Roadha Mihaaru
ސްޕެއިންގެ ކޮންމެ ކުޅުންތެރިޔަކަށް 1،000 ޕެނަލްޓީ

ސްޕެއިންގެ ކޮންމެ ކުޅުންތެރިޔަކު 1،000 ފަހަރު ޕެނަލްޓީ ޖަހަން އެންގިން: އެންރީކޭ

06 ޑިސެމްބަރ 2022

ދޯހާ (ޑިސެމްބަރު 6) - ސްޕެއިންގެ ޓީމުގެ ކޮންމެ ކުޅުންތެރިޔަކު 1،000 ޕެނަލްޓީ ޖަހަން އޭނާ އެނގިކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ދޯހާ (ޑިސެމްބަރު 6) - ސްޕެއިންގެ ޓީމުގެ ކޮންމެ ކުޅުންތެރިޔަކު 1،000 ޕެނަލްޓީ ޖަހަން އޭނާ އެނގިކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ ސްޕެއިން ނުކުންނާނީ މޮރޮކޯ އާ ދެކޮޅަށެވެ. މިރޭގެ މެޗު ޕެނަލްޓީއާ ހަމައަށް ހިނގައިދާނެ ކަމަށް އެންރީކޭ ލަފާ ކުރެ އެވެ.

މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ވަނީ ސްވިޒަލެންޑްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކާމިޔާބު ހޯދައިފަ އެވެ. އެކަމަކު ސެމީ ފައިނަލުގައި އިޓަލީ އަތުން ބަލިވީ ޕެނަލްޓީ ޝޫޓްއައުޓްގައި ނާކާމިޔާބު ވުމުންނެވެ.

"މީގެ އެއް އަހަރު ކުރިން ސްޕެއިންގެ ކޭމްޕްގައި ހުރެ އަހަރެން ބުނިން ވޯލްޑް ކަޕަށް އަންނަން ޖެހޭނީ ކޮންމެ ކުޅުންތެރިޔަކު 1،000 ޕެނަލްޓީ ޖެހުމަށް ފަހު ކަމަށް،" މިރޭ މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި އެންރީކޭ ބުންޏެވެ.

"އަހަރެން ސިފަ ވަނީ އެ ކުޅުންތެރިން އެ ހޯމް ވޯކް ހެދި ކަމަށް. މިތާންގައި ޕެނަލްޓީ އަށް ޕްރެކްޓިސް ކުރަން ވެއްޖެއްޔާ ޕެނަލްޓީ އަށް އެކަށޭނެ ޕްރެކްޓިހެއް ނުލިބޭނެ."

ބާސެލޯނާގެ ކުރީގެ ކޯޗު ބުނީ ޕެނަލްޓީ އަކީ ނަސީބު ދީމާވާހެން ދިމާވާ އެއްޗެއް ނޫން ކަމަށެވެ.

އޭނާ ބުނީ ޕެނަލްޓީގެ ވަގުތަކީ ކުޅުންތެރިން ހާސްކަން އިތުރުވާނެ ވަގުތެއް ކަމަށެވެ. ނަމަވެސް އެ ކުޅުންތެރިޔަކު ދުރާލައި އެކަމަށް ޕްރެކްޓިސްކޮށް ތައްޔާރުވެ އެ ކުޅުންތެރިޔެއްގެ ޖެހިލުން ކުޑަކަމާއި ހާސްވުން ނެތްކަން ހާމަކުރަންވީި ވަގުތަކީ އެއީ ކަމަށް އެންރީކޭ ބުންޏެވެ.

"އަދި އެ ޕެނަލްޓީ އެ ކުޅުންތެރިޔަކު ބޭނުން ގޮތަކަށް ވައްދާލެވޭނެ 1،000 ފަހަރު އެކަމަށް ޕްރެކްޓިސް ކޮށްފައި ވާނަމަ،" އޭންރީކޭ ބުންޏެވެ.

ސްޕެއިންގެ ކީޕަރު އުނައި ސިމޯންގެ ފެންވަރާ މެދު މީޑިއާއިން ވަނީ ސުވާލު އުފައްދައިފަ އެވެ. އެކަމަކު އެންރީކޭ ބުނީ ސްޕެއިންގައި ތިބި ތިން ކީޕަރުންނަކީ ވެސް ޕެނަލްޓީޝޫޓް އައުޓްގައި ޓީމަށް ކާމިޔާބު ހޯދޭނެ ފެންވަރުގެ ކީޕަރުން ކަމަށެވެ.

މޮރޮކޯ އާއި ސްޕެއިން ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 8 ޖަހާއިރު އެވެ.