Roadha Mihaaru
ޒަވީގެ ފުރަތަމަ ތަށި ހޯދަން ބާސެލޯނާ ނުކުންނަނީ

ޒަވީގެ ފުރަތަމަ ތަށި ހޯދަން ބާސެލޯނާ ނުކުންނަނީ

15 ޖެނުއަރީ 2023

ރިޔާދު (ޖެނުއަރީ 15) - ސައުދީ އަރަބިއްޔާ ގައި މިހާރު ކުރިއަށްދާ ސްޕެނިޝް ސުޕަ ކަޕް ފައިނަލް ގައި ރެއާލް މެޑްރިޑާއި ބާސެލޯނާ މިރޭ ބައްދަލު ކުރާނެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރިޔާދު (ޖެނުއަރީ 15) - ސައުދީ އަރަބިއްޔާ ގައި މިހާރު ކުރިއަށްދާ ސްޕެނިޝް ސުޕަ ކަޕް ފައިނަލް ގައި ރެއާލް މެޑްރިޑާއި ބާސެލޯނާ މިރޭ ބައްދަލު ކުރާނެ އެވެ.

ދެ ޓީމު ވެސް ފައިނަލުން ޖާގަ ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. ރެއާލް މެޑްރިޑުން ސެމީ ފައިނަލް ގައި 1-1 އިން ވެލެންސިއާ އާ ވާދަކޮށް އެއްވަރު ވުމުން ޕެނަލްޓީ ޝޫޓައުޓް ކާމިޔާބު ކުރީ 4-3 އިންނެވެ. ބާސެލޯނާ އާއި ރެއާލް ބެޓިސް ބައްދަލު ކުރި ސެމީ ފައިނަލް މެޗު 2-2 އިން އެއްވަރު ވުމުން ޕެނަލްޓީ ގައި ކުރި ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ.

މިއީ އާ ފޯމެޓުގައި ސުޕަ ކަޕް ކުޅޭ ހަތަރު ވަނަ ފަހަރެވެ. މި ފޯމެޓް ގައި ރެއާލުން ދެ ފަހަރު މުބާރާތް ކާމިޔާބު ކުރި އެވެ. ބާސެލޯނާ އެއް ފަހަރު ފައިނަލް ގައި ކުޅުނު ނަމަވެސް އެތުލެޓިކް ބިލްބާއޯ އަތުން ވަނީ ބަލިވެފަ އެވެ.

މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ކުޅޭ ފައިނަލް ބާސެލޯނާ އަށް ކާމިޔާބު ކުރެވިއްޖެ ނަމަ ވެގެންދާނި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޒަވީ ޓީމާ ހަވާލު ވުމަށް ފަހު އެޓީމު ހޯދާ ފުރަތަމަ ކާމިޔާބީ އަށެވެ.

"މި ތަށްޓަކީ އަހަރެމެންނަށް ވަރަށް މުހިއްމު އެއްޗެއް. ކާމިޔާބު ކުރެވިއްޖެ ނަމަ އަހަރެމެންނަށް ވަރަށް ބޮޑު އިތުބާރެއް ލިބިގެން ދާނެ،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒަވީ ބުންޏެވެ.

"މެޗުގައި ކޮންމެ ގޮތެއް ވިއަސް އަހަރެމެން ކުރިއަށް ދާން ޖެހޭ، އެކަމަކު ޗެމްޕިއަންކަން ހޯދުމަކީ އަހަރެމެންނަށް ވަރަށް ގިނަ ގޮތްގޮތުން ފައިދާ ކުރާނެ ކަމެއް."

މީގެ އިތުރުން ފައިނަލް ކާމިޔާބު ވެއްޖެ ނަމަ ވެގެންދާނި ބާސެލޯނާގެ ކެޕްޓަންކަމުގެ ޒިންމާ މިހާރު އަދާކުރަމުންދާ ސާޖިއޯ ބުސްކެޓްސްގެ ލީޑާޝިޕުގައި ވެސް ޓީމު ހޯދާ ފުރަތަމަ ކާމިޔާބީއަށެވެ.

ޒަވީގެ ކޯޗުކަމުގައި ބާސެލޯނާ ނުކުތް ފުރަތަމަ އެލް ކްލެސިކޯ އަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ސުޕަ ކަޕް ސެމީ ފައިނަލެވެ. އެ ފަހަރު އިތުރު ވަގުތު ކުޅެގެން ބާސެލޯނާ ބަލިވީ 3-2 އިންނެވެ. ނަމަވެސް އޭގެ ފަހުން ލީގުގައި ރެއާލްގެ ދަނޑުގައި އެ ޓީމުން ވަނީ 4-0 އިން މޮޅުވެފަ އެވެ.

މި ސީޒަން ގައި ބާސެލޯނާ ވަނީ ލީގުގައި ރެއާލާ ދެކޮޅަށް އެއް ފަހަރު ކުޅެފަ އެވެ. ރެއާލްގެ ދަނޑުގައި ކުޅުނު އެ މެޗުން ބާސެލޯނާ ބަލިވީ 3-1 އިންނެވެ. އެއީ ބާސެލޯނާ ލީގުގައި މި ސީޒަން ގައި މިހާތަނަށް ބަލިވި ހަމައެކަނި މެޗެވެ.

ބާސެލޯނާ އެންމެ ފަހުން ތަށްޓެއް ނެގީ 2020/2021 ސީޒަންގަ އެވެ. ލިއޮނެލް މެސީ ވެސް ކުޅުނު އެ އަހަރުގެ ސްޕެނިޝް ކަޕް ކާމިޔާބު ކުރީ އޭރުގެ ކޯޗު ރޮނާލްޑް ކޫމަން އާއެކު އެވެ.

ސްޕެނިޝް ސުޕަ ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ބާސެލޯނާ އެވެ. ބާސެލޯނާ ވަނީ 13 ފަހަރު ސުޕަ ކަޕް ތަށި އުފުލާލައިފަ އެވެ. ރެއާލުން މިރޭގެ ފައިނަލް ކާމިޔާބު ކޮށްފި ނަމަ މި މުބާރާތުގައި ތަށީގެ ގޮތުން ބާސެލޯނާއާ އެއްވަރު ވާނެ އެވެ.

ޒަވީ ބުނީ ބާސެލޯނާ ގައި އެންމެ މުހިއްމު ކަމަކީ މޮޅުވުން ކަމަށެވެ. އަދި މިރޭގެ މެޗާ ކުރިމަތިލާނީ ތަށި ހޯދުމުގެ އަޒުމުގައި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

"އަމާޒަކީ ޗެމްޕިއަންކަން. މާދަމާ އަހަރެމެން 90 ނުވަތަ 120 މިނިޓު ކުޅެން ޖެހުނަސް އަހަރެމެން ނުކުންނާނީ ތަށި ހޯދުމުގެ އުންމީދުގައި،" ކުޅުންތެރިއެއްގެ ގޮތުގައި ބާސެލޯނާއާ އެކު ހަ ފަހަރު ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކުރި ޒަވީ ބުންޏެވެ.

"ވަރަށް ބޮޑު އުއްމީދަކާއެކު އަހަރެމެން މިތިބީ މޮޅުވާން. އަހަރެމެން މަސައްކަތް ކުރާނީ އެންމެ ރަނގަޅަށް ކުޅެ، އަނބުރާ ބާސެލޯނާ އަށް ތަށި ގެންދަން."