Roadha Mihaaru
ވެކްސިން ޖެހި މީހުންނަށް ލަންކާގައި ކަރަންޓީނު އުވާލަނީ

ކޮވިޑް ވެކްސިން ފުރިހަމަކޮށްފައި ލަންކާއަށް ދާ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތް ހަދަނީ

16 މާޗް 2021

ސްރީ ލަންކާ އަށް ދާ މީހުންގެ ތެރެއިން ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިތިބޭ މީހުން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ހަދަން އެ ގައުމުގައި ހުށަހަޅައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސްރީ ލަންކާ އަށް ދާ މީހުންގެ ތެރެއިން ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިތިބޭ މީހުން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ހަދަން އެ ގައުމުގައި ހުށަހަޅައިފި އެވެ.

އެ ގައުމުގެ ޓޫރިޒަމް މިނިސްޓްރީން ސިއްހީ ގައިޑްލައިންތަކަށް ބަދަލު ގެނައުމަށް މިހާރު ހުށަހަޅާފައި ވާއިރު މި ބަދަލުތަކަށް ވަރަށް އަވަހަށް އަމަލު ކުރަން ފެށޭނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. އަދި މި ބަދަލާއެކު ކޮވިޑް ވެކްސިންގެ ދެ ޑޯޒު ޖަހައިގެން ދާ ޓޫރިސްޓުންގެ އިތުރުން އެ ގައުމަށް އެހެނިހެން ބޭނުންތަކުގައި ދާ މީހުން ވެސް ކަރަންޓީން ވާން ނުޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވެލްނެސް ޓޫރިޒަމަށް ފުރުސަތު ލިބޭ ގޮތަށް ވެސް ގައިޑްލައިންތަކަށް ބަދަލު ގެންނަން އެ ގައުމުން ވަނީ ނިންމައިފަ އެވެ. ވެލްނެސް ޓޫރިޒަމްގެ ދަށުން، ބަރުދަން ލުއި ކުރުމަށާއި ޔޯގާ އަދި ސްޓްރެސް ފިލުވައިލުން ކަހަލަ ހިދުމަތްތައް ހޯދަން ގިނަ އަދަދެއްގެ ޓޫރިސްޓުން ލަންކާއަށް ޒިޔާރަތް ކުރެ އެވެ.

މިހާރު ލަންކާއަށް ދާ އެންމެން ވެސް ކޮވިޑް-19 އަށް ޕީސީއާރު ޓެސްޓު ހަދައި ކަރަންޓީން ވާން ޖެހޭނެ އެވެ. އަދި ޕީސީއާރު ޓެސްޓު ނެގެޓިވް ވެއްޖެ ނަމަ ޓޫރިސްޓުންނަށް ދެވޭނީ ސަރުކާރުން ކަނޑައަޅާފައިވާ ސަރަހައްދުތަކަށް އެކަންޏެވެ.

ލަންކާއިން ވަނީ އެކި ކަންކަމުގައި އެ ގައުމުން ބޭރަށް ގޮސް އަންނަ މީހުންނަށް ކަރަންޓީނުގެ މުއްދަތު ފަސް ދުވަހަށް ކުރު ކޮށްދީފަ އެވެ. ކަރަންޓީންވާތާ ފަސް ދުވަސް ފަހުން ޓެސްޓު ހެދުމަށް ފަހު ނެގެޓިވް ނަތީޖާއާ އެކު ކަރަންޓީނު ނިމުމަކަށް އަންނާނެ އެވެ.