Roadha Mihaaru
ބްރެޒިލްއާ ކުޅެން ޖެހުނަސް ސްޕެއިނުން ރިސްކެއް ނުނަގާނެ

ބްރެޒިލް އާ ކުޅެން ޖެހުނަސް ސްޕެއިން އިން ރިސްކެއް ނުނަގާނެ

01 ޑިސެމްބަރ 2022

އަލް ރައްޔާން (ޑިސެމްބަރު 1) - ކުއާޓާ ފައިނަލް ގައި ބްރެޒިލް އާ ކުޅެން ޖެހުނަސް، ވޯލްޑް ކަޕް ގުރޫޕް ސްޓޭޖްގެ ފަހު މެޗް ގައި ޖަޕާނާ ދެކޮޅަށް އެއްވެސް ރިސްކެއް ނަގަން ބޭނުން ނުވާކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަލް ރައްޔާން (ޑިސެމްބަރު 1) - ކުއާޓާ ފައިނަލް ގައި ބްރެޒިލް އާ ކުޅެން ޖެހުނަސް، ވޯލްޑް ކަޕް ގުރޫޕް ސްޓޭޖްގެ ފަހު މެޗް ގައި ޖަޕާނާ ދެކޮޅަށް އެއްވެސް ރިސްކެއް ނަގަން ބޭނުން ނުވާކަމަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެެވެ.

ސްޕެއިން މިވަގުތު އޮތީ ހަތަރު ޕޮއިންޓް ހޯދައިގެން ގުރޫޕް އީ ގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް ޖަޕާނާއި ތިންވަނައިގައި އޮތް ކޮސްޓަ ރިކާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ޖަރުމަނަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

ގުރޫޕްގެ އެއްވަނަ ހޯދައިގެން ގަދަ 16 ގައި ސްޕެއިން އަށް ވާދަކުރަން ޖެހޭނީ ގުރޫޕް އެފް ގެ ދެވަނަ ޓީމާ ދެކޮޅަށެވެ. ގުރޫޕް އެފް ގެ ކްރޮއޭޝިއާ އާއި މޮރޮކޯ ވަނީ ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. ބެލްޖިއަމަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. މި ގުރޫޕުން ކެނެޑާ ވަނީ ބާކީ އެއް މެޗު އޮއްވައި މުބާރާތުން ކަޓައިފަ އެވެ.

ގަދަ 16 އިން މޮޅުވެގެން ކުއާޓާ ފައިނަލް ގައި ވާދަކުރަން ޖެހޭނީ، ގުރޫޕް ޖީ ގެ އެއްވަނަ، ނުވަތަ ގުރޫޕް އެޗް ގެ ދެވަނަ ޓީމާ ދެކޮޅަށެވެ.

ގުރޫޕް ޖީ އިން ބްރެޒިލް ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ގަދަ 16ގެ ޖާގަ ވަނީ ޔަގީން ކޮށްފަ އެވެ. ފަހު މެޗުގައި ޕޮއިންޓެއް ހޯދައިގެން ވެސް އެޓީމަށް އެއްވަނަ ލިބޭނެ އެވެ. އަދި ގުރޫޕް އެޗްގައި ޕޯޗުގަލް ވެސް ވަނީ ދެ މެޗުން މޮޅު ވެފަ އެވެ. ދެވަނައިގައި މިވަގުތު އޮތީ އެއް މެޗު ކާމިޔާބު ކޮށްފައިވާ ގާނާ އެވެ. ދެކުނު ކޮރެއާ އާއި އުރުގުއޭ އަށް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ.

ސްޕެއިން ޓީމާއެކު ފަރިތަކުރުން ތަކުގައި އެންރީކޭ ކުޅުންތެރިންނަށް އިރުޝާދު ދެނީ.-- ފޮޓޯ: އޭއެފްޕީ

ސްޕެއިން ޓީމާއެކު ފަރިތަކުރުން ތަކުގައި އެންރީކޭ ކުޅުންތެރިންނަށް އިރުޝާދު ދެނީ.-- ފޮޓޯ: އޭއެފްޕީ

