏެވެ.

"ގިނަ ގޮތްތަކެއް އަހަރެމެން އަތުގައި އެބަހުރި. ގެރެތު ބޭލް. މަރިއާނޯ ޑިއާޒް. ލުކާ ޔޯވިޗް. މިހުރީ ހައްތާވެސް ބޭނުން ކުރެވެން ހުރި ކުޅުންތެރިން. އިސްކޯ އާއި ރޮޑްރިގޯ ވެސް ބައެއް ފަހަރު ވަނީ އެ މަގާމަށް ކުޅެފައި. މިއީ ބޭނުން ކުރެވެން ހުރި ކުޅުންތެރިން. އޭގެ ތެރެއިން ކުޅުންތެރިއެއް އަހަރެން އިހްތިޔާރުކޮށްފިން. އަހަންނަށް ހީވަނީ މި މެޗަށް އެންމެ ރަނގަޅަށް ބޭނުން ކުރެވޭނެ ކުޅުންތެރިޔަކަށް އެ ކުޅުންތެރިޔަކު ވާނެހެން."

އެލް ކްލެސިކޯ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 1 ޖަހާއިރު އެވެ.