Roadha Mihaaru
ޖަޔަސޫރިއާ ވެކްސިން ޖެހި މައްސަލަ ބޮޑުކޮށްލައިފި

ޖަޔަސޫރިއާ ވެކްސިން ޖެހި މައްސަލަ ބޮޑުވެގެން އުޅެނީ ކީއްވެ؟

05 މާޗް 2021

ކޮލަމްބޯ (މާޗް 5) - ސްރީ ލަންކާގެ ކުރީގެ ކްރިކެޓް ކެޕްޓަން ސަނަތު ޖަޔަސޫރިއާ ކޮވިޑް ވެކްސިން ޖެހި މައްސަލަ ބޮޑުކޮށްލައިގެން، އެކަމަށް އެހީތެރިވެދިން މީހުންގެ ވަޒީފާ ވެސް ބަދަލުކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މާޗް 5) - ސްރީ ލަންކާގެ ކުރީގެ ކްރިކެޓް ކެޕްޓަން ސަނަތު ޖަޔަސޫރިއާ ކޮވިޑް ވެކްސިން ޖެހި މައްސަލަ ބޮޑުކޮށްލައިގެން، އެކަމަށް އެހީތެރިވެދިން މީހުންގެ ވަޒީފާ ވެސް ބަދަލުކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ޖަޔަސޫރިއާގެ މައްސަލަ ބޮޑުކޮށްލި ނަމަވެސް އޭނާ އިއްޔެ ބުނެފައި ވަނީ ވެކްސިން ޖެހުމަށް އެއްވެސް މީހެއްގެ ނުފޫޒް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް އޭނާ ދިރިއުޅޭ ސަރަހައްދުގައި ވެކްސިން ސެންޓަރެއް ނެތުމުން ހެލްތު އޮފިސަރުންގެ އެހީތެރިކަން ހޯދި ކަމަށް އެއްބަސްވެފައިވެ އެވެ. އެ ގޮތުން އޭނާ ވަނީ މިނިސްޓްރީ އޮފް ޕްރައިމަރީ ހެލްތު ކެއާގެ ސެކްރެޓަރީ ޑރ. އަމާލް ހަރުޝާ ޑި ސިލްވާގެ އެހީތެރިކަން ހޯދި ކަމަށް ބުނެފަ އެވެ. އެއީ ޖަޔަސޫރިއާ އުޅޭ ތިމްބިރިގަސްޔާޔާގައި ވެކްސިން ސެންޓަރެއް ނެތުމުން ކަމަށް އޭނާ ބުންޏެވެ. އެހެންވެ ޑި ސިލްވާ ވަނީ ބޮރެއްލާގައި ހުންނަ ވެކްސިން ސެންޓަރަށް ޖަޔަސޫރިއާ ދިއުމަށް ލަފާދީފައި ކަމަށް އޭނާ ބުންޏެވެ.

ޖަޔަސޫރިއާ ބުނީ އޭނާ ވެކްސިން ޖަހާފައި ވަނީ ނުފޫޒުގެ ބޭނުންކޮށްގެން ކަމަށް ބުނެ ވާހަކަ ދައްކަނީ ވަރަށް ބޭއިންސާފުން ކަމަށެވެ.

ޚަބަރުތައް ބުނާ ގޮތުގައި ޑރ. އަމާލް ހަރުޝާ ޑި ސިލްވާ މިހާރު ވަނީ އެހެން ވަޒީފާއަކަށް ބަދަލުކޮށްފަ އެވެ. ސަބަބެއް ކަމަށް ބުނަނީ ޖަޔަސޫރިއާ އަށް ވެކްސިން ޖަހަން އޭނާ އެހީތެރިވެދީފައިވާތީ ކަމަށްވެ އެވެ.

ސިފައިންގެ ކޮމާންޑަރު ޖެނެރަލް ޝަވެންދުރަ ސިލްވީ ވިދާޅުވީ އެންމެ ނާޒުކް ކެޓަރީގެ މީހުންނާއި ފްރޮންޓްލައިން އަދި ހެލްތު އޮފިޝަލުންނަށް ވެކްސިން ޖަހަމުންދިޔަ ދުވަސްވަރު ޖަޔަސޫރިއާ ވެކްސިން ޖެހީ ކޮން ގޮތަކުންތޯ ބަލަމުންދާ ކަމަށެވެ. އަދި އެ ލިސްޓުގައި ޖަޔަސޫރިއާ ހިމެނިފައި ވަނީ އޭނާ ދިރިއުޅޭ ސަރަހައްދުގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާތީ ކަމަށް ވެސް ވެދާނެ ކަމަށް ސިލްވާ ވިދާޅުވި އެވެ.