Roadha Mihaaru
ޓީމެއްގެ ސިފަ ބާސާ އަށް، އެކަމަކު ރެއާލް ފައިނަލަށް

ޓީމެއްގެ ސިފަ ބާސާ އަށް، އެކަމަކު ރެއާލް ފައިނަލަށް

13 ޖެނުއަރީ 2022

ރިޔާޒް (ޖެނުއަރީ 13) - ސީޒަންގެ ކުރީކޮޅު ހާވިޔާވެފައި އޮތް ބާސެލޯނާ އިން، ސުޕެނިޝް ސުޕަ ކަޕްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ފެންވަރު ސާބިތުކޮށް ދިން ނަމަވެސް، 3-2 އިން އެ ޓީމު ބަލިކޮށް ރެއާލް ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރިޔާޒް (ޖެނުއަރީ 13) - ސީޒަންގެ ކުރީކޮޅު ހާވިޔާވެފައި އޮތް ބާސެލޯނާ އިން، ސުޕެނިޝް ސުޕަ ކަޕްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ފެންވަރު ސާބިތުކޮށް ދިން ނަމަވެސް، 3-2 އިން އެ ޓީމު ބަލިކޮށް ރެއާލް ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސައުދީގެ ވެރިރަށް، ރިޔާޒުގައި ރޭ ކުޅުނު ސުޕަ ކަޕްގެ ސެމީ، ރެއާލް އިން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތުގައި ނަތީޖާ އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގައި ފެޑެރިކޯ ވަލްވާޑޭ ޖެހި ލަނޑުންނެވެ. ރެއާލްއިން ދެ ފަހަރަށް ލީޑު ނެގުމުން ވެސް ބާސާއިން ނަތީޖާ ހަމަހަމަ ކުރި އެވެ. ކޯޗު ޒަވީ ހެނާންޑޭޒް ބާސާއާ ހަވާލުވިއިރު، އައިޑެންޓިޓީ ގެއްލިފައި އޮތް ބާސާ އަށް ޓީމެއްގެ ސިފަ މިހާރު ވަނީ ލިބިފަ އެވެ.

ޒަވީ ގެންނަން މަސައްކަތްކުރާ ބަދަލު ޓެސްޓްކޮށްލަން ފުރުސަތު ލިބޭނީ ވަރުގަދަ މެޗަކުންކަން ކުރިން ވެސް އޮތީ ބެލެވިފަ އެވެ. ރޭ ރިޔާޒުގައި ކުޅުނު މެޗުން އެ ބަދަލު ޓެސްޓް ކުރެވުނެވެ. އެކަމަކު ނަތީޖާ ބާސާގެ ކޮޅަށް އަނބުރައެއް ނުލެވުނެވެ. މިދިޔަ ތިން އެލް ކްލެސިކޯގައި ފެނުނީ، ރެއާލްގެ ފެންވަރު މާބޮޑަށް ވެސް ރަނގަޅުވެފައި އޮތް ތަނަވެ. އެކަމަކު ރޭ ބާސާ ޑޮމިނޭޓް ކުރި އެވެ.

ބާސާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނުމަށް ފަހު ފާޓީ އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ބާސާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނުމަށް ފަހު ފާޓީ އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ޒަވީ ވެސް ބުނީ، މެޗު ޑޮމިނޭޓް ކުރީ ބާސާ ކަމަށެވެ. އެކަމަކު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް މަންޒަރު ފެނުނުގޮތް ތަފާތެވެ. އޭނާ ބުނިގޮތުގައި މެޗުގެ އެއްބައި ރެއާލްއިން ޑޮމިނޭޓް ކުރި އެވެ. އަދި ބާސާއިން ވެސް އެއްބައި ޑޮމިނޭޓް ކުރި ކަމަށް އޭނާ ބުންޏެވެ.

ރެއާލަށް ފުރަތަމަ ލީޑު ނަގައިދިނީ، ވިނީޝިއުސް ޖޫނިއާ އެވެ. މެޗުގެ 25 ވަނަ މިނެޓްގައި އޭނާ ލީޑު ނެގި ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލޫކް ޑި ޔޯންގް، ބާސާ އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. ދެވަނަ ހާފުގައި ކަރީމް ބެންޒެމާ ރެއާލް އަށް އަލުން ލީޑު ނަގައިދިނެވެ.

އަންސޫ ފާޓީ އާއި ޕެޑްރީ އެކުގައި ކުޅެން ފުރުސަތު ލިބުމުން ބާސާގެ ކުޅުން އިތުރަށް ވަރުގަދަ ވެގެން ވެސް ދިޔަ އެވެ. މެޗުގެ ފަހު 10 މިނެޓަށް އެޅުނު ފަހުން ފާޓީ، ބާސާ އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މެޗުގެ ވަގުތު ހަމަހަމަ ވުމުން، އިތުރު ވަގުތުގެ ދެހާފު ކުޅުނު އިރު، ވަލްވާޑޭ ރެއާލް އަށް ލީޑް ނަގައިދިނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ އަށް ވަނަ މިނިޓުގަ އެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލްގައި ރެއާލްއާ ދެކޮޅަށް ކުޅޭ ޓީމެއް ކަށަވަރު ވާނީ، ދެވަނަ ސެމީ ފައިނަލް މެޗުގައި މިރޭ، އެތުލެޓިކޯ މެޑްރިޑާއި އެތުލެޓިކް ކްލަބް ބިލްބާއޯ ކުޅޭ މެޗުންނެވެ.