Roadha Mihaaru
ގައުމީ ޓީމުގެ ޖާގަހޯދަން ކާވަހާލް ބަދަލުކުރީ ޑައިޓް

ގައުމީ ޓީމުގެ ޖާގަހޯދަން ކާވަހާލް ބަދަލުކުރީ ޑައިޓް ޕްލޭން

06 ނޮވެމްބަރ 2021

މެޑްރިޑް (ނޮވެމްބަރު 6) - ސްޕެއިންގެ އެންމެ ބޮޑު ކްލަބު ރެއާލް މެޑްރިޑްގެ ކުޅުންތެރިޔަކަށް ސްޕެއިންގެ ގައުމީ ޓީމުން ފުރުސަތު ނުދޭތާ ހަތް މަހަށް ފަހު އެ ކްލަބުގެ ޑިފެންޑަރު ޑެނީ ކާވަހާލް އަށް، ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭ ވަނީ އިއްޔެ ފުރުސަތު ދީފަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (ނޮވެމްބަރު 6) - ސްޕެއިންގެ އެންމެ ބޮޑު ކްލަބު ރެއާލް މެޑްރިޑްގެ ކުޅުންތެރިޔަކަށް ސްޕެއިންގެ ގައުމީ ޓީމުން ފުރުސަތު ނުދޭތާ ހަތް މަހަށް ފަހު އެ ކްލަބުގެ ޑިފެންޑަރު ޑެނީ ކާވަހާލް އަށް، ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭ ވަނީ އިއްޔެ ފުރުސަތު ދީފަ އެވެ.

އެންރީކޭގެ ޓީމުން ރެއާލްގެ ކުޅުންތެރިޔަކަށް މީގެ ކުރިން ފުރުސަތު ދިނީ މާޗް މަހު ސާޖިއޯ ރާމޯސް އަށެވެ. މިއަހަރު ޖޫން އަދި ޖުލައި މަހު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި ސްޕެއިންގެ ޓީމުން ރެއާލްގެ އެއްވެސް ކުޅުންތެރިޔަކަށް ފުރުސަތު ނުދެ އެވެ. އެއީ ސްޕެއިންގެ ގައުމީ ޓީމުގެ ތާރީހުގައި އެ ގައުުމުގެ އެންމެ ކާމިޔާބު ކްލަބުގެ ކުޅުންތެރިޔަކަށް ފުރުސަތު ނުދީ ސްޕެއިންއިން ފުރިހަމަ ކުރި ހަމައެކަނި މުބާރާތެވެ.

ކާނާތު ބެކަށް ކުޅޭ ކާވަހާލް އަށް ސްޕެއިންގެ ގައުމީ ޓީމުން މީގެ ކުރިން ފުރުސަތު ލިބުނީ 2018 ގަ އެވެ. އޭގެ ފަހުން އޭނާ އަށް ފުރުސަތު މި ލިބުނީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ސްޕެއިން ކުޅެން އޮތް ގުރޫޕްގެ އެންމެ ފަހު ދެ މެޗަށެވެ. ރެއާލްގައި މިފަހުން ކުޅުނު މެޗުތަކުގައި ކާވަހާލް މޮޅު ކުޅުމެއް ދައްކި އެވެ. އަނިޔާގައި ދޭތެރެދޭތެރެއިން ހޭދަ ކުރާ ޑިފެންޑަރަށް މިދިޔަ ދެ އަހަރު އަސަރު ކުރި އެވެ. އެންމެ ފަހުން ކުރިމަތިވި އަނިޔާއިން ރަނގަޅުވެ މޮޅު ކުޅުމެއް ދައްކަން މަގުފަހިވީ އޭނާގެ ޑައިޓް ޕްލޭނަށް ގެނައި ބަދަލުގެ ސަބަބުންނެވެ.

ސްޕެއިންގެ ގައުމީ ޓީމަށް ކާވަހާލް ކުރިން ކުޅުނު މެޗެއްގެ ތެރެއިން --- ފައިލް ފޮޓޯ: ރޮއިޓަސް

ސްޕެއިންގެ ގައުމީ ޓީމަށް ކާވަހާލް ކުރިން ކުޅުނު މެޗެއްގެ ތެރެއިން --- ފައިލް ފޮޓޯ: ރޮއިޓަސް

"އަހަރެން މިހާރު ބޭނުން ކުރަނީ ގްލުޓެން ފްރީ އަދި ގޮޮދަން ނުހިމެނޭ ކާނާ. މޭވާގެ ބާވަތްތައް ގިނައިން ހިމެނޭ ގޮތަށް ޑައިޓް އެކުލަވާލަނި،" އޭނާގެ ކުޅުމަށް އައި ބަދަލާ ބެހޭގޮތުން ވާހަކަ ދައްކަމުން ކާވަހާލް ބުންޏެވެ. "އެއީ ވަރަށް ސްޓްރިކްޓް އަދި އެހާމެ އުނދަގޫ ވެސް ޑައިޓެއް. އެކަމަކު އޭގެ ފައިދާ ވަރަށް ބޮޑު. އެއީ ކޮންމެ ދުވަހެއްގެ ހެނދުނު އަދި މެންދުރު އަދި ރޭގެނޑު ބްރޮކޯލީ ކެއުން ކަހަލަ ކަމެއް."

ސްޕެއިންގެ ގައުމީ ޓީމުން އެންރީކޭ ދެން ފުރުސަތު ދިން އަނެއް ކުޅުންތެރިޔަކީ ބާސާގެ ޒުވާން ފޯވާޑް އަންސޫ ފާޓީ އާއި އޭސީ މިލާންގެ ފޯވާޑް ބްރަހިމް ޑިއަޒް އެވެ. ފާޓީ އަކީ ސްޕެއިންގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. ސެޕްޓެމްބަރު 2020 ގައި ޔޫކްރޭން އަތުން 4-0 ން ސްޕެއިން މޮޅުވި މެޗުގައި ފާޓީ ލަނޑު ޖެހިއިރު އޭނާގެ އުމުރަކީ 17 އަހަރާއި 311 ދުވަހެވެ. ރެއާލްގެ ލޯނެއްގެ ދަށުން މިލާން އަށް ކުޅެމުންދާ ބްރަހިމް އަށް ސްޕެއިންގެ ސްކޮޑުން ފުރުސަތު ދިނީ މުޅިން އަލަށެވެ.

ގުރޫޕް ބީ ގައި އަންނަ ބުރާސްފަތި ދުވަހު ސްޕެއިން ނުކުންނާނީ އެތެންސްގައި ގްރީސް އާ ދެކޮޅަށެވެ. އަދި ނޮވެމްބަރު 14 ގައި ނުކުންނާނީ ސްވިޑެންއާ ދެކޮޅަށް ސެވިއްޔާގަ އެވެ. ގުރޫޕްގެ އެއްވަނައިގައި ސްވިޑެން އޮތީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ސްޕެއިން އަށް ލިބިފައި ވަނީ 13 ޕޮއިންޓެވެ. އަންނަ އަހަރު ގަތަރުގައި ބާއްވާ މުބާރާތަށް ޔޫރަޕް ޒޯންއިން ސީދާ ކޮލިފައި ވާނީ ގުރޫޕްތަކުގެ އެއް ވަނަ ހޯދާ ޓީމު ތަކެވެ. ދެ ވަނައިގައި ނިންމާލާ ޓީމުތަކަށް ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.