"އަހަރެމެން އެކަމާ މެދު ވިސްނާލިން، އެކަމަކު އަންދާޒާ ކޮށްލަމާ އަހަރެމެން ދެވަނައިގައި ނިންމަން ބޭނުން ނަމަ ވާނެ ގޮތް. މެޗުގެ 90 މިނިޓު ކުޅޭއިރު، ގުރޫޕްގެ ދެ މެޗު ވެސް ލަނޑެއް ނުޖެހި އެއްވަރު ވެފައި އޮއްވައި، އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި، ނިމެން 15 ވަރަކަށް ސިކުންތަށް ވެފައި ވަނިކޮށް ޖަޕާނާއި ކޮސްޓަ ރިކާ ވެސް ލަނޑު ޖެހީ. އޭރުން އަހަރެމެންނަށް މުބާރާތް ނިމުނީ،" ޖަޕާނާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ޕްރެސް ގައި ސްޕެއިންގެ ކޯޗު އެންރީކޭ ބުންޏެވެ.

"އެހެން ހާލަތަކަށް ވިސްނާލަމާ. ޖަރުމަން 5-0 އިން ކުރީގައި އޮތީ، އަހަރެމެން އެއްވަރު ކޮށްލަން މަސައްކަތް ކުރަނިކޮށް ޖަޕާނުން ގޯލެއް ޖަހައިފިއްޔާ ވެސް އަހަރެމެން ކެޓީ. ރަނގަޅު ޓީމެއް އަތުގައި އޮއްވައި، ފައިނަލަށް ދިޔުމަށްޓަކައި ހަތް މެޗު ކުޅެން ޖެހޭއިރު، ދެވަނައިގައި ނިންމަން ބޭނުން ވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކެން.

"އަހަރެމެން ބޭނުމީ އެއްވަނައިގައި ނިންމަން. ކުއާޓާ ގައި ބްރެޒިލް އާ ކުޅެން ޖެހިއްޖެއްޔާ ވަރަށް ރަނގަޅު، އަހަރެމެން މިތިބީ ބްރެޒިލް އާ ދެކޮޅަށް ވެސް ކުޅެން ތައްޔާރަށް."

ސްޕެއިން އިން މުބާރާތް ފެށީ 7-0 ގެ ބޮޑު ތަފާތަކުން ކޮސްޓަ ރިކާ ބަލިކޮށްފަ އެވެ. ދެވަނަ މެޗުގައި ޖަރުމަން އަތުން 1-1 އިން އެއްވަރުވި ނަމަވެސް ގިނަ ބަޔަކު ދެކޭގޮތުގައި ސްޕެއިން އަކީ ވޯލްޑް ކަޕްގެ ފޭވަރިޓެކެވެ.

އެހެން ނަމަވެސް ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ވަރުގަދަ ބްރެޒިލް އަކީ މުބާރާތުގެ ފޭވަރިޓުން ކަމަށް އެންރީކޭ ކުރިން ވެސް އައީ ބުނަމުންނެވެ.

"ބްރެޒިލް އަކީ ދުނިޔޭގެ ގަދަ ބާރު، ކޮންމެ އަހަރަކު ވެސް ވޯލްޑް ކަޕްގެ ފޭވަރިޓަކީ އެމީހުން. އަބަދުވެސް ބްރެޒިލް ވާނެ ފޭވަރިޓުންގެ ތެރޭ ނަގާކިޔާ ޓީމަކަށް، އިންޑިވިޖުއަލް ހުނަރު އެޓީމުގައި އެހާ ގިނަ.. އޭގައި ހައިރާން ވާންވީވަރުގެ ކަމެއް ނެތް،" އެންރީކޭ ބުންނެވެ.

"ފީފާ ރޭންކިން އަށް ބަލައިލާއިރު ވެސް ގިނަ ފޭވަރިޓުން ތިބީ ރޭންކިންގެ ގަދަ 10 ގައި. ފްރާންސާއި ބްރެޒިލް އަކީ އެންމެ މަތީ ޓީމުތައް."

ފުރޫޕް އީ ގައި ސްޕެއިން އާއި ޖަޕާން ކުޅޭ މެޗާއި، މި ގުރޫޕް ގައި ހިމެނޭ ޖަރުމަނާއި ކޮސްޓަ ރިކާ ބައްދަލުކުރާ މެޗު ވެސް ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރެވެ.