Roadha Mihaaru
ވެކްސިން ފުރިހަމަ ކުރާ މީހުންނަށް ލަންކާއިން ލުއި ދީފި

ވެކްސިން ފުރިހަމަ ކުރާ މީހުން ލަންކާގައި ކަރަންޓީން ވާން ޖެހޭނީ އެންމެ ދުވަހަކު

07 ޖުލައި 2021

ކޮވިޑް-19އާ ގުޅިގެން ލަންކާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް މާދަމާ އިން ފެށިގެން ލުއި ދޭން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19އާ ގުޅިގެން ލަންކާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް މާދަމާ އިން ފެށިގެން ލުއި ދޭން ނިންމައިފި އެވެ.

ލަންކާ އިން ދިން ލުއިތަކުގެ ތެރޭގައި ވެކްސިން ފުރިހަަމަކޮށް 14 ދުވަސް ވެފައިވާ މީހުން ދެން އެ ގައުމަށް ގޮސް ކަރަންޓީން ވާން ޖެހޭނީ އެންމެ ދުވަހަކަށެވެ. އެއީ އެ ގައުމަށް ގޮސް ހަދާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ލިބެންދެނެވެ. ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ނުޖެހޭނެ އެވެ.

މި ގެނައި ބަދަލާ އެކު ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ވެސް ލަންކާ އަށް ދަތުރު ކުރެވޭނީ 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓު ނަތީޖާއަކާއެކުގަ އެވެ.

ލަންކާގެ ހެލްތު މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މާދަމާ އިން ފެށިގެން އެ ގައުމަށްދާ ޓޫރިސްޓުން "އިލެކްޓްރިކް ޓްރެވަލް އޮތޮރައިޒޭޝަން" ނަގަން ޖެހޭނެ ކަމަށެވެ. މި ހުއްދަ އެ ގައުމުގެ ޓޫރިޒަމް ވެބްސައިޓް މެދުވެރިކޮށް ދޫކުރާނެ އެވެ.

ޓޫރިސްޓުންގެ އިތުރުން އެކި ބޭނުންތަކަށް ލަންކާ އަށް ދަތުރުކުރާ އެހެން ގައުމުތަކުގެ މީހުން ވެސް ހުއްދަ ނަގަން ޖެހޭނެ އެވެ. ނަމަވެސް ޓޫރިސްޓުން ނޫން މީހުން ހުއްދަ ނަގަން ޖެހޭނީ އެ ގައުމުގެ ފޮރިން މިނިސްޓްރީ އަށް އީމެއިލް ކޮށްގެންނެވެ. ޓޫރިސްޓުންނާއި އެހެން ގައުމުތަކުގެ ރައްޔިތުން ހުއްދަ ނަގަން ޖެހުނު ނަމަވެސް ލަންކާގެ ރައްޔިތުންނާއި ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނަށް ހުއްދައަކައި ނުލައި ދަތުރު ކުރެވޭނެ އެވެ.

ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ލަންކާ އިން ލުއި ދީފައިވާއިރު ބައެއް ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފަ އެވެ. އެގޮތުން، އިންޑިއާ އާއި ވިއެޓްނާމާއި ދެކުނު އެމެރިކާގެ ގައުމުތަކާއި ދެކުނު އެފްރިކާގެ ގައުމަކަށް 14 ދުވަސް ކުރިން ޒިޔާރަތް ކޮށްފައިވާ އެއްވެސް މީހަކަށް ލަންކާ އަށް އެރުމުގެ ހުއްދަ ނުދޭން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެ ގައުމުތަކަށް ޒިޔާރަތްކޮށްފައިވާ ލަންކާގެ ރައްޔިތުންނަށް ހާއްސަ ހުއްދައެއްގެ ދަށުން އެނބުރި ގައުމަށް ދެވޭނެ އެވެ.

ރާއްޖޭން ވެސް ވަނީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް މާދަމާ އިން ފެށިގެން ލުއިތައް ދޭން ނިންމައިފަ އެވެ. މި ލުއިތަކާ އެކު ވެކްސިން ފުރިހަމަކޮށް، 14 ދުވަސްވެފައިވާ މީހުންނަށް ޕީސީއާރު ނެގެޓިވް ނަތީޖާއަކާ އެކު މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްތަކަށް ކަރަންޓީނު ނުވެ ދަތުރު ކުރެވޭނެ އެވެ. އަދި މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު ވެސް މާދަމާ އިން ފެށިގެން އުވާލާނެ އެވެ